މިސް ވޯލްޑް މަނޫޝީގެ މިސްރާބު ބޮލީވުޑަށް؟

ބޮލީވުޑާ ގުޅުމުގެ ވިސްނުން ހުރިކަމަށް، އެންމެ ފަހުން ދުނިޔޭގެ ރީތީގެ ރާނީއަކަށް ހޮވުނު މަނޫޝީ ޗިއްލަރު ބުނެފި އެވެ.

މިދިޔަ ނޮވެމްބަރު މަހު ޗައިނާގައި ބޭއްވި 67 ވަނަ މިސް ވޯލްޑް މުބާރާތުގައި ވާދަކޮށް، 20 އަހަރުގެ މަނޫޝީ އެ މުބާރާތް ކާމިޔާބު ކުރި އިރު އޭނާ ދިޔައީ ސިއްހީ ދާއިރާ އިން މަތީ ތައުލީމު ހާސިލު ކުރަމުންނެވެ.

އިންޑިއާގެ ހުރިހާ ރީތީގެ ރާނީން ވެސް ވަނީ ބޮލީވުޑުގައި ފައިތިލަ ސާބިތު ކުރުމަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން އެފަދަ ވިސްނުމެއް ގެންގުޅެންތޯ މަނޫޝީ އާ ސުވާލު ކުރުމުން އޭނާ ބުނެފައި ވަނީ ވަގުތު ޖެހުމުން އެކްޓަރެއްގެ ގޮތުގައި ވެސް ފެނިގެން ދާނެ ކަމަށެވެ.

މަނޫޝީ ގަބޫލު ކުރާ ގޮތުގައި ކޮންމެ ޑޮކްޓަރަކީ ވެސް އެކްޓަރެކެވެ. އަދި އޭނާ އަކީ މޮޅު އެކްޓަރެއް ކަމަށް ޚުދު އޭނާ ވެސް ގަބޫލު ކުރެ އެވެ.

"ބައްޕަ އަބަދު ވެސް ބުނާނެ މޮޅު ޑޮކްޓަރަކަށް ވާން ބޭނުން ނަމަ ފުރަތަމަ ވާން ޖެހޭނީ މޮޅު އެކްޓަރަކަށް ކަމަށް. އެއީ 50 ޕަސެންޓު ބަލި މީހުން ރަނގަޅު ވަނީ ޑޮކްޓަރުންގެ ފަރާތުން ލިބޭ ހިތްހަމަޖެހުމުގެ ސަބަބުން،" މަނޫޝީ ބުންޏެވެ.

މަނޫޝީ ބުނީ ޑޮކްޓަރުންނަށް ކޮންމެ ދުވަހަކު ވެސް އެކްޓު ކުރަން ޖެހޭ ކަމަށެވެ. އެއީ ޑޮކްޓަރުންގެ އިހްސާސްތައް ކޮންޓްރޯލްކޮށް، ވަރަށް ސާބިތު އަދި ހިތްވަރު ގަދަ ބައެއްގެ ގޮތުގައި ބަލި މީހުންނަށް ދެއްކުމަށެވެ.

އަދި މިސް ވޯލްޑެއްގެ ހައިސިއްޔަތުން ވެސް، ދުވަހެއްގައި އެތައް ފަހަރު އެކްޓު ކުރަން ޖެހޭ ކަމަށް މަނޫޝީ ބުންޏެވެ.

"އެހެންވީމަ އަހަންނަށް އެނގޭ އަހަންނަކީ މޮޅު އެކްޓަރެއް ކަން،" އޭނާ ބުންޏެވެ.

މަނޫޝީ ބުނީ އަދި ފިލްމެއްގެ ހުށަހެޅުން ލިބިފައި ނުވި ނަމަވެސް، އެފަދަ ފުރުސަތަކަށް އޭނާ އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ.

އަދި މިހާރު ވަރަށް ބޮޑެތި ޒިންމާތަކެއް އޭނާގެ ބޮލުގައި އެޅިފައިވާ ކަމަށާއި އެކަންކަން ނިމުމުން އަދި ރަނގަޅު ވަގުތު ޖެހުމުން ބޮލީވުޑަށް ނިކުތުމާ މެދު ގޮތެއް ނިންމާނެ ކަމަށް މަނޫޝީ ބުންޏެވެ.

މަނޫޝީ އަކީ މިސް ވޯލްޑް ހޯދި އިންޑިއާގެ ހަ ވަނަ ރީތީގެ ރާނީ އެވެ. އަދި މަނޫޝީ އަކީ 2000 ވަނަ އަހަރުގެ ފަހުން މިސް ވޯލްޑް ލިބުނު ފުރަތަމަ އިންޑިއާގެ ރީތީގެ ރާނީ އެވެ. ދެހާސް ވަނަ އަހަރު މިސް ވޯލްޑް ލިބުނީ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އެވެ.

comment ކޮމެންޓް