މެކްސިކޯއިން ދުނިޔޭގެ ޗެމްޕިއަން ޖަރުމަނު ބަލިކޮށްފި

މެކްސިކޯއާއި ޖަރުމަނު މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އެންމެފަހުގެ ވޯލްޑް ކަޕްގެ ޗެމްޕިއަން ޖަރުމަނު ބަލިކޮށް، މެކްސިކޯއިން ފެށުން ރަނގަޅުކޮށްފިއެވެ.

މޮސްކޯގެ ލުޒްނީކީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ގްރޫޕް އެފްގެ ފޯރިގަދަ މެޗުގައި މެކްސިކޯއިން ޖަރުމަނު ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗު ފެނިގެންދިޔައީ ހަމަލާތައް ގިނަ، ބަލާ ހިތްވާފަދަ ފުޓުބޯޅައެއް ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔަ މެޗަކަށެވެ. ޖަރުމަނުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ހަމަލާތައް އުފެއްދުމުގައި މެކްސިކޯގެ ނުރައްކާ މާ ބޮޑެވެ. ހާއްސަކޮށް މެކްސިކޯގެ ކުރިއަށް ކުޅޭ ހާވިއާ ހެނާންޑޭޒްއާއި ކާލޮސް ވެލާ ފަދަ ކުޅުންތެރިންގެ ދުވެލި ބާރު ކަމުން، ޖަރުމަނުގެ ޑިފެންޑަރުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވިއެވެ.

މެކްސިކޯއާއި ޖަރުމަނު މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ކޮޅުގައި ޖަރުމަނުގެ ފޯވަޑް ޓީމޯ ވާނާއަށް ދެ ފުރުސަތެއް ލިބުނު ނަމަވެސް އެންމެ އެދެވޭ ގޮތުގައި އޭނާއަށް އެ ފުރުސަތުތަކުގެ ބޭނުންހިފިފައެއް ނުވެއެވެ. މެކްސިކޯގެ މިގުއެލް ލަޔޫންގެ ދެ ހަމަލާއެއްވެސް ފުރަތަމަ ހާފްގައި ފެނިފައިވާ އިރު، އޭނާ ދުރުން ފޮނުވާލި ދެ ހަމަލާވެސް ގޯލާ ދިމަލަށް ދިޔައީ މަޑުމަޑުންނެވެ. އެތައް ދުވަހެއް ވަންދުން ކުޅުމާ ދުރުގައި ހުރުމަށްފަހު މިދިޔަ މަސް ތެރޭގައި ފިޓްވި ޖަރުމަން ގޯލް ކީޕަރު މެނުއަލް ނޯޔާ އެ ދެ ހަމަލާވެސް ދިފާއުކުރީ ފަސޭހަކަމާ އެކުގައެވެ.

މެކްސިކޯއިން މެޗުގައި ލީޑު ނެގީ 35 ވަނަ މިނެޓުގައެވެ. ކައުންޓާ އެޓޭކް ފުރުސަތުގައި އެޓީމަށް ލީޑު ނަގައިދިނީ އުމުރުން 22 އަހަރުގެ ހިރްވީން ލަޒޯނާއެވެ. އޭނާގެ ގޯލާއެކު މެކްސިކޯގެ މުޅި ޓީމުވެސް ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.

މެކްސިކޯއާއި ޖަރުމަނު މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެކްސިކޯގެ ގޯލަށްފަހު ޖަރުމަނުން ކުރިއަށް ޖެހުނެވެ. އެޓޭކް ކުރަން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން މެޗުގެ 38 ވަނަ މިނެޓުގައި ޖަރުމަނަށް ލިބުނު ހިލޭ ޖެހުމެއްގައި ޓޯނީ ކްރޫސް ފޮނުވާލި ރީތި ބޯޅަ، ގޯލްގެ ދަނޑިއަށް އަމާޒުކޮށް ބޭރުކޮށްލީ މެކްސިކޯގެ ގޯލްކީޕަރު ގުއިލާމޯ އޮޗޯއާއެވެ. މިއަހަރުގެ ވޯލްޑް ކަޕަކީ އޮޗޯއާގެ ހަތަރު ވަނަ ވޯލްޑް ކަޕެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައިވެސް އޭނާ ވަނީ ވިދާލައިފައެވެ.

ދެވަނަ ހާފްގައިވެސް ފެނުނީ ފުރަތަމަ ހާފްގައި ފެނުނު ކަހަލަ އެޓޭކިން ކުޅުމެކެވެ. ހާއްސަކޮށް މެޗު ފެނުނީ ވަރަށް ބޮޑަށް ހުޅުވިގެން، ދެޓީމުންވެސް ގޯލް ޖަހަން މަސައްކަތް ކުރި މެޗެއްގެ ގޮތުގައެވެ. މެކްސިކޯއިން ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައިވެސް ކައުންޓާ އެޓޭކް ކުރި އިރު، ޖަރުމަނަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިފައެވެ. ކުރޫސްގެ ބާރު ހަމަލާއެއް ބޭރަށް ދިޔަ އިރު، ބަދުލު ކުޅުންތެރިން ގޮތުގައި ކުޅެން ނުކުތް މާކޯ ރޫސްއާއި މާރިއޯ ގޮމޭސްގެ ހަމަލާތައްވެސް ޖަރުމަނަށް ކާމިޔާބެއް ނުވިއެވެ.

މެޗުގެ ފަހު ވަގުތުގައިވެސް ޖަރުމަނުގެ ފަރާތުން އެޓޭކް ކޮށް، މެކްސިކޯގެ ހާފް ތެރޭގައި ގިނަ ވަގުތު ކުޅުނު އިރު، އެޓީމުން ވަނީ މެޗުގައި 25 ޝޮޓް ހަދައިފައެވެ. މެޗުގެ ފަހު ކޮޅުގައި ޖަރުމަނުގެ ޑިފެންޑަރުންވެސް ކުރިއަށް އަރައި ގޯލެއް ޖެހޭތޯ މަސައްކަތް ކުރި އިރު، މެކްސިކޯއިން ވަނީ ވަރުގަދައަް ޑިފެންސް ކޮށްފައެވެ.

މެކްސިކޯއާއި ޖަރުމަނު މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު އިތުރު މެޗެއް މިރޭ އޮންނާނެއެވެ. 11:00ގައިި އޮންނަ މެޗުގައި ވާދަކުރާނީ ބްރެޒިލާއި ސްވިޓްޒަލޭންޑެވެ.

comment ކޮމެންޓް