ކުޅުންތެރިން އެއްވައްތަރު ވުމުން ފައިދާ ނެގީ ޖާޒީ އޮޅުވާލައިގެން!

ދެކުނު ކޮރެއާގެ ޓީމު އެޓީމުގެ ތަރި ސަންއާއެކު --- ފޮޓޯ/ އޭޕީ

އޭޝިއާގެ ނަސްލުގެ ގިނަ މީހުން އާއްމުކޮށް އެއްގޮތް ކަމަށް ދައްކައެވެ. ހާއްސަކޮށް ކޮރެއާއާއި ޖަޕާން އަދި ޗައިނާ ހިސާބުގެ މީހުން ވަކިކުރަން ގިނަ ބަޔަކަށް ނޭނގޭނެއެވެ.

ކުޅުންތެރިން އެއް ވައްތަރުވުމުގެ ފައިދާ މިފަހަރު ނެގީ ވޯލްޑް ކަޕްގައި ވާދަކުރާ ދެކުނު ކޮރެއާ ޓީމުންނެވެ.

"އަހަރެމެން ވައްތަރުވީމަ ނޭނގޭނެ ޖާޒީ އޮޅުވާލައިގެން ކުޅުނަސް. އެންމެފަހުން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ގިނަ ކުޅުންތެރިން ކުޅުނީ ޖާޒީ އޮޅުވާލައިގެން،" ދެކުނު ކޮރެއާގެ ކޯޗު ޓައި ޔޯންގް ބުންޏެވެ.

ދެކުނު ކޮރެއާއިން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު ނުކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ. ދެކުނު ކޮރެއާގެ ފަރިތަކުރުންތައް ސްވިޑެންގެ ސްކައުޓެއް ކައިރިން ބެލިކަމަށް ބުނާ އިރު، ސްވިޑެންގެ ކޯޗު ބުނެފައި ވަނީ އެކަމަށް މައާފަށް އެދޭ ކަމަށެވެ.

"އިދިކޮޅު ޓީމުގެ މައުލޫމާތު ހޯދުމަކީ މުހިއްމު ކަމެއް. އަދި ކުރަން ޖެހޭނެވެސް ކަމެއް. ވަގަށް ބަލާނެ ހުރިހާ ޓީމަކުންވެސް އަނެއް ޓީމެއްގެ ތައްޔާރީތައް. އެހެންވެ އަހަރެމެން ސެނެގާލްއާ ދެކޮޅަށް ކުޅުނު މެޗާއި ބޮލީވިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ޖާޒީ އޮޅުވާލައިގެން ކުޅުނީ،" ކޯޗު ޓައި ބުންޏެވެ.

ދެކުނު ކޮރެއާގެ ކޯޗު ޓައި ބުނެފައި ވަނީ އެ ދެމެޗުގައިވެސް އަމިއްލަ ޖާޒީގައި ކުޅުނީ ޓޮޓެންހަމްއަށް ކުޅެމުން އަންނަ ފޯވަޑް ސަން ހިޔުންމިންގާއި، ކެޕްޓަން ކީ ސިންގް ޔުއޭންގް އެކަނި ކަމަށެވެ.

ބަންދުކޮށްގެން ދެކުނު ކޮރެއާއިން ކުރި ފަރިތަކުރުންތަކަކަށް ސްވިޑެންގެ ސްކައުޓަކު ވަދެފައިވާ އިރު، ސްވިޑެންގެ ކޯޗު ޖޭން އެންޑަސަން ބުނީ އެޓީމުގެ ސްކައުޓަށް ފަރިތަކުރުންތަކަށް ވަދެވުނީ ނޭނގި ކަމަށެވެ. އަދި ދެކުނު ކޮރެއާގެ ކިބައިން މާފަށް އެދޭ ކަމަށާއި، އިދިކޮޅަށް ނުކުންނަ ހުރިހާ ޓީމަކަށްވެސް އިހުތިރާމް ދޭނެ ކަމަށް އެނާ ބުންޏެވެ.

comment ކޮމެންޓް