ބްރެޒިލަށް އުނދަގޫ ފެށުމެއް

ބްރެޒިލާއި ސްވިޓްޒަލޭންޑް މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕްގެ ގްރޫޕް އީގައި މިރޭ ކުޅުނު މެޗުގައި ސްވިޓްޒަލޭންޑުން ވަރުގަދަ ބްރެޒިލް ހިފަހައްޓައިފިއެވެ.

މިއަހަރުގެ ވޯލްޑް ކަޕަށް އުންމީދު ބޮޑުކޮށް ނުކުތް ބްރެޒިލާއި ސްވިޓްޒަލޭންޑް ރޮސްޓޯވް ސްޓޭޑިއަމްގައި ވާދަކުރި މެޗު ނިމުނީ 1-1ގެ ނަތީޖާއަކުންނެވެ.

ސްވިޓްޒަލޭންޑުން މެޗު ފެށީ ވަރުގަދަ ކޮށެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލްގެ ފަރާތުންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި ބްރެޒިލްގެ ޕައުލީނިއޯއަށް ލިބުނު ފަހި ފުރުސަތުގެ ހުރަހަކަށްވީ ސްވިޓްޒަލޭންޑްގެ ކީޕަރު ޔާން ސޮމާއެވެ.

ބްރެޒިލާއި ސްވިޓްޒަލޭންޑް މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ސްވިޓްޒަލޭންޑުގެ ޑިފެންޑަރުން އެންމެ ބޮޑު ސަމާލުކަމެއް ދިނީ ބްރެޒިލްގެ ތަރި ނޭމާއަށެވެ. ސްވިޓްޒަލޭންޑުގެ ކެޕްޓަން ސިޓިފަން ލިކްސްޓެއިނާގެ އިތުރުން މެދުތެރެއިން ކުޅުނު ވަލޮން ބެހެރާމީވެސް ނޭމާގެ ކައިރިން މާކު ކޮށްގެން ކުޅުނުކަން ފާހަގަކޮށްލެވުނެވެ.

ބްރެޒިލުން މެޗުގެ 20 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. ސްވިޓްޒަލޭންޑްގެ އޭރިއާ ބޭރުން ފިލިޕް ކުޓީނިއޯ "ކާވް ކޮށްލި" ބޯޅަ ގޯލް ތެރެއަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ. ކީޕަރަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ބްރެޒިލުން ފުރަތަމަ ހާފް ނިންމާލީވެސް އިތުރު ހަމަލާއަކާ އެކީގައެވެ. ކޯނަރަކަށް ކުރިއަށް އަރައި ޑިފެންޑަރު ތިއާގޯ ސިލްވާ ފޮނުވާލި ހަމަލާ ދިޔައީ މަތީ ދަނޑި ކައިރިން ބޭރަށެވެ.

ބްރެޒިލާއި ސްވިޓްޒަލޭންޑް މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފްގައި އިތުރު ހަމަލާއެއް ފެނިފައި ނުވާ އިރު، އުންމީދާއެކު ކުޅުނު ބްރެޒިލަށް ސިހުން ގެނުވީ ދެވަނަ ހާފްގެ ކުރީ ކޮޅުގައި ސްވިޓްޒަލޭންޑުން ނަތީޖާ ހަމަހަމަ ކުރުމުންނެވެ. ލިބުނު ކޯނަރެއް އޭރިއާ ތެރެއަށް ހުރަސް ކުރި އިރު ބްރެޒިލްގެ ހަ ޑިފެންޑަރުން އޭރިއާ ތެރޭގައި ތިބި ނަމަވެސް ސްވިޓްޒަލޭންޑްގެ ސްޓީވަން ޒުބާ އޮތީ ހުހަށެވެ. އޭނާ ބޮލުން ފޮނުވާލި ބާރު ހަމަލާ ގޯލްކީޕަރު އެލިސަން ބެކާއަކަށް މަތައެއް ނުކުރެވުނެވެ.

މެޗުގެ ފަހު ދިހަވަރަކަށް މިނެޓްގައި ބްރެޒިލްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިފައިވެއެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރޮބާޓޯ ފިރްމީނޯއާއި ނޭމާގެ އިތުރުން ފެނާންޑީނިއޯގެ ހަމަލާވެސް ފާހަގަކުރެވުނެވެ.

ބްރެޒިލާއި ސްވިޓްޒަލޭންޑް މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ތިން މެޗު މާދަމާވެސް އޮންނާނެއެވެ.

މާދަމާރޭ އޮންނަ މެޗުތައް:

17:00 ސައުތު ކޮރެއާ - ސްވިޑެން

20:00 ބެލްޖިއަމް - ޕެނަމާ

23:00 އިންގްލެންޑް - ޓިއުނޭޝިއާ

comment ކޮމެންޓް