އާޖެންޓީނާ މާޔޫސްކޮށްލީ މެސީ، އައިސްލޭންޑްގެ ފުޓުބޯޅައަށް ތާރީހީ ދުވަހެއް!

އާޖެންޓީނާއާއި އައިސްލޭންޑް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި މިރޭ ކުޅުނު މެޗުގައި އައިސްލޭންޑުން އާޖެންޓީނާ ހިފަހައްޓައިފިއެވެ.

ގާތްގަނޑަކަށް ތިން ލައްކަ މީހުންގެ އާބާދީއެއް އޮންނަ އައިސްލޭންޑުން ދުނިޔޭގެ ފުޓުބޯޅައިގެ ގަދަބާރެއް ކަމަށްވާ އާޖެންޓީނާ އަދި އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ހިފެހެއްޓީ 1-1ގެ ނަތީޖާއަކުންނެވެ.

މީގެ ދެ އަހަރު ކުރިން ފްރާންސްގައި އޮތް ޔޫރޯގައިވެސް އައިސްލޭންޑްގެ ފަރާތުން ތާރީހީ ކާމިޔާބީތަކެއް ހޯދައިފައި އޮތް އިރު، މިރޭގެ މެޗަށް ނުކުތްއިރުވެސް އައިސްލޭންޑްގެ ފަރާތުން ޖާދުލެއް ފެނިދާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރިއެވެ. މެޗުގައި ކުޑަކުޑަ އައިސްލޭންޑްގެ ފަރާތުން ވަރުގަދަ ޑިފެންސިވް ކުޅުމެއް ފެނިގެން ދިޔަ އިރު، މެޗުގައި ހުރިހާ ލޯތަކެއް އަމާޒުވީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށެވެ. ސީޒަންގެ މިހާތަނަށް ބާސެލޯނާއާއެކު މޮޅު ކުޅުމެއް ދައްކާފައިވާ މެސީ އަތުން މިރޭގެ މެޗުގައި ޕެނެލްޓީއެއް ނާކާމިޔާބުވިތަން ފެނިގެން ދިޔައެވެ.

އާޖެންޓީނާއާއި އައިސްލޭންޑް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެސީ ވަނީ މީގެ ކުރިންވެސް ޕެނެލްޓީއަކާ ހުރެ މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ. އާޖެންޓީނާއާއެކު ބައިނަލްއަގުވާމީ ހަތަރު މުބާރާތެއްގެ ފައިނަލް މެސީ ކުޅެފައިވާ އިރު، ޗިލީއާ ދެކޮޅަށް އެޓީމު ކުޅުނު ކޮޕާ އެމެރިކާ ފައިނަލްގައި މެސީ ޖެހި ޕެނެލްޓީވެސް ނާކާމިޔާބުވެ، އާޖެންޓީނާއަށް ވަނީ ތަށްޓެއް ގެއްލިފައެވެ.

އޭގެ އިތުރުން 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ޗެލްސީ ކޮޅަށް މެސީ ޖެހި ޕެނެލްޓީވެސް ވަނީ ނާކާމިޔާބުވެފައެވެ. މިރޭގެ މެޗަށް ނުކުތް އިރު، މެސީއަށް އިތުރު ޕްރެޝަރެއް ގެނުވީ އޭނާގެ އެންމެ ވާދަވެރި ކުޅުންތެރިޔާ، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސްޕެއިންގެ ކޮޅަށް ރޭ ހެދި ހެޓްރިކާ އެކުގައެވެ.

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް އައިސްލޭންޑުން ކުޅެމުން ދިޔައީ ފަހަތުގައި ޑިފެންޑަރުންގެ ފާރަކާ އެކީގައެވެ. އެޓޭކް ކުރަން މަސައްކަތްކުރި އާޖެންޓީނާއަށް އެތަކެއް އުނދަގޫތަކެއް ކުރިމަތިވިއެވެ.

އާޖެންޓީނާއާއި އައިސްލޭންޑް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އާޖެންޓީގެ އެންމެ ބޮޑު ޒިންމާއެއް ޓީމުގެ ކެޕްޓަން މެސީގެ ބޮލުގައި އެޅިފައި އޮތް އިރު، މެޗުގެ ފުރަތަމަ ހާފްގައި އޭނާއަށް ކުޅެލުމަށް އެއްވެސް ޖާގައެއް ނުލިބޭ ބުނެވިދާނެއެވެ. އާންމުކޮށް ހަލުވި ކޮށްޓުންތަކާއެކު މެދުތެރެރިން ކުޅޭ މެސީ ކައިރީގައި އަބަދުވެސް އައިސްލޭންޑްގެ ތިން ކުޅުންތެރިން ނޫނީ ދެ ކުޅުންތެރިން މާކް ކޮށްގެން ތިބި އިރު، ފުރަތަމަ ހާފްގައި އޭނާގެ ނުރައްކާ ފެނިފައެއް ނުވެއެވެ.

ސާޖިއޯ އަގުއޭރޯ، އައިސްލޭންޑްގެ ގޯލްގެ މަތީ ކަނަށް އަމާޒުކޮށް ނިންމާލި ފުރުސަތާއެކު އާޖެންޓީނާއިން ވަނީ މެޗުގެ 19 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އާޖެންޓީނާއިން ލީޑު ނެގި ނަމަވެސް، އައިސްލޭންޑްގެ ހަލުވި ކައުންޓާ އެޓޭކްތަކުން އާޖެންޓީނާ ޑިފެންސަށް ނުތަވަސްކަން ކުރިމަތި ކުރުވިއެވެ.

އާޖެންޓީނާގެ ޑިފެންސާއި ކީޕަރަށްވެސް ފޯކަސް ގެއްލުވާލެވުނު ވަގުތުގެ ބޭނުންހިފައި، އައިސްލޭންޑުން ނަތީޖާ ހަމަހަމަ ކުރީ އާޖެންޓީނާގެ ގޯލަށް ފަސް މިނެޓްވެސް ނުވަނީހެވެ. އަލަށް ވޯލްޑް ކަޕްގައި ވާދަކުރަމުންދާ އައިސްލޭންްޑުން ވޯލްޑް ކަޕްގެ ތާރީހުގައި ޖެހި ފުރަތަމަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަލްފްރެޑް ފިމްބޮގާސަންއެވެ.

އާޖެންޓީނާއާއި އައިސްލޭންޑް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ދެވަނަ ހާފްގައިވެސް ކުޅުމުގެ ސްޓައިލަކަށް ބަދަލެއް ނާދެއެވެ. އައިސްލޭންޑުން ކައުންޓާ އެޓޭކް ހެދުމަށް ވިސްނި އިރު، އާޖެންޓީނާ މަސައްކަތްކުރީ އައިސްލޭންޑްގެ ޑިވެންސިވް ފާރު ފޫއަޅުވާލެވޭތޯއެވެ. މޮސްކޯގެ ސްޕާޓް ސްޓޭޑިއަމްގައި އައިސްލޭންޑްގެ ތިރީހަކަށްހާސް ސްޕޯޓަރުންގެ "ވައިކިން ކްލެޕް"ގެ އަޑު ގުގުމާލައިފައި ހުރި އިރު، މެޗު ނިމެން ވަގުތު ކުޑަތަންވިވަރަކަސް އާޖެންޓީނާ ދިޔައީ ޕްރެޝަރުވަމުންނެވެ.

އާޖެންޓީނާގެ މެދަށް ކުޅެމުންދިޔަ ލޫކަސް ބީގްލިއާގެ ބަދަލުގައި އެވާ ބަނޭގާ ކުޅެން ނުކުތުމުން ޓީމުގެ އެޓޭކް ރަނގަޅުވެގެން ދިޔައެވެ. 64 ވަނަ މިނެޓުގައި އާޖެންޓީނާއަށް ޕެނެލްޓީ ލިބިފައިވާ އިރު، މެސީގެ ޕެނެލްޓީ ދިފާއުކުރީ އައިސްލޭންޑްގެ ކީޕަރު ތޯރު ހަލްޑާސަންއެވެ.

އާޖެންޓީނާއާއި އައިސްލޭންޑް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ޕެނެލްޓީ ނާކާމިޔާބުވުމަށްފަހުވެސް މެސީގެ ފަރާތުން ގޯލެއް ޖެހުމަށް އިތުރު މަސައްކަތްތަކެއް ކުރިތަން ފެނިގެން ދިޔައެވެ. އެގޮތުން ތިން ހަމަލާއެއް އޭނާގެ ފަރާތުން ފާހަގަވި އިރު، މިރޭގެ މެޗަކީ އޭނާގެ އެންމެ ކާމިޔާބު މެޗަކަށް ނުވިއެވެ.

ވޯލްޑް ކަޕްގެ އިތުރު ދެ މެޗު އަދި މިރޭ އޮންނާނެއެވެ. 9:00ގައި އޮންނަ މެޗުގައި ޑެންމާކާއި ޕެރޫ ވާދަކުރާ އިރު، 12:00ގައި އޮންނަ މެޗުގައި ވާދަކުރާނީ ނައިޖީރިއާއާއި ކްރޮއޭޝިއެވެ.

comment ކޮމެންޓް