ނިއުއަށް ރުވާންޑާގެ ފޯވަޑެއް

ރުވާންޑާގެ ގައުމީ ޓީމަށްވެސް ކުޅެފައިވާ ކިޕްސަން ---

ރުވާންޑާގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވަޑެއް ނިއު ރޭޑިއަންޓަށް ގެނެސްފިއެވެ.

މާލޭ ލީގުގެ ޗެމްޕިއަންކަން ނިއުއަށް ކަށަވަރުވެފައިވާ އިރު، އެޓީމުގެ ވިސްނުން މިހާރު ހުރީ ޕްރިމިއާ ލީގަށެވެ. ޕްރިމިއާ ލީގަށް ތައްޔާރުވަމުންދާ ނިއުއަށް ގެނައި ފޯވަޑް، އަތުއިރޭ ކިޕްސަންއަކީ ޔޫގެންޑާއަށް އުފަން ރުވާންޑާގެ ރަށްވެހިކަން އޮންނަ ކުޅުންތެރިއެކެވެ.

ނިއުއިން ކިޕްސަން ގެނެސްފައި ވަނީ މާލޭ ލީގު އަދި އޭއެފްސީ ކަޕް ކުޅުމަށް އެޓީމުން ގެނައި ފޯވަޑް، ގުއިލެމް މާޓީ ފޮނުވާލުމަށްފަހުގައެވެ. ނިއުއިން ގުއިލެމް ފޮނުވާލީ ރަނގަޅު ކުޅުމެއް ނުދެއްކުމުންނެވެ.

އުމުރުން 24 އަހަރުގެ ކިޕްސަން މިދިޔަ އަހަރު ކުޅެފައި ވަނީ މެލޭޝިއާގެ ދެވަނަ ޑިވިޝަންގެ ޔޫކޭއެމް އެފްސީއަށެވެ. އޭގެ ކުރިން ކިޕްސަން ވަނީ ރުވާންޑާގެ ލީގާއި ޔޫގަންޑާގެ ފުރަތަމަ ޑިވިޝަންގެ ކްލަބު ތަކަށްވެސް ކުޅެފައެވެ.

މާލޭ ލީގުގައި ނިއުއަށް ބާކީ އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުގައި ކިޕްސަންއަށް ކުޅެވޭނެއެވެ. މާލޭ ލީގުގެ ޗެމްޕިއަންކަން ނިއުއިން ހޯދައިފައިވާ އިރު، އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން އެޓީމު ކެޓީ ހިތްދަތިކޮށެވެ.

ކިޕްސަންގެ އިތުރުން މިވަގުތު ނިއުގެ ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންނަކީ ސަޕެއިންގެ ކަންޑެލާއާއި ޑިފެންޑަރު ޖޯޖު ގޮޓޯއެވެ. މި ސީޒަންގެ މިހާތަނަށް ނިއުއަށް ކުޅެމުން އައި އަފްގާން ޑިފެންޑަރު ޒޮހިބް އިސްލާމް އަމީރީ ވަނީ ކްލަބާ މެދު ހިތްހަމަ ނުޖެހުންތަކެއް އުފެދި، ކްލަބު ކޮންޓްރެކްޓްގައި ހުރެ ފުރައިގެން ގޮސްފައެވެ.

comment ކޮމެންޓް