ޔަމަންގެ ހުދައިދާގެ ހަނގުރާމައާއެކު އެރަށުގެ ރައްޔިތުންނަށް ކާންބޯން ނުލިބޭތާ ހަތަރު ދުވަސް

ޙުދައިދާގެ ކުޑަކުދިން

ޔަމަނުގެ ބަނދަރުމަތީ ރަށެއް ކަމަށްވާ ހުދައިދާ ހިފުމަށް ސައޫދީއާއި ޔޫއޭއީ އިސްވެ އޮވެގެން ކުރަމުން ގެންދާ ހަނގުރާމައިގެ ސަބަބުން އެރަށުގައި ދިރިއުޅޭ 400،000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ހާލުގައި ޖެހިފައެވެ.

ހުދައިދާއިން ލިބޭ ޚަބަރުތައް ބުނާގޮތުން ޔަމަންގެ ހުޅަނގުގައި އޮންނަ އެ ސިޓީގެ އެކި ކަންކޮޅުތަކުގައި ހަނގުރާމަކުރަމުން ގެންދާއިރު ސައޫދީއާއި ޔޫއޭއީގެ ފައިޓާ ޖެޓްތަކުން ގެންދަނީ ވައިގެ މަގުން ވަރުގަދައަށް ހަމަލާތައް ދެމުންނެވެ. ހުދައިދާއަކީ ޔަމަނުގެ ހޫތީ ހަނގުރާމަވެރިންގެ އަތްދަށުގައިވާ ރަށެކެވެ. ބާރުގެ ބޭނުންކޮށްގެން އެރަށް ހިފުމަށް މަސައްކަތްކުރަނީ ސައޫދީ އާއިޔޫއޭއީ ގެ އިތުރުން އެދެގައުމުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައިވާ ޔަމަން ރައީސް އަބްދުރައްބު މަންސޫރު ހާދީއަށް ވަފާތެރި ސިފައިންނެވެ.

ހުދައިދާ ހިފުމުގެ ހަނގުރާމަ ސައޫދީ އާއި ޔޫއޭއީން ފެށީ ރަމަޟާން މަހުގެ ހަތާވީސް ވަނަ ދުވަހުއެވެ. އެހެންކަމުން ބަރަކާތްތެރި ފިތުރު އީދު ދުވަހުވެސް ހުދައިދާގެ ރައްޔިތުން ތިބެންޖެހުނީ ހަނގުރާމައިގެ ހަމަލާތަކާއި އެ ހަމަލާތަކުގެ ބިރުވެރިކަމުގެ ތެރޭގައެވެ. އީދު ދުވަހުވެސް މަތިން ބޮން އަޅަމުން ގެންދާއިރު އެއްގަމު މަގުންވެސް ހުދައިދާގެ އެތަންމިތަނުގައި ދިޔައީ ހަނގުރާމަ ހިނގަމުންނެވެ.

ސައޫދީއާއި ޔޫއޭއީ ހިމެނޭ އަރަބި ކޯލިޝަނުން ބުނީ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދީ އެމީހުން ބަލިކުރުމަށްފަހު، ހުދައިދާގެ އެއާޕޯޓު މިހާރު ވަނީ އަރަބި ކޯލިޝަންގެ ކޮންޓްރޯލްގެ ދަށުގައި ކަމުގައެވެ. ނަމަވެސް ހުދައިދާގައި ތިބޭ ބޭރުގެ މުރާސިލުން ފޮނުވި އެންމެ ފަހުގެ ފޮޓޯތަކަށް ބަލާއިރު ހުދައިދާގެ އެއާޕޯޓުގައި އަދިވެސް ތިބީ ހޫތީ ހަނގުރާމަވެރިންނާއި އެމީހުންނަށް ވަފާތެރި ޔަމަން ސިފައިންނެވެ. ހޫތީން މިކަމާ ބެހޭގޮތުން ބަޔާނެއް ދީފައެއް ނުވެއެވެ.

ސައޫދީއާއި ޔޫއޭއީން ހަނގުރާމަ ކުރަނީ ހުދައިދާގެ ކަނޑުގެ ބަނދަރު ހިފުމަށެވެ. އީރާނުން ހޫތީންނަށް ފޮނުވާ ހަތިޔާރު ޔަމަނަށް އެތެރެވަނީ އެ ބަނދަރު މެދުވެރިކޮށް ކަމަށް ސައޫދީއާއި ޔޫއޭއީގެ ކޮންޓްރޯލުގެ ދަށުގައި ވާ ޔަމަންގެ ސަރުކާރުން ބުނެއެވެ. ސައޫދީއާއި ޔޫއޭއީން ހުދައިދާއަށް ހަމަލާތައް ދޭން ފެށުމުގެ ކުރިން އދއިން ވަނީ ހަނގުރާމަ ނުފެށުމަށް އެދެގައުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ. އެއީ ބާރުގެ ބޭނުންކޮށް ހުދައިދާ ހިފަން މަސައްކަތްކޮށްފިނަމަ އެރަށުގައި ވަރުގަދަ ލޭ އޮހޮރުވުމެއް ހިނގައި އެރަށުގެ ގިނަ ބަޔަކު ހައިހޫނުކަމުގައި މަރުވެގެންދާނެ ކަމުގެ ބިރު ހީވެފައިވާތީއެވެ.

ޙުދައިދާގެ އާއިލާއެއް

ނަމަވެސް ސައޫދީއާއި ޔޫއޭއީ ވަނީ ހައެއްކަ ދުވަހުގެ ތެރޭގައި ހުދައިދާގެ ބަނދަރު ހޫތީންގެ އަތްދަށުން މިނިވަންކުރެވޭނެކަމަށް ބުނެ ހުދައިދާއަށް ވައިގެ މަގުން ހަމަލާތައް ދީ ހަނގުރާމަ ފަށާފައެވެ. މި ހަނގުރާމައިގައި މަރުވި މީހުންނާއި ޒަހަމްވެފައިވާ މީހުންގެ އަދަދު ސާފުނުވި ނަމަވެސް އެތައް ސަތޭކަ ބަޔަކު މަރުވެފައިވާ ކަމަށާއި މަރުވެފައިވާ ބައެއް މީހުންގެ ހަށިތައް ހުދައިދާގެ މަގުތަކުގައި ކުނިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހުދައިދާގެ ރައްޔިތެއްކަމަށްވާ އަލީ އުމަރު ބުނީ އޭނާއާއި އޭނާގެ އާއިލާ ހައިހޫނު ކަމުގައި އުޅޭތާ ހަތަރު ދުވަސް ވެފައިވާ ކަމަށާއި އީދު ދުވަހުވެސް އޭނާގެ ޅަދަރިންނާއި މުސްކުޅި މައިންބަފައިންނަށް ފެންފޮދެއްވެސް ލިބިފައި ނުވާކަމުގައެވެ. އަދި ހަނގުރާމައިގެ ހަމަލާތަކުގައި އެއް ކުއްޖަކު ޒަޚަމްވެފައި ވާއިރު އޭނާއަށް ފަރުވާދިނުމަށް ސިއްހީ މަރުކަޒަކަށް ދެވުނީ ގަދަ ހޫނުގައި އެ ކުއްޖާ ގޮވައިގެން ހަ ގަޑިއިރު ހިނގުމަށްފަހު ކަމަށާއި އޭރު ކުއްޖާ ވަނީ ކޯމާއަކަށް ގޮސްފައި ކަމަށް ރޮއިޓާސްއަށް ދިން ބަޔާނެއްގައި އަލީ އުމަރު ބުންޏެވެ. އަލީ އުމަރު އުޅޭ ބިކަ ހާލަތަކީ ހުދައިދާގެ ގިނަ ރައްޔިތުން މިހާރު އުޅެންޖެހިފައިވާ ހާލަތުކަން ރޮއިޓާސް އިން ބުނެއެވެ.

ޔަމަނަށް އެތެރެ ކުރާ މުދަލުގެ ގާތްގަނޑަކަށް 70 ޕަސަންޓު އެތެރެކުރަނީ ހުދައިދާ ބަނދަރުންނެވެ. އެބަނދަރު އަދިވެސް އޮތީ، ހޫތީ ހަނގުރާމަވެރިންގެ ކޮންޓްރޯލުގެ ދަށުގައެވެ. ނަމަވެސް ސައޫދީއާއި ޔޫއޭއީ އަދި އެ ދެގައުމުގެ ކޮންޓްރޯލުގެ ދަށުގައިވާ ޔަމަން ސަރުކާރަށް ވަފާތެރި ސިފައިން ތިބީ ހުދައިދާ ބަނދަރު ހިސާރު ކޮށްގެންނެވެ.

ހުދައިދާގެ ހަނގުރާމަ އަވަސް މުއްދަތެއްގައި ނިމުމަކަށް ނުގެނަސްފިނަމަ، އެ ރަށުގައި ދިރިއުޅޭ 400،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން މަދުވެގެން 300،000 އެއްހާ މީހުންނަށް ހައިހޫނުކަމާއި ބަލިމަޑުކަމުގެ އިންސާނީ މުސީބާތަކާ ކުރިމަތިވެދާނެކަމުގެ އިންޒާރު އދއިން ވަނީ ދީފައެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އދއިން ހޫތީނަށް ހުށަހަޅާފައިވަނީ ހުދައިދާގެ ބަނދަރު އދގެ ބެލުމުގެ ދަށަށް ދޫކޮށްލުމަށެވެ. އޭރުން ޔަމަނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އެތެރެކުރުން ފަސޭހަވެގެންދާނެ ކަމަށް އދއިން ބުނެއެވެ. ނަމަވެސް ހޫތީންވެސް އެކަމަށް އެއްބަސްވެފައެއް ނުވެއެވެ.

ފަސް އަހަރުވީ ޔަމަންގެ ހަނގުރާމައިގާ ޔަމަންގެ ވެރިރަށް ސަންޢާ ހޫތީންގެ އަތްދަށުން މިނިވަން ކުރުމަށް ސައޫދީ-ޔޫއޭއީ ކޯލިޝަން އަދިވެސް ވަނީ ނުކުޅެދިފައެވެ. ޔަމަނުގެ ވެރިރަށް ސަންއާ ހޫތީންގެ އަތްދަށަށް ދިޔައީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. އެއާއެކު ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީވަނީ ފިއްލަވައިގެން ސައޫދީއަށް ވަޑައިގެންފައެވެ.

ހޫތީންގެ އަތްދަށުން ޔަމަން މިނިވަންކޮށް އަބްދުރައްބު މަންސޫރު ހާދީގެ ސަރުކާރު އަލުން އަނބުރައި ރުޖޫއަކުރުމުގެ ނަމުގައި ސައޫދީއާއި ޔޫއޭއީ ހަނގުރާމަކުރަމުން ގެންދާއިރު ޔަމަނަށް ވެރިވެގަތުމުގެ ޖިއޯޕޮލިޓިކަލް އެޖެންޑާއެއް އެ ދެގައުމުން ގެންގުޅޭކަމަށް ރައީސް ހާދީއަށް ވަފާތެރި ފަރާތްތަކުންވެސް ވަނީ ތުހުމަތު ކޮށްފައެވެ.

މިކަމުގެ ސަބަބުން އެދެގައުމާއި ހާދީގެ ގުޅުންތައް ގޯސްވެފައި ވާއިރު ހާދީގެ ބަދަލުގައި ޔަމަންގެ ވެރިކަމަށް އެގައުމުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހުގެ ދަރިކަލުން އަހްމަދު އަލީ އަބްދުﷲ ސާލިހު ގެނައުމަށް ސައޫދީއާއި ޔޫއޭއީއިން މަސައްކަތްކުރަމުން ގެންދާކަމުގެ ހަބަރުތައް ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.

އަހްމަދުގެ ބައްޕަ އަދި ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހުއަކީ ޙޫތީންނާ ގުޅިގެން ހާދީގެ ވެރިކަމާ ދެކޮޅަށް ހަރަކާތްތެރިވި އިސް ފަރާތެވެ. ހޫތީންނާއެކު ސާލިހު ހުންނެވުމުން ޔަމަން ސިފައިންގެ ލަޝްކަރުތަކުގެ ބޮޑުބައެއްވެސް ހަރަކާތްތެރިވަމުން ދިޔައީ ހޫތީންނާއެކުގައެވެ. ހާދީއަށް ވަފާތެރީ ޔަމަން ސިފައިންގެ ތެރެއިން މަދު ބައެކެވެ. ނަމަވެސް މިއަހަރުގެ ކުރީކޮޅު ސާލިޙް އަވަހާރަކޮށްލީވެސް ހޫތީންނެވެ. އެއީ ހަނގުރާމައިގެ ވަގުތުގައި ޚިޔާނާތްތެރިވެ ޣައްދާރުވުމުން ކަމަށް ހޫތީން ބުނެއެވެ.

ފަސް އަހަރުވީ ޔަމަންގެ ހަނގުރާމައިގާ މިހާތަނަށް 30،000 މީހުން މަރުވެ 700،000 އެއްހާ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި ޔަމަންގެ އާބާދީގައި ހިމެނޭ 22 މިލިޔަން މީހުންގެ ތެރެއިން 18 މިލިޔަން މީހުން ވަނީ ބަނޑަށްޖެހިފައެވެ. އަދި ޔަމަންގެ ކަންކޮޅުތަކުގައި ކޮލެރާ ފެތުރި ކޮންޓްރޯލް ނުވާތާ ދޮޅު އަހަރު ވެފައިވާއިރު ކޮލެރާގައިވެސް އެތަށް ހާސް ބަޔަކުވަނީ މަރުވެފައެވެ. އަދި ހޫތީންނާއި އަރަބި ކޯލިޝަނުންވެސް ޔަމަންގެ ކުށެއް ނެތް އާންމުންނަށް ހަަމަލާތައް ދެމުން ގެންދާކަމަށް އދއިން ބުނެއެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް