ވަރުގަދައަށް ކުޅުނު ޕެރޫގެ މައްޗަށް ޑެންމާކު ގަދަވެއްޖެ!

ޕެރޫއާއި ޑެންމާކު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ތިރީސް ނުވައަހަރަށްފަހު ވޯލްޑް ކަޕަށް އެނބުރިއައިސް ކުޅުނު ފުރަތަމަ މެޗުގައި ޑެންމާކު އަތުން ޕެރޫ ބަލިވެއްޖެއެވެ.

ގްރޫޕް ޑީގައި ޑެންމާކާއި ޕެރޫ މިރޭ ކުޅުނު ފޯރިގަދަ މެޗު ވެގެންދިޔައީ ހަމަލާތައް ގިނަ، ހަލުވި އެޓޭކިން ކުޅުމެއް ފެނިގެންދިޔަ މެޗަކަށެވެ. ހާއްސަކޮށް ދެޓީމުގެ ކީޕަރުންގެ ފަރާތުންވެސް މޮޅު ސޭވްތަކެއް ފެނިގެން ގޮސްފައިވެއެވެ. މެޗުގެ ބޮޑުބައެއްގެ ޕެރޫ ވަރުގަދަކޮށް ފެނުނު ނަމަވެސް، ޑެންމާކުން މެޗުން މޮޅުވީ ދެވަނަ ހާފްގައި ޖެހި ގޯލުންނެވެ.

މެޗުގެ ކުރީކޮޅުގައި ވަރުގަދަކޮށް ފެނުނީ ޕެރޫއެވެ. އެހެން ނަމަވެސް 20 ވަރަކަށް މިނެޓް ފަހުން ޑެންމާކުން ވަނީ ޕާސްތައް ގިނަކޮށް، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިފައެވެ. މެޗުގެ ފުރަތަމަ ކޮޅުގައި ޕެރޫގެ އަންދްރޭ ކަރެއޯގެ ބާރު ހަމަލާއެއް ފެނިގެންދިޔަ އިރު، އެ ހަމަލާގެ ހުރަހަކަށްވީ ޑެންމާކްގެ ގޯލް ބަލަހައްޓަމުން ދިޔަ ކެސްޕާ ޝޫމައިކަލްއެވެ. ކެސްޕާ ޝޫމައިކަލްއަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ލެސްޓާ ސިޓީގެވެސް ކީޕަރެވެ.

ޕެރޫއާއި ޑެންމާކު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފްގައި ޕެރޫގެ ކުރިއަށް ކުޅޭ ކުޅުންތެރިންގެ ފަރާތުން ހަލުވި ޕާސްތައް ފެނިގެން ދިޔަ އިރު، މެޗުގައި އެންމެ ވަރުގަދައަށް ކުޅުނު އެއް ކުޅުންތެރިއާ ކަމަށްވާ ޖެފަސަން ފަރފާންއަށްވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ.

ހާފް ނިމެން ދަނިކޮށް ޕެރޫއަށް ވަނީ ޕެނެލްޓީއެއް ލިބިފައެވެ. ޑެންމާކުގެ ޔޫސުފް ޕައުލްސަން، ޕެރޫގެ ކްރިސްޓިއަން ކުއެވާއަށް އޭރިއާ ތެރެއިން ކުރި ފައުލް، ރެފްރީ ފުރަތަމަ ނުދެއްކި ނަމަވެސް، ވީއޭއާރްގެ އެހީގައި ރެފްރީ ވަނީ ނިންމުން ބަދަލުކޮށް، ޕެނެލްޓީ ދީފައެވެ.

ޕެރޫގެ ކުއެވާ ފޮނުވާލި ޕެނެލްޓީ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ޕެރޫއާއި ޑެންމާކު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ ހާފް ގަދަކޮށް ފެށީ ޑެންމާކުންނެވެ. ނަތީޖާއެއްގެ ގޮތުން ޕައުލްސަންގެ ގޯލާއެކު އެޓީމުން ލީޑު ނެގިއެވެ. ޕެރޫގެ އޭރިއާ ތެރޭގައި ހުސްކޮށް އޮވެ އޭނާ ފޮނުވާލި ބޯޅަ، ކީޕަރުގެ ކުޑަކަނުން ގޯލަށް އެތެރެ ކޮށްލީ ވަރަށް ރީތިކޮށް ބަލާލައިފައެވެ.

މެޗުގެ އުސްއައްޔަކަށްވީ ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ހުރި ޕެރޫގެ ކެޕްޓަން ޕައުލޯ ގުއެރޭރާ މެޗަށް ނުކުތުމެވެ. އެ ގައުމުގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާގެ ރެކޯޑު އޮންނަ ގުއެރޭރޯ ސަސްޕެންޝަނުގައި ހުރީ ޑްރަގް ޓެސްޓަށް ޕޮސިޓިވް ވުމުންނެވެ. ވޯލްޑް ކަޕަށްވެސް އޭނާ ސަސްޕެންޑް ވާނެ ކަމަށް ބެލެވުނު ނަމަވެސް، ޕެރޫ ހިމެނޭ ގްރޫޕްގެ އެހެން ޓީމުތަކުގެ އެދުމާވެސް އެކު ފީފާއިން ވަނީ ކޯޓު އޮފް އާބިޓްރޭޝަބް މެދުވެރިކޮށް، އޭނާއަށް ވޯލްޑް ކަޕް ކުޅެވޭނެ ގޮތަށް ސަސްޕެންޝަން ލުއިކޮށްދީފައެވެ.

ގުއެރޭރޯއަށް ނަތީޖާ ހަމަހަމަ ކުރުމަށް ތިން ފުރުސަތެއް ލިބިފައިވާ އިރު، އޭނާގެ ދެ ހަމަލާއެއް މަތަކުރީ ކީޕަރު ޝޫމައިކަލްއެވެ. އަނެއް ހަމަލާ ދިޔައީ ހިތްދަތިކޮށް، ދަނޑި ކައިރިން ބޭރަށެވެ.

ޕެރޫއާއި ޑެންމާކު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗު ނިމެން ދަނިކޮށް ޑެންމާކުގެ ކްރިސްޓިއަން އެރިކްސަންއަށް ފަހި ފުރުސަތެއް ލިބިފައިވާ އިރު، އޭނާގެ ހަމަލާ ދިޔައީ ސީދާ ކީޕަރު ޕެޑްރޯ ގަލޭސޭއާ ދިމަލަށެވެ.

ވޯލްޑް ކަޕްގެ އިތުރު މެޗެއް މިރޭ 12:00ގައި އޮންނާނެއެވެ. އެ މެޗަކީ ގްރޫޕް ޑީގެ މެޗެކެވެ. އެ މެޗުގައި ވާދަކުރާނީ ނައިޖީރިއާ އަދި ކްރޮއޭޝިއާއެވެ.

comment ކޮމެންޓް