ފްރާންސަށް ހަނި މޮޅެއް، ޓެކްނޮލޮޖީގެ ބޭނުން ޖެހުނު މެޗެއް!

ފްރާންސާއި އޮސްޓްރޭލިއާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕްގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ ކައިރިން ހަނި މޮޅެއް ހޯދި އިރު، ވޯލްޑް ކަޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ނިންމުމެއް ނިންމައިފިއެވެ.

ކަޒާންގެ ކަޒާން އޭރީނާގައި މިއަދު ކުޅުނު ގްރޫޕް ސީގެ މެޗު، ފްރާންސުން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ދެ ޕެނެލްޓީއެއް ފެނިގެން ގޮސްފައިވެއެވެ.

މެޗުގެ ފުރަތަމަ ހާފްގައި މާ ގިނަ ހަމަލާތަކެއް ފެނިފައެއް ނުވެއެވެ. ބޯޅަ ހިފަހައްޓައިގެން ގިނަ ޕާސްތަކެއް ޖަހައިގެން ކުޅުނު ފްރާންސުންވެސް ފެނުނީ މަޑު ރާގެއްގެ ކުޅުމެކެވެ. މާ ބޮޑަށް އެޓޭކް ކުރަން މަސައްކަތްތަކެއް ފެނިފައެއް ނުވެއެވެ.

ފްރާންސާއި އޮސްޓްރޭލިއާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގައި އޮސްޓްރޭލިއާގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، އެޓީމުގެ ކުރިއަށް ކުޅެމުން ދިޔަ މެތުއު ލެކީ ފަދަ ކުޅުންތެރިންތެރިންނާއެކު އޮސްޓްރޭލިއާ ވިސްނީ ކައުންޓާ އެޓޭކް ކުރުމަށެވެ. ކައުންޓާ އެޓޭކްގައި އޮސްޓްރޭލިއާއިން ފްރާންސްގެ ޑިފެންސަށް ބައެއް ނުރައްކާތައް ކުރިމަތި ކުރި އިރު، ފުރަތަމަ ހާފްގައި އޮސްޓްރޭލިއާއަށް ލީޑު ނެގިޔަ ނުދީ ހިފަހައްޓައިދިނީ ފްރާންސް ކީޕަރު ހޫގޯ ލޮރިސްއެވެ. އަރިމަތިން ލެކީ ނެގި ހުރަސް، ފްރާންސްގެ ޑިފެންޑަރު ބޮލުގައި ޖެހި، ބައިކޮޅަށް ވަންނަން ދިޔަ އިރު، ތިރީ ކަނާ ދިމާއިން ބޯޅަ ބޭރުކޮށްލީ ލޮރިސްއެވެ.

ދެވަނަ ހާފް ފެށިގެން މާ ގިނަ އިރެއް ނުވެ، މެޗު ހުޅުވިގެން ދިޔައެވެ. މެޗުގެ 58 ވަނަ މިނެޓުގައި ފްރާންސްއިން ލީޑު ނެގި އިރު، އެޓީމުން ލީޑު ނެގީ ވީއޭއާރްގެ އެހީގައި ރެފްރީ ދިން ޕެނެލްޓީއަކުންނެވެ. ޕެނެލްޓީ ކާމިޔާބުކުރި އެންޓޮއިން ގްރީޒްމަނަށް، އޮސްޓްރޭލިއާގެ ޑިފެންޑަރު އޭރިއާ ތެރެއިން ކުރި ފައުލް ފުރަތަމަ ރެފްރީ ނުދެއްކި ނަމަވެސް، ވީއޭއާރް ރިވިއުއަށްފަހު ރެފްރީ ވަނީ ޕެނެލްޓީ ދީފައެވެ.

ފްރާންސާއި އޮސްޓްރޭލިއާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ފްރާންސް ލީޑު ނެގިތާ ފަސް މިނެޓް ފަހުން އޮސްޓްރޭލިއާއިން ނަތީޖާ ހަމަހަމަ ކުރީވެސް ޕެނެލްޓީއަކުންނެވެ. މިފަހަރު ވީއޭއާރްގެ އެހީއެއް ނެތި ރެފްރީ ދިން ޕެނެލްޓީއަކީ އޭރިއާ ތެރެއިން ފްރާންސް ޑިފެންޑަރު ސެމިއުލް އުމިޓީޓީ އަތުގައި ޖެހުމުން ދިން ޕެނެލްޓީއެކެވެ. އޮސްޓްރޭލިއާއަށް ޕެނެލްޓީ ކާމިޔާބުކޮށްދިނީ މައިލް ޔެޑިނެކެވެ.

މެޗު އެއްވަރުވުމުން ފްރާންސުން ވަނީ އެޓޭކަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ފުރަތަމަ ގޯލް ޖެހި އެންޓޮއިން ގްރީޒްމަންގެ ބަދަލުގައި އޮލިވިއާ ޖިރޫ ކުޅެން ނުކުތް އިރު، މެދުތެރެއިން އުސްމާން ޑެމްބޭލޭގެ ބަދަލުގައި ކުޅެން ނުކުތީ ނެބިލް ފެކީރެވެ.

އޮސްޓްރޭލިއާއި ފްރާންސް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ފްރާންސުން ދެވަނަ ފަހަރަށް ލީޑު ނެގީ ޕައުލް ޕޮގްބާގެ ގޯލުންނެވެ. އޭރިއާ ބޭރުން ޕޮގްބާ ފޮނުވާލި ބޯޅަ، އޮސްޓްރޭލިއާގެ ޑިފެންޑަރު ފައިގައި ޖެހިފައި ގޮސް ޖެހުނީ ގޯލްގެ ހުރަސްދަނޑީގައެވެ. ހުރަސްދަނޑީގައި ޖެހި ބޯޅަ ބިމުގައި ޖެހުނީ ގޯލް ތެރޭގައެވެ. ފުރަތަމަ ފަހަރަށް ރެފްރީ ގޯލެއް ކަމަށް ނުނިއްމި ނަމަވެސް، މަދު ސިކުންތު ކޮޅެއްގެތެރޭގައި ގޯލް ލައިން ޓެކްނޮލޮޖީއާއެކު ރެފްރީއަށް ގޯލްގެ ޔަގީންކަން ލިބިގެން ދިޔައެވެ.

ވޯލްޑް ކަޕްގައި ދެން މިއަދު އޮންނާނީ ގްރޫޕް ޑީގެ މެޗެކެވެ. އެ މެޗުގައި 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ ރަނަރަޕް އާޖެންޓީނާ ނުކުންނާނީ ކުޑަކުޑަ އައިސްލޭންޑާ ދެކޮޅަށެވެ. މިއީ އައިސްލޭންޑް ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް