ކުޅުދުއްފުށީ ހޮސްޕިޓަލަށް ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން އިއުލާންކޮށްފި

ކުޅުދުއްފުށީ ހޮސްޕިޓަލް: ފޮޓޯ/ ކުޅުދުއްފުށީ.ކޮމް

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ސްޕެޝަލިސްޓް ދިވެހި ޑޮކްޓަރުން ހޯދުމަށް ހެލްތު މިނިސްޓްރީން އިއްޔެ އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ކިޑްނީގެ ބަލިތަކާއި ހިތުގެ ބަލިތަކާ ބެހޭ ޚާއްސަ ޑޮކްޓަރެއް އެ ހޮސްޕިޓަލްއަށް ބޭނުންވާ ކަމަށެވެ.

މިކަމަށް ސައުގުވެރިވާ ޑޮކްޓަރުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހެ އެވެ.

ޝައުގުވެރިވާ ޑޮކްޓަރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ އެ މީހެއްގެ ރޭންކަަށް ބެލުމަށް ފަހު އެވެ. އެގޮތުން، މުސާރައިގެ ގޮތުގައި 44،670 ރުފިޔާ އާއި 54،430 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައަޅާފައިވެ އެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި ކޮންމެ ދުވަހަކު 425 ރުފިޔާ ދޭނެ ކަމަށް ވެސް އިއުލާންގައިވެ އެވެ.

ސަރުކާރުން އަންނަނީ ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމަށް ހަވާލުކޮށްފައިވާ އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައިއާ) އާ އެކު ވެފައިވާ އެއްބަސްވުން އުވާލުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް