ތަފާތު ބޮޑުކޮށް ޕެނަމާ ބަލިކޮށް، ބެލްޖިއަމްއަށް ވަރުގަދަ ފެށުމެއް

ބެލްޖިއަމްއާއި ޕެނަމާ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި ބެލްޖިއަމް ކުޅުނު ފުރަތަމަ މެޗުގައި ތަފާތު ބޮޑުކޮށް ޕެނެމާ ބަލިކޮށްފައެވެ.

މި އަހަރުގެ ވޯލްޑް ކަޕަކީ ޕެނަމާ ވާދަކުރާ ފުރަތަމަ ފަހަރެވެ. މިރޭގެ މެޗަށް އެޓީމު ނުކުތް އިރު، އެގައުމުގެ ގިނަ ރައްޔިތުންނެއް މިރޭގެ މެޗަށް އިންތިޒާރު ކުރިއެވެ. އެހެން ނަމަވެސް މިރޭގެ މެޗު ނިމުނީ ސަޕޯޓަރުން އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ.

ގިނަ އަދަދެއްގެ ތަރިންނާއެކު ވޯލްޑް ކަޕަށް ނުކުތް ބެލްޖިއަމްއިން މިރޭގެ މެޗު 3-0ގެ ނަތީޖާއަކުން ކާމިޔާބުކުރި އިރު، އެޓީމަށް ފުރަތަމަ ހާފްގައި ޕެނަމާގެ ޑިފެންސް ފޫ އަޅުވާލެވިފައެއް ނުވެއެވެ.

ބެލްޖިއަމްއާއި ޕެނަމާ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ރަޝިއާގެ ސޯޗީގެ ފިޝްޓް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފް ވެގެންދިޔައީ ބެލްޖިއަމްއަށް ނުތަވަސްކަން ކުރިމަތިކުރުވި ފުރަތަމަ ހާފަކަށެވެ. ދުނިޔޭގެ ތިން ވަނައަށް ރޭންކް ކުރެވިފައިވާ ބެލްޖިއަމްއިން ކޮލިފިކޭޝަންގައި ގިނަ ގޯލްތަކެއް ޖެހި ނަމަވެސް މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި އެޓީމުގެ ޕެނަމާގެ ޑިފެންސް ފޫއަޅުވައެއް ނުލެވުނެވެ.

ޔެނިކް ކަރެސްކޯއާއި ރޮމެލޫ ލުކާކޫގެ ހަމަލާގެ އިތުރުން ކެޕްޓަން އެޑިން ހަޒާޑް ފޮނުވާލި ހަމަލާގެވެސް ހުރަހަކަށްވީ ޕެނަމާގެ ގޯލް ކީޕަރު ޖެއިން ޕެނަޑޯއެވެ. ޕެނަމާގެ ޑިފެންސުން ފުރަތަމަ ހާފްގައި ދެ ގޯހެއް ފެނިފައިވާ އިރު، އެ ދެހަމަލާގެ ބޭނުންވެސް ބެލްޖިއަމްއަށް ހިފިފައެއް ނުވެއެވެ.

ބެލްޖިއަމްއާއި ޕެނަމާ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ފުރަތަމަ ހާފްގައި ބެލްޖިއަމްއަށް ލިބުނު ހަމަލާތަކުގެ ބޭނުން އެޓީމަށް ނުހިފުނު ނަމަވެސް، ދެވަނަ ހާފްގައި ބެލްޖިއަމްގެ ފޯވަޑް ލައިނުން ވަނީ ރަނގަޅު ބޯޅަތަކެއް ނިންމާލައިފައެވެ.

ދެވަނަ ހާފް ފެށިގެން ތިން ވަނަ މިނެޓުގައި ބެލްޖިއަމްއިން ލީޑު ނެގިއެވެ. އެޓީމަށް ލީޑު ނަގައިދިނީ ޑްރައިސް މާޓެންސްއެވެ. އޭނާގެ ގޯލާއެކު މެޗު ހުޅުވިގެން ދިޔައެވެ. ހާއްސަކޮށް ބެލްޖިއަމްގެ އެޓޭކް ވަރުގަދަވެގެން ދިޔައެވެ.

މެޗުގެ 69 ވަނަ މިނެޓުގައި ލުކާކޫގެ ގޯލާއެކު ބެލްޖިއަމްއިން ލީޑު ފުޅާކުރި އިރު، ލުކާކޫ އެގޯލް ޖެހީ ކެވިން ޑިބްރޭނާގެ ހިލޭ ޖެހުމެއްގެ ބޭނުން ހިފައިގެންނެވެ. އޭގެ ފަސް މިނެޓް ފަހުން ލުކާކޫގެ ދެވަނަ ގޯލާއެކު ބެލްޖިއަމްއިން ލީޑު ފުޅާކުރިއެވެ. ހަޒާޑްގެ ތުރޫ ބޯޅައަށް ކުރިއަށް ޖެހި ލުކާކޫ ގޯލަށް ބޯޅަ ވައްދާލީ ކީޕަރު ބޯމަތިން "ޗިޕެއް" އެއްލައިގެންނެވެ.

ބެލްޖިއަމްއާއި ޕެނަމާ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިރޭގެ ގޯލާއެކު މާޓެންސް ވެފައިވަނީ ޖެހިޖެހިގެން ދެ ވޯލްޑް ކަޕެއްގައި ގޯލްޖެހި ހަމައެކަނި ބެލްޖިއަމްގެ ކުޅުންތެރިއާއަށެވެ.

ވޯލްޑް ކަޕް ޖީގެ މެޗެއް އަދިވެސް މިރޭ އޮންނާނެއެވެ. އެ މެޗުގައި ވާދަކުރާނީ އިންގްލެންޑާއި ޓިއުނީޝިއާއެވެ.

comment ކޮމެންޓް