ރޮނާލްޑޯ އެއަރޕޯޓުގައި ހުރި "ބުދު" ބަދަލުކުރުމުން ގިނަބައެއްގެ ނުރުހުން!

މެޑެއިރާގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެއަރޕޯޓުގައި ބަހައްޓާފައި ހުރި ރޮނާލްޑޯގެ ކުރީގެ ސްޓެޗޫ (ކ) ނެގުމަށް ފަހު ބަދަލުގައި ބެހެއްޓި އާ ސްޓެޗޫ (ވ)-- ގެޓީ ފޮޓޯ: އޭއެފްޕީ

ކްރިސްޓިއާނޯ ރޮނާލްޑޯގެ އުފަން ރަށް، ޕޯޗްގަލްގެ މެޑެއިރާގެ އެއަރޕޯޓުގައި ބަހައްޓާފައި ހުރި، ރޮނާލްޑޯގެ "ބަސްޓް" ނުވަތަ ބުދު އޭނާއާ ވައްތަރު އެހެން ބުދަކަށް ބަދަލުކޮށްފިއެވެ.

ރެއާލް މެޑްރިޑް އަދި ޕޯޗްގަލް ފޯވާޑްގެ ބްރޮންޒް ބަސްޓް މިދިޔަ އަހަރު މެޑެއިރާ އެއަރޕޯޓުގައި ބެހެއްޓުމާއެކު އޭގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެގެން ދިޔައެވެ. އަދި ގިނަ ބަޔަކު ވަނީ، އޭ ބުދު ރޮނާލްޑޯއާ ވައްތަރު ނޫންކަމަށާއި ރޮނާލްޑޯއަށް ވުރެ ބޮޑަށް، ރެޕަބްލިކް އޮފް އަޔަރލޭންޑްގެ ކެޕްޓަން ނިއޯލް ކުއިންއާ ވައްތަރުކަމަށް ބުނެ ފާޑުކިޔައިފައެވެ.

ނަމަވެސް އޭރު އެ ބުދު ތައްޔާރުކުރި އެމެނުއެލް ސަންޓޯޒް ބުނީ، އޭނާ އެ ހަދާފައި ވަނީ ވަރަށް ފުރިހަމައަށް ކަމަށާއި ފާޑުކިޔަނީ އެކިމީހުންގެ "ރަހަ ތަފާތުވީމާ" ކަމަށެވެ. އަދި އެކަކަށް ވެސް އެންމެގެ ހިތްހަމަޖައްސައި ނުދެވޭނޭ ކަމަށެވެ.

ކުރިން ރޮނާލްޑޯގެ ބަސްޓް ބަހަށްޓާފައި ހުރި ތަނުގައި އަލަށް ބެހެއްޓި ބުދު ފަރުމާކޮށްފައި ވަނީ އެހެން އާޓިސްޓަކު ލައްވައެވެ.

ރޮނާލްޑޯއަށް އިހްތިރާމްކުރުމުގެ ގޮތުން، 2017 ވަނަ އަހަރުގެ މާރިޗް މަހު މެޑެއިރާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ނަން ވަނީ "ކްރިސްޓިއާނޯ ރޮނާލްޑޯ އެއަރޕޯޓް"އަށް ބަދަލުކޮށްފައެވެ. އެއަރޕޯޓުގެ ނަން ބަދަލުކޮށް އެންމެ ފުރަތަމަ ބެހެއްޓި ބަސްޓުގެ ބަދަލުގައި، މިދިޔަ ހުކުރު ދުވަހު ބެހެއްޓި ބަސްޓަކީ ރޮނާލްޑޯއާ ވަރަށް ބޮޑަށް ވައްތަރުކޮށް ފަރުމާކޮށްފައިވާ ބުދެކެވެ.

މެޑެއިރާގައި ހުންނަ ސީއާރ7 ދާރުލްއާސާރު މެދުވެރިކޮށް، އެއަރޕޯޓުގައި ހުރި އެ ބުދަށް ބަދަލު ގެނައީ ރޮނާލްޑޯގެ އާއިލާގެ އެދުމުގެ މަތީންކަމަށްވެއެވެ.

ކަންދިމާކުރި ގޮތުން، އެ ބުދު ބަދަލުކުރި ދުވަސް ދިމާވީ، މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ސްޕެއިން ކޮޅަށް އުމުރުން 33 އަހަރުގެ ފޯވާޑް ހެޓްރިކް ހެދި ދުވަހަށެވެ.

ހީކުރި ގޮތާ ޚިލާފަށް، ކުރިން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ބުދު ބަދަލުކުރުމުން، އެތައްބަޔަކު މިހާރު ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އެމީހުން ބުނަމުން ދަނީ، މިހާރު އެ ބުދަކީ މެޑެއިރާއަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން އަނބުރާލާފައިވާ ބުދަކަށް ވުމުން ކުރިން އެމީހުންނަށް ރަނގަޅީ ކުރިންވެސް ހުރި ބުދުކަމަށެވެ.

comment ކޮމެންޓް