ފަލަސްތީނުގެ ކަރުދާހު ގުޑިއާ ދެކޮޅަށް އިސްރާއީލުގެ ފައިޓާ ޖެޓްތައް ހަރަކާތްތެރިވަނީ

ޓެލްއަވީވް (ޖޫން 18): ކަރުދާހު ގުޑި ބޭނުންކޮށްގެން އިސްރާއީލަށް ހަމަލާދޭ ފަލަސްތީނުގެ ޒުވާނުންނަށް އަމާޒުކޮށް އިސްރާއީލުގެ އަސްކަރީ މަތިންދާ ބޯޓުތަކުން ހަމަލާތަކެއް ދީފިއެވެ.

އަލިފާނުގެ ގުޑި ބޭނުންކޮށްގެން ގައްޒާގެ ދެ ސަރަހައްދަކުން އިސްރާއީލަށް ހަމަލާ ދެމުން ދިޔަ ޒުވާނުންނަށް ހަމަލާދީ، އެމީހުން ޝަހީދުކޮށްލުމަށް އިސްރާއީލުން ބޭނުންކުރީ އެމެރިކާގައި އުފައްދާފައިވާ އެފް16 ފައިޓާ ޖެޓުތަކެވެ.

އިސްރާއީލުގެ ފައިޓާ ޖެޓުތަކުން ދިން މިސައިލް ހަމަލާތަކުގައި ފަލަސްތީނުގެ ދެ ޒުވާނުން ޒަޚަމްވެ، ކާރެއް ހަލާކުވެފައި ވާއިރު އެއްވެސް މީހަކު ޝަހީދުވެފައެއް ނުވެއެވެ. މިދިޔަ ހުކުރު ދުވަހުވެސް އިސްރާއީލު ސިފައިން ގައްޒާގެ ޒުވާނުންގެ ބަޔަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައި ވާއިރު އެ ހަމަލާތައްވެސް އަމާޒުކުރީ އިސްރާއީލަށް އަލިފާނުގެ ގުޑިން ހަމަލާދޭ ފަލަސްތީނުގެ ޒުވާނުންނަށް ކަމަށް ފަލަސްތީނުގެ މަސްއޫލުވެރިން ވިދާޅުވިއެވެ.

ފަލަސްތީނުގެ ގައްޒާގެ ޒުވާނުން އަލިފާން ރޯކޮށްފައި، އިސްރާއީލުގެ ދަނޑުތަކަށް އަމާޒުކޮށް ވައިގެ މަގުން ފޮނުވާ ގިނަ އަދަދެއްގެ ގުޑީގެ ހަމަލާތަކުގައި 6،000 ހެކްޓަރުގެ ދަނޑުބިން އަނދައިގެން ގޮސް އޭގެ ގެއްލުން 80 ވަރަކަށް މިލިޔަން ޑޮލަރަށް އަރާފައިވާ ކަމަށް އިސްރާއީލުގެ މީޑިޔާ ބުނެއެވެ.

އަމިއްލައަށް އުފައްދާ ހަތިޔާރުތަކެއް ބޭނުންކޮށްގެން ފަލަސްތީނުގެ ޒުވާނުން އިސްރާއީލަށް ހަމަލާދެމުން ދަނީ، ގައްޒާގެ ސަރަހައްދީ ރޮނގުގައި މުޒާހަރާކުރި 130 އަށް ވުރެ ގިނަ ގައްޒާ ރައްޔިތުން ޝަހީދުކޮށް، އެތައް ބަޔަކު ޒަޚަމްކުރުމުން އެކަމަށް އިސްރާއީލުގެ ކިބައިން ބަދަލުހިފުމުގެ ގޮތުންނެވެ.

އިސްރާއީލުގެ ގިނަ އަދަދެއްގެ ދަނޑުތައް ގައްޒާއާއި އިސްރާއީލުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ވެއެވެ. ގުޑި ބޭނުންކޮށްގެން ފަލަސްތީނުގެ ޒުވާނުން ހަމަލާދެމުން ދަނީ އިސްރާއީލުގެ ގޮވާން ކަނޑަން ތައްޔާރުވެފައިވާ ގޮވާން ދަނޑުތަކަށެވެ. މ ިދުވަސްވަރަކީ ހޫނު މޫސުން ކަމުން އެ ދަނޑުތަކުގައި ފަސޭހައިން ހުޅު ހިފަމުން ދެއެވެ.

އިސްރާއީލުން ވަނީ މިދިޔަ ހަފުތާގައި ފަލަސްތީނުގެ ޒުވާނުން ފޮނުވި މިބާވަތުގެ ގުޑިތަކެއް އޭގެ އަމާޒަށް ފޯރުމުގެ ކުރިން، އަސްކަރީ ޑްރޯނެއް ބޭނުންކޮށްގެން ވައްޓާލާފައެވެ. އަދި މި ބާވަތުގެ ގުޑިތަކެއް ހުރި އުޅަނދަކަށް އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުން އިއްޔެ ހަމަލާ ދީ އެ އުޅަނދު ގޮއްވާލައިފައި ވެއެވެ.

ނަމަވެސް އެއަށްފަހުވެސް ފަލަސްތީނުގެ ޒުވާނުން ވަނީ ގައްޒާގެ އެކި ސަރަހައްދު ތަކުން އިސްރާއީލަށް އަލިފާން ގުޑީގެ ހަމަލާތައް ފޮނުވާލާފައެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް