އިންކްރެޑިބްލްސް 2: އެނިމޭޓެޑް ފިލްމަކަށް ފުރަތަމަ ދުވަހު ލިބުނު އެންމެ ބޮޑު އާމްދަނީގެ ރިކޯޑު މުގުރާލައިފި

ޑިޒްނީ އަދި ޕިކްސާ ގުޅިގެން އުފެއްދި "އިންކްރެޑިބްލްސް 2" އިން، އެނިމޭޓެޑް ފިލްމަކަށް ފުރަތަމަ ދުވަހު ލިބުނު އެންމެ ބޮޑު އާމްދަނީގެ ރިކޯޑު މުގުރާލައިފިއެވެ.

މީގެ ކުރިން މި ރިކޯޑު އޮތީ 2016 ވަނަ އަހަރު ނެރުނު ފައިންޑިން ޑޯރީގެ އަތުގައެވެ. ފައިންޑިން ޑޯރީގެ އޯޕަނިން ގައި 135 މިލިއަން ޑޮލަރު ލިބުނެވެ. އިންކްރެޑިބްލްސް 2 އަށް 180 މިލިއަން ވަނީ ލިބިފައެވެ.

މި އެނިމޭޓެޑް ކާޓޫނު ފިލްމަކީ 2004 ވަނަ އަހަރު ނެރުނު އިންކްރެޑިބްލްސްގެ ސީކުއެލް އެކެވެ. އިންކްރެޑިބްލްސް 2 ހުކުރު ދުވަހު ރިލީޒް ކުރި އިރު، އިއްޔެގެ ނިޔަލަށް އެ ފިލްމަށް ވަނީ 231.5 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފައެވެ.

މީގެ އިތުރުން އިންކްރެޑިބްލްސް ވެފައިމިވަނީ މިއަހަރު މިހާތަނަށް ނެރުނު ފިލްމުތަކުގެ ތެރެއިން އޯޕަނިން އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނު ތިންވަނަ ފިލްމަށެވެ.

އިންކްރެޑިބްލްސްއަށް ލިބެމުންދާ ކާމިޔާބީ އާއެކު ބޮކްސް އޮފީހުގައި ޑިޒްނީއަށް ކުރިމަތިވަމުން އައި ގެއްލުމުން ކޮންމެވެސް ވަރަކަށް ވަނީ އަރައިގަނެވިފައެވެ. ކާމިޔާބު ގިނަ ފިލްމުތަކެއް ޑިޒްނީ އިން ގެނެސްދެމުން ދިޔަ ނަމަވެސް އެ ސްޓޫޑިއޯގެ އެންމެ ފަހުގެ ފިލްމު "ސޯލޯ: އަ ސްޓާ ވޯސް ސްޓޯރީ" އަށް ބޮކްސް އޮފީހުގައި އެދެވޭ ކާމިޔާބީ އެއް ނުލިބުނެވެ.

ރާއްޖޭގައި ވެސް ހުކުރު ދުވަހު އިންކްރެޑިބްލްސް 2 ވަނީ ޕްރެމިއާ ކޮށްފައެވެ. މާލެ އަދި ހުޅުމާލޭގައި ހުންނަ ޝްވެކްގެ ސިނަމާތަކުގައި މި ފިލްމު ވަނީ އަޅުވައިފައެވެ.

comment ކޮމެންޓް