ފުރަތަމަ ހަފްތާގައި "ރޭސް 3"އަށް އެއް ބިލިއަންގެ އާމްދަނީއެއް

ކްރިޓީކުންނަށް ކަމުނުދިޔަ ނަމަވެސް، މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ސަލްމާން ޚާންގެ "ރޭސް 3" އަށް ފުރަތަމަ ހަފްތާގައި އެއް ބިލިއަން ރުޕީޒްގެ އާމްދަނީއެއް ލިބިއްޖެއެވެ.

އެ ފިލްމަށް މިހާތަނަށް 106.47 ކުރޯރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ޓްރޭޑް އެނަލިސްޓު ތަރަން އާދަރްޝް ވަނީ ހާމަކޮށްފައެވެ.

އެއާއެކު "ރޭސް 3" ވެގެން ގޮސްފައި ވަނީ މި އަހަރު ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން ހަފްތާ ބަންދުގައި 100 ކުރޯރު ހޯދި ދެވަނަ ފިލްމަށެވެ.

އެ ފިލްމުގެ އިތުރުން ހަފްތާ ބަންދުގައި 100 ކުރޯރުގެ އާމްދަނީއެއް ލިބިފައި ވަނީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ޕަދްމާވަތު" އަށެވެ. "ޕަދްމާވަތު" އަށް ފުރަތަމަ ހަފްތާ ބަންދުގައި 114 ކުރޯރު ލިބުނެވެ.

ސަލްމާން އަކީ އީދާއި ދިމާކޮށް އޭނާގެ ފިލްމުތައް ރިލީޒް ކުރާ ފަންނާނެކެވެ. އަދި އީދު ބަންދާ ދިމާކޮށް ރިލީޒްކޮށްފައިވާ އެނާގެ ގިނަ ފިލްމުތަކަށް 100 ކުރޯރަށް ވުރެ ބޮޑު އާމްދަނީއެއް ލިބެއެވެ.

"ރޭސް" ފްރެންޗައިޒްގެ ފުރަތަމަ ދެ ފިލްމަށް ކްރިޓީކުންގެ ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް، "ރޭސް 3"އަށް ކްރިޓީކުންގެ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އަދި ފިލްމު ބަލަން ދިޔަ ގިނަ މީހުން ވެސް ވަނީ ފިލްމަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

ސަލްމާންގެ އިތުރުން، ޖެކްލީން ފާނަންޑޭޒް، އަނިލް ކަޕޫރު، ބޮބީ ޑިއޯލް، ޑެއިޒީ ޝާހް އަދި ސާލިމް ސަލީމް މުހިންމު ރޯލުތަކުން ފެނިގެންދާ އެ ފިލްމު ޑައިރެކްޓުކޮށްފައި ވަނީ ކާމިޔާބު ކޮރެއޯގްރާފަރު ރޭމޯ ޑިސޫޒާއެވެ.

ފިލްމުގެ ހާއްސަ ފެނިލުމަކުން ބަތަލާ ސޮނާކްޝީ ސިންހާ ވެސް ފެނިގެންދާނެއެވެ.

"ރޭސް" ފިލްމު ސީރީޒްގެ ފުރަތަމަ ފިލްމު ރިލީޒްކޮށްފައި ވަނީ 2008ގައެވެ. ދެވަނަ ފިލްމު ރިލީޒް ކުރީ 2013ގައެވެ. ފުރަތަމަ ދެ ފިލްމާ ޚިލާފަށް، "ރޭސް 3" ގެ ކާސްޓަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ.

comment ކޮމެންޓް