މިސްރުގެ ގޯލްކީޕަރު މޮޅު ކުޅުންތެރިޔާގެ އެވޯޑު ދޫކޮށްލީ ދީނަށް އިހުތިރާމް ކުރުމަށް!

މިސްރުގެ ކީޕަރު މުހައްމަދު އެލް ޝެވާނީ --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕްގައި މިސްރުން ކުޅުނު ފުރަތަމަ މެޗުގައި އުރުގުއޭއާ ދެކޮޅަށް ކުޅެ ބަލިވީ ފަހުވަގުތު ހިތްދަތި ގޮތަކަށެވެ.

އުރުގުއޭގެ ވަރުގަދަ ފޯވަޑް ލައިން ހިފެހެއްޓުމަށް މިސްރުން އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކީ ގޯލްކީޕަރު މުހައްމަދު އެލް ޝެނާވީއެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމުވެސް ލިބުނީ އޭނާއަށެވެ.

މިފަހަރުގެ ވޯލްޑް ކަޕްގެ މެޗުތަކުގައި މޮޅު ކުޅުންތެރިޔާގެ މަގާމަށް ދޭ ހަދިޔާއަކީ ފީފާގެ ސްޕޮންސަރެއް ކަމަށްވާ ބަޑްވައިޒާގެ ފަރާތުން ދޭ ރާ ފުޅިއެކެވެ. ބަޑްވައިޒާއަކީ ފުޅާ ދާއިރާއެއްގެ ރަލާއި ބިޔަރުގެބާވަތްތައް އުފައްދާ ކުންފުންޏެކެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި މިސްރުގެ ގޯލްކީޕަރު މުހައްމަދު އެލް ޝެނާވީއަށް މޮޅު ކުޅުންތެރިޔާގެ އިނާމު ދިނުމުން އޭނާ އަތުގެ އިޝާރާތުން އިނާމު ބޭނުން ނޫން ކަމަށް ބުންޏެވެ.

މިސްރުގެ ކީޕަރު މުހައްމަދު އެލް ޝެވާނީ މޮޅު ކުޅުންތެރިޔާގެ އިނާމް އިންކާރު ކުރަނީ ---

ރާ ފުޅިއަކީ ކުރިން ޕްރިމިއާ ލީގުގައިވެސް މެޗުތަކުގެ މޮޅު ކުޅުންތެރިއާއަށް ދޭ ހަދިޔާއެވެ. އެހެން ނަމަވެސް މުސްލިމް ގިނަ ކުޅުންތެރިންތަކެއް އެ ހަދިޔާ ގަބޫލުނުކުރަން ފެށުމުން މިހާރު ވަނީ އެކަމަށް ހާއްސަ ޓްރޮފީއަކަށް ހަދިޔާ ބަދަލުކޮށްފައެވެ. ޕްރިމިއާލީގުގެ ބިޔަރު ފުޅި ބަލައިނުގަތް ބައެއް ކުޅުންތެރިންގެ ތެރޭގައި ޔާޔާ ޓޫރޭ، ޑެމްބާ ބާ އަދި ޕަޕިސް ސީސޭ ހިމެނެއެވެ.

މުހައްމަދު އެލް ޝެވާނީގެ އަމަލާއެކު މީސްމީޑިއާގައި މުސްލިމުގެ ފަރާތުން އޭނާއަށް ތައުރީފް ކޮށްފައިވާ އިރު، ގަބޫލުކުރެވޭ ގޮތުގައި ވޯލްޑް ކަޕްގައި ކުޅޭ އެއްވެސް މުސްލިމް ކުޅުންތެރިއަކު އެ ހަދިޔާ ބަލައި ނުގަންނާނެއެވެ.

comment ކޮމެންޓް