އެއްވެސް ގައުމަކުން އިންތިހާބަށް ނުފޫޒު ފޯރުވިޔަކަ ނުދޭނަން: އީސީ

ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް --

ބޭރުގެ އެއްވެސް ގައުމަކުން ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ނުދޭނެ ކަމަށް އެ އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް ޗެނަލް 13ގެ ނިއުސްޓޯކް ޕްރޮގްރާމްގައި ރޭ ވިދާޅުވީ، އިންތިހާބާ ބެހޭ އެއްވެސް ކަމެއްގައި ބޭރުގެ ގައުމެއްގެ ނުފޫޒު މިހާތަނަށް އެ ކޮމިޝަނަށް
އައިސްފައި ނުވާ ކަމަށެވެ.

"އެއްވެސް ގައުމެއްގެ ނުފޫޒު އިލެކްޝަންސް އަށް އައިސްފައެއް ނުވޭ. އަމަލު ކުރާނީ ގާނޫނުތަކާއި ކޯޓުތަކުން ނެރޭ ހުކުމްތަކާ އެއްގޮތަށް،" އަކްރަމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ވެސް އަދި އެ ނޫން އިންތިހާބުތައް ވެސް ބޭއްވުމުގެ ގާބިލުކަން އިލެކްޝަންސް ކޮމިޝަންގައި ހުންނާނެ ކަމަށާއި އެކޮމިޝަނަށް އެކަން ނުވެގެން ބޭރު ގައުމެއްގެ އެހީގައި އެކަން ކުރަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާ އާއި އެމެރިކާ އަދި އީޔޫގެ ގައުމުތަކުން މިހާރު ވެސް ބުނެފައި ވަނީ މި އަހަރު ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ އަދުލުވެރި ދެފުށް ފެންނަ އިންތިހާބަކަށް ހެދުމަށް ބޭރުގެ ބައެއް ގައުމުތަކަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލައިފަ އެވެ.

comment ކޮމެންޓް