ދަރިވަރުންނަށް ޓެބްލެޓް ބަހަން ފަށައިފި

ޓީޗަރުންނަށް ޓެބްލެޓްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް، ޓީޗަރަކަށް ޓެބްލެޓް ހަވާލުކުރަނީ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ

ސްކޫލްތައް ޑިޖިޓަލައިޒް ކުރުމަށް ފަށާފައިވާ ޕްރޮޖެކްޓުގެ ދަށުން ދަރިވަރުންނަށް ބޭނުންވާ ޓެބެލްޓް ހަވާލުކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މިއަހަރުގެ ދެވަނަ ސެމިސްޓަރުގެ ކިޔެވުން ފެށުމާއެކު ދަރިވަރުންނަށް ޓެބްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ބަލެނިވެރިންނާއި ދަރިވަރުން އެ ޕްރޮޖެކްޓަށް އަހުލުވެރިކުރުމުގެ މަސައްކަތް ހުރިހާ ސްކޫލެއްގައި މިހާރު ކުރިއަށްދާ ކަމަށެވެ.

އެގޮތުން އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވަނީ، ދަރިވަރުންނަށް ޓެބްލެޓް ބަހައި ދެވަނަ ޓާމުގެ ތެރޭގައި އެ ބޭނުންކޮށްގެން ކިޔަވައިދޭން ފަށާނެ ކަމަށް ބުނެފައެވެ. ނަމަވެސް ވަކި ތާރީހެއް ބުނެފައެއް ނުވެއެވެ.

ދަރިވަރުންނަށް ބޭނުންވާ ޓެބްލެޓް ބަހަން މިއަދު ފަށާފައި ވާއިރު ޑިޖިޓަލައިޒޭޝަން މަޝްރޫއަށް ރާއްޖޭގެ ހުރިހާ ސްކޫލެއް ވައިފައިކޮށް، ގްރޭޑް 1-12 އަށް ކިޔަވައިދޭ 8،000 އަށްވުރެ ގިނަ ޓީޗަރުންނަށް ޓެބްލެޓް ހަވާލުކޮށް މިހާރު ވަނީ ނިމިފައެވެ.

އަދި އެ ތަކެތި ބޭނުންކުރުމަށް ޓީޗަރުންނަށް އަމާޒުކޮށްގެން ހިންގުނު ލެވެލް 1 އަދި 2ގެ ތަމްރީނުތައް ރާއްޖޭގެ ހުރިހާ ޓީޗަރުންވެސް ފުރިހަމަ ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ސްކޫލްތައް ޑިޖިޓަލައިޒްކުރުމަށް ފަށާފައިވާ ޕްރޮޖެކްޓުގެ ދަށުން ހުރިހާ ދަރިވަރުންނަށާއި ޓީޗަރުންނަށް ދޭން ހަމަޖައްސާފައިވަނީ ވާވޭ ބްރޭންޑުގެ ޓެބްލެޓެވެ. އަދި އެ މަޝްރޫއުގެ ދަށުން 70،000 އަށްވުރެ ގިނަ ޓެބްލެޓް ހަވާލުކުރެވޭނެއެވެ.

comment ކޮމެންޓް