ކްރޮއޭޝިއާއިން ނައިޖީރިއާގެ ޒުވާން ޓީމު ބަލިކޮށްފި

ކްރޮއޭޝިއާއާއި ނައިޖީރިއާ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ފީފާ ވޯލްޑް ކަޕްގައި މިރޭ ކުޅުނު ގްރޫޕް ޑީގެ މެޗުގައި ކްރޮއޭޝިއާއިން ނައިޖީރިއާގެ ޒުވާން ޓީމު ބަލިކޮށްފިއެވެ.

ކަލިނިންގްރާޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ކްރޮއޭޝިއާއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފް ފެނުނީ ވަނދުކޮށެވެ. ދެޓީމުގެ ފަރާތުންވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔަ އިރު، ހަމަލާތަކުގެ އަދަދުން ކުރި ހޯދީ ކްރޮއޭޝިއާއެވެ. ކްރޮއޭޝިއާގެ ކުރިއަށް ކުޅޭ ޔުވެންޓަސްގެ ފޯވަޑް މާރިއޯ މަންޒުކިޗްގެ ފަރާތުން ގިނަ ބޯޅަތަކެއް ކުރީގައި ހިފަހައްޓައިގެން ހަމަލާތައް ތަނަވަސްކޮށްދިނުމަށް މަސައްކަތް ކުރިކަން ފާހަކޮށްލެވުނެވެ.

ނައިޖީރިއާއަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ އެންމެ ޒުވާން ޓީމަށްވާ އިރު، އެޓީމުގެ އެޓޭކަކީ އެންމެ ހަލުވިކަމަށް ބެލެވުނުު އެއް އެޓޭކެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފްގައި އެކަން މާބޮޑަށް ފެނިފައެއް ނުވެއެވެ.

ކްރޮއޭޝިއާއާއި ނައިޖީރިއާ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ކްރޮއޭޝިއާއިން މެޗުގެ ލީޑު ނެގީ 32 ވަނަ މިނެޓުގައެވެ. ލިބުނު ކޯނަރަކުން ނެގި ބޯޅަ، މަންޒޫކިޗް ބޮލުން ޖެހި ނަމަވެސް މިސްރާބު ހުރީ ބޭރަށެވެ. އެ ބޯޅަ ގޯލް ތެރެއަށް ވަނީ ނައިޖީރިއާގެ ޑިފެންޑަރު އޮގެނެކަރޯ އެޓޯބޭގެ ފައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.

މެދުތެރެއިން ކްރޮއޭޝިއާއިން ގިނަ ވަގުތު ބޯޅަ ހިފެހެއްޓި އިރު، ފުރަތަމަ ހާފްގައި ޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗްގެ ފަރާތުން ގިނަ ޕާސްތަކެއް ފެނިފައިވެއެވެ. ހާއްސަކޮށް މެދުތެރެއިން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން އޭނާ ކުޅުނުކަން ފާހަގަކޮށްލެވުނެވެ.

ކްރޮއޭޝިއާގެ ފަރާތުން ފުރަތަމަ ހާފްގައި ލޯންގް ރޭންޖު ދެ ހަމަލާއެއްވެސް ފާހަގަކޮށްލެވުނެވެ. އެގޮތުން އީވާން ޕެރަސިޗްގެ އިތުރުން އަންދްރެޖް ކްރެމަރިޗްގެ ހަމަލާވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އޭގެ އިތުރުންވެސް އީވާން ރެކެޓިޗްގެ ހުރަހަކުވެސް ކްރެމަރިޗަށް ވަނީ ލީޑު ފުޅާކުރާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ.

ކްރޮއޭޝިއާއާއި ނައިޖީރިއާ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ދެވަނަ ހާފް ނައިޖީރިއާއިން ފެށީ ވަރުގަދަކޮށެވެ. އެޓީމަށް ލިބުނު ކޯނަރުގައި ލިިއޯން ބަލޮގަން ބޮލުން ހަމަލާއެއް ފޮނުވާލި ނަމަވެސް، އެ ބޯޅަ ދިފާއުކުރީ އޭރިއާ ތެރެއިން މަންޒޫކިޗެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ނައިޖީރިއާއަށް އިތުރު އުނދަގޫތަކެއް ކުރިމަތިވީ މެޗުގެ 70 ވަނަ މިނެޓުގައި ކްރޮއޭޝިއާއަށް ލިބުނު ޕެނެލްޓީއަކުން އެޓީމު ލީޑު ފުޅާކުރުމުންނެވެ.

އޭރިއާ ތެރެއިން މަންޒޫކިޗް ގައިގައި ނައިޖީރިއާގެ ޑިފެންޑަރު ހިފެހެއްޓުމުން ކްރޮއޭޝިއާއަށް ލިބުނު ޕެނެލްޓީ ކާމިޔާބުކޮށް، މެޗުގެ ނަތީޖާ 2-0އަކަށް ބަދަލުކޮށްލީ ކެޕްޓަން މޮޑްރިޗެވެ.

ކްރޮއޭޝިއާއާއި ނައިޖީރިއާ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުން މޮޅުވެ ކްރޮއޭޝިއާ ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. މި ގްރޫޕްގައި އާޖެންޓީނާއާއި އައިސްލޭންޑް މިރޭ ކުޅުނު މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ގޯލަށްފަހުވެސް ކްރޮއޭޝިއާގެ ޕެރިސިޗް އަދި ރެއާލްއަށް ކުޅެމުން އަންނަ މަޓިއޯ ކޮވަސިޗަށްވެސް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ތިން މެޗު މާދަމާރޭވެސް އޮންނާނެއެވެ.

މާދަމާ ރޭގެ މެޗުތައް:

18:00 ސާބިއާ - ކޮސްޓަރީކާ

20:00 ޖަރުމަން - މެކްސިކޯ

23:00 ބްރެޒިލް - ސްވިޒަލޭންޑް

comment ކޮމެންޓް