އިތުރު ބިދޭސީ ތިން ކުޅުންތެރިއަކު ފޯކައިދުއާ ގުޅިއްޖެ

ފޯކައިދުއާ ގުޅުނު ސާގިބް ހަނީފް --- ފޮޓޯ/ ފޯކައިދޫ އެފްސީ

ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގަށް ތައްޔާރުވުމުގެ ގޮތުން ށ. ފޯކައިދޫއަށް އަނެއްކާ ވެސް ބިދޭސީ ތިން ކުޅުންތެރިން ގެނެސްފި އެވެ.

ޕްރިމިއާ ލީގަށް ތައްޔާރުވުމުގެ ގޮތުން މީގެ ކުރިން ވެސް ފޯކައިދޫން ވަނީ ކްލަބު އީގަލްސްއަށް ކުޅެމުން ދިޔަ މިސްރުގެ ޑިފެންޑަރު މަހުމޫދު ސައީދު (ރާމޯސް)ގެ ސޮއިވެސް ހޯދައިފަ އެވެ.

ރާމޯސްގެ އިތުރުން ދެން ފޯކައިދުއާ ގުޅިފައިވާ ބިދޭސީ ކުޅުންތެރިންނަކީ ޕާކިސްތާނުގެ ގޯލް ކީޕަރު ސާގިބް ހަނީފްގެ އިތުރުން މިސްރުގެ ހަލީލް ގަމާލް އަދި އެގައުމުގެ މުސްތަފާ މަހުމޫދު (ކަހްރަބާ) އެވެ.

އޭގެ ތެރެއިން ސާގިބް ހަނީފަކީ މީގެ ކުރިން ވެސް ރާއްޖޭގެ އެކި ކްލަބުތަކުން ފެނިފައިވާ ގޯލްކީޕަރެކެވެ. އޭނާ ވަނީ ބީޖީ ސްޕޯޓްސް ކްލަބުގެ އިތުރުން ނިމިދިޔަ ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮސް ޓީމުންވެސް ފެނިފަ އެވެ.

ހަލީލް ގަމާލް ފުރަތަމަ ފެނުނީ ޓީސީ ސްޕޯޓްސް ކްލަބުންނެވެ. މިދިޔަ ސީޒަންގައި ޓީސީ ޖާޒީގައި އޭނާ ފެނުނު އިރު، މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ފައިނަލް ބުރުގައި އއ. މާޅޮސް ޓީމަށް ވެސް ހަލީލް ވަނީ ކުޅެފަ އެވެ. ހަލީލްއާ އެކު ފޯކައިދޫއަށް ދެން ގެނައި މިސްރުގެ ކަހްރަބާ އެންމެފަހުން ކުޅެފައި ވަނީ މިސްރުގެ ދެވަނަ ޑިވިޝަން ޓީމެއް ކަމަށްވާ އެލް ޝަރުކިއާ އަށެވެ. އޭގެ އިތުރުން ވެސް އޭނާ ވަނީ މިސްރުގެ ފުރަތަމަ ޑިވިޝަނާއި ތިންވަނަ ޑިވިޝަންގެ ކްލަބުތަކަށް ވެސް ކުޅެފަ އެވެ.

ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގަށް ތައްޔާރުވުމުގެ ގޮތުން ފޯކައިދޫ ވަރުގަދަ ކުރަމުންދާ އިރު، ޕްރިމިއާ ލީގުގައި އެޓީމަށް އިރުޝާދު ދޭނީ މިދިޔަ އަހަރުގެ ޕްރިމިއާ ލީގަށް އއ. މާޅޮހާ އެކު ނުކުތް، އަލީ ނިސްތާރެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ފޯކައިދޫން، މިނިވަން ޗެމްޕިއަންޝިޕަށް ވެސް ނުކުތީ ބިދޭސީ ކުޅުންތެރިންނާ އެކުގަ އެވެ. ފައިނަލްގައި ތ. ތިމަރަފުށި އަތުން ފޯކައިދޫ ބަލިވެފައިވާ އިރު، އެ ދެޓީމުގެ އިތުރުން، މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގައި ހިމެނި ޕްރިމިއާ ލީގަށް ކޮލިފައިވި ޓީމުތަކަކީ ބ. ފެހެންދުއާއި ފ. ނިލަންދު އެވެ.

comment ކޮމެންޓް