އީރާނަށް ޖާސޫސު ކޮށްދިނުމުގެ ތުހުމަތުގައި އިސްރާއީލުގެ ކުރީގެ ވަޒީރަކު ހައްޔަރުކޮށްފި

އީރާނަށް ޖާސޫސުކޮށްދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިސްރާއީލުގެ ކުރީގެ ވަޒީރު ގޮނިން ސީގެފް

ޓެލްއަވީވް (ޖޫން 19) : އިސްރާއީލުގެ އަސްކަރީ ސިއްރުތައް އީރާނަށް ފޯރުކޮށްދީ އީރާނުގެ ޖާސޫސީ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ތުހުމަތުގައި އިސްރާއީލުގެ ކުރީގެ ވަޒީރެއް ކަމަށްވާ ގޮނިން ސީގެފް ހައްޔަރުކޮށްފި އެވެ.

މިކަން ހާމަކުރަމުން އިސްރާއީލުގެ އެތެރޭގެ ޖާސޫސާބެހޭ އިދާރާ (ޝިންބެތް) އިން ބުނީ ގޮނިން ހައްޔަރުކުރީ އެފްރިޚާގެ ގައުމެއް ކަމަށްވާ އިކުއެޓޯރިއަލް ގިނީ އަށް ކުރެއްވި ދަތުރެއްގައި އުޅުއްވަނިކޮށް މިދިޔަ މޭމަހު އެގައުމުގެ ފުލުހުންކަމަށާ މިހާތަނަށް ކުރިތަހްގީގްތަކުން އިސްރާއީލުގެ މަތީ މަގާމެއްގައި ހުރެގެން އިސްރާއީލުގެ އެންމެ ބޮޑު ދުޝްމަންކަމަށްވާ އީރާނަށް ޖާސޫސުކޮށްދިންކަމުގެ ތުހުމަތު ރަސްމީ ސިފައެއްގައި ގޮނިންގެ މައްޗަށް ކުރެވޭ މިންވަރަށް އޭނާއާ ދެކޮޅަށް ހެކި ލިބިފައިވާ ކަމުގަ އެވެ.

ގޮނިން ސީގެފް އަކީ އިސްރާއީލުގެ ހަކަތައާ ބެހޭ ވަޒީރުކަމުގައި އިސްރާއީލުގެ ކެބިނެޓްގައި އެތަށް އަހަރެއްވަންދެން ޚިދްމަތް ކުރައްވާފައިވާ މަތީ ފެންވަރުގެ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ ވަނީ އިސްރާއީލުގެ ޕާލަމެންޓް މެންބަރުކަން ވެސް ކުރައްވައިފަ އެވެ.

އޭނާ އީރާނަށް ވަފާތެރި ޖާސޫސެއްގެ ގޮތުގައި ރެކްރޫޓް ކުރުމުގެ ގާބިލްކަން އީރާނަށް ލިބިގެންދިޔަކަން ހާމަވުމަކީ އީރާނުގެ ޖާސޫސީ އިދާރާގެ ވަރުގަދަކަން ހާމަކޮށްދޭ ކަމެއްކަމަށް ބުނެ އިސްރާއީލުގެ ނޫސްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޚާއްސަކޮށް އެމެރިކާގެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅު ތަކުގެ ދަށުގައި އީރާން އޮވެފައި އީރާނުގެ އަވަށްޓެރި ސައޫދީ، ޔޫއޭއީ އަދި ބަހްރައިން ފަދަ އަރަބި ގައުމުތައް ވެސް އީރާނާގުޅުންތައް ކަނޑާލައި އެމެރިކާ އާއި އިސްރާއީލުން އީރާނާދެކޮޅަށް ހިންގާ އުދުވާނީ އަމަލުތަކަށް އެގައުމުތަކުން ވެސް ހިއްވަރުދޭ މިދުވަސްވަރުގައި އިސްރާއީލުގެ މަތީ ފެންވަރުގެ ބޭފުޅަކު ޖާސޫސެއްގެ ގޮތުގައި ރެކްރޫޓ ކޮށްލެވުމަކީ އީރާނުގެ ޖާސޫސީ ނިޒާމުގެ ވަރުގަދަކަމާއި އޭގެ މޫތައް ގޮސްފައިވާ ހިސާބާ މެދު އެމެރިކާ އާއި އިސްރާއީލާއި ގަލްފުގެ އަރަބި ގައުމުތައް ކަންބޮޑުވާނެ ކަމެއްކަމަށް އިސްރާއީލުގެ ނޫސްތައް ބުނެ އެވެ.

ގޮނިން ސީގެފްގެ މައްޗަށް އިސްރާއީލުން ކުރި ތުހުމަތުތަކުގެ ތެރޭގައި އީރާނުގެ ޖާސޫސީ އިދާރާގެ އެޖެންޓެއްގައި އިސްރާއިލާ ދެކޮޅަށް މަސައްކަތްކުރުމާއި ސިއްރިޔާތުގައި އީރާނަށް ޒިޔާރަތްކޮށް އިސްރާއީލާ ބެހޭ އަސްކަރީ ހައްސާސް މައުލުމާތު އީރާނުގެ ޖާސޫސީ ވެރިންނަށް ދެއްވުން ހިމެނެ އެވެ.

އީރާނުގެ ޖާސޫސީ އިދާރާއިން ގޮނިން ރެކްރޫޓްކޮށްފައިވާއިރު އޭނާއާ ސިއްރިޔާތުގައި މުއާމަލާތް ކުރަނީ ނައިޖީރިޔާއާއި އެފްރިކާގެ އެހެން ގައުމުތަކުގައިވާ އީރާނުގެ އެންބަސީތަކުން ކަމަށް އިސްރާއީލުގެ އެތެރޭގެ ޖާސޫސާބެހޭ އިދާރާ (ޝިންބެތް) އިން ބުނެ އެވެ. ގޮނިން އީރާނަށް ޖާސޫސުކޮށްދެމުން ގެންދާކަން ބޭޒާރުވެފައި މިވަނީ އީރާނުގެ ނިއުކްލިޔާ އަދި ބަލިސްޓިކް މިސައިލާބެހޭ ސިއްރު މައުލުމާތުތަކެއް ޖާސޫސުކޮށްގެން ހޯދާފައިވާ ކަމަށް ވިދާޅުވެ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ އެމައުލޫމާތު ހާމަކުރައްވައި އިސްރާއީލުގެ ޖާސޫސީ ގާބިލްކަމާމެދު ފަޚްރުވެރިވެ ވަޑައިގެން ވާހަކަ ދެއްކެވިތާ ދޮޅު މަހެއްހާ ދުވަސްފަހުންނެވެ.

އީރާނުން ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރުމާއި ބަލިސްޓިކް މިސައިލް ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް ކުރާ މަސައްކަތަކީ އިސްރާއީލާ އެއްވަރުގެ އަސްކަރީ ބާރު އީރާނަށް ލިބިގެންދާނެ ކަމަކަށްވާތީ މިއީވެސް އިސްރާއީލާއި އެމެރިކާ ކަންބޮޑުވާ ކަމެކެވެ. ނިއުކްލިޔާ ޓެކްނޮލޮޖީ އާއި ބަލިސްޓިކް މިސައިލް ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ ފުރްސަތު އެމެރިކާ ދެނީ ހަމައެކަނި އިސްރާއީލަށެވެ. އިސްރާއީލުގައި ނިއުކްލިޔާ ހަތިޔާރު ހުރިނަމަވެސް އެމެރިކާވަނީ އެކަމަށް ލޯމަރާލާފަ އެވެ. ސައޫދީ ޚާރިޖީ ވަޒީރު ވަނީ އިސްރާއީލުގެ ނިއުކްލިޔާ ހަތިޔާރާ މެދު ވާހަކަ ނުދައްކަވައި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަކީ ގަލްފަށް އޮތް ބިރެއްކަމަށް ސިފަކުރައްވައި އީރާނުން ނިއުކްލިޔާ ބޮން އުފައްދާ ނަމަ ސައޫދީން ވެސް އެކަން ކުރާނެކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

އިސްރާއީލާއި ގަލްފުގެ ބައެއް އަރަބި ގައުމުތަކާ ދެމެދު ސިއްރިޔާތުގައާ އަދި ބައެއްފަހަރު ފާޅުގައި ގުޅުންތައް ހިންގައި އިސްރާއީލާ ގާތްވުމުގެ ސިޔާސަތުތަކެއް އެގައުމުތަކުން ތަންފީޒު ކުރަމުން ގެންދާ މިދުވަސްވަރު އީރާނާއި އިސްރާއީލާ ދެމެދު ދަނީ ނުސީދާ ގޮތެއްގައި ވަރުގަދައަށް ހަނގުރާމަ ހިނގަމުންނެވެ.

ސޫރިޔާގައި އީރާނުގެ ބާރުތައް އޮތުމާއި އީރާނުގެ ބާރާއި ނުފޫޒު އޮންނަ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތް އިސްރާއީލާ ކުރިމަތިލެވޭ ފަދަ ބާރުގަދަ ހާލަތެއްގައި އޮތުމާ އަދި އިރާގުގައި ވެސް އީރާނުގެ ބާރާއި ނުފޫޒު ވަރުގަދަ ވުމަކީ އެމެރިކާއާއި އިސްރާއީލާ އަދި ގަލްފުގެ ބައެއް އަރަބި ގައުމުތައް ކަންބޮޑުވާކަމެކެވެ.

ދާދިފަހުން ބަހްރައިންގެ ޚާރިޖީ ވަޒީރުވަނީ ސޫރިޔާއަށް އިސްރާއީލު ހަމަލާދިނުމުން އިސްރާއީލުގެ ދިފާއުގައި ވާހަކަ ދައްކަވައި އިސްރާއީލަށް އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު ލިބިގެންވާކަމަށް ވިދާޅުވެފަ އެވެ. އަދި އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކޮށް ގުދްސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ ބަލައިގަތުމުން ވެސް ބަހްރައިން އިން ބުނެފައި ވަނީ އެއީ ބަހްރައިން އިން ސަމާލުކަން ދޭންޖެހޭ ފަދަ ބޮޑު މައްސަލައެއް ނޫންކަމުގަ އެވެ.

އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކޮށް ގުދްސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ ބަލައިގަތުމުން ސައޫދީ އާއި ޔޫއޭއީ ންވެސް އެކަމާދެކޮޅަށް ހަރަކާތްތެރިވެފައެއް ނުވެއެވެ. އަދި އިސްރާއީލުގެ އިސްތިއްމާރާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރާ ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ސައޫދީ އާއި ޔޫއޭއީ އާއި ބަހްރައިން އިންވަނީ ސިފަކޮށްފަ އެވެ.

ސައޫދީ އިސްމަސްއޫލުވެރިއަކު ވަނީ އެމެރިކާ ގެނަސްދޭ ސުލްހަ ފަލަސްތީނުން ގަބޫލުނުކުރާ ނަމަ އަގަމަޑުންލައިގެން އޮތުމަށް ފަލަސްތީނަށް ގޮވާލައްވައިފަ އެވެ. މީގެ އިތުރުން އީރާނުގެ ނުރައްކަލާ ކުރިމަތިލުމަށް ޓަކައި އިސްރާއީލާއި ގަލްފުގެ ގައުމުތަކުގެ މަސްލަހަތު އެއްގޮތްކަމަށް ވިދާޅުވެ ނަންހާމަކުރަން ނޭދޭ ސައޫދީ މަސްއޫލުވެރިއަކު ވަނީ ވާހަކަ ދައްކަވައިފަ އެވެ. ސައޫދީ އާއި ޔޫއޭއީއާއި ބަހްރައިން އިންވަނީ އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމުން ވަކިވެ އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އެޅުމަށް ނިންމުމުން އެކަމަށް މަރްހަބާ ކިޔައިފަ އެވެ.

ޔަަމަންގެ ހޫޘީ ޖަމާއަތުގެ ފަހަތުގައި އީރާން އޮންނަ ކަމަށް ތުހުމަތުކޮށް ސައޫދީ އާއި ޔޫއޭ އިން ވަނީ ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރުމަށްޓަކައި ޔަމަނަށް އަސްކަރީ ވަދެގެންފަ އެވެ. އެދެގައުމުން ޔަމަނަށް ދޭ ހަމަލާތަކުގައި އިސްރާއީލުގެ އަސްކަރީ ޕައިލެޓުން ބައިވެރިވާ ކަމަށް ހޫޘީން ވަނީ ތުހުމަތުކޮށްފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް