ކަޝްމީރުގައި ހިނގަމުންދާ ކަންކަން ތަހުގީގުކުރަން އދ.އިން ފުރަތަމަ ފަހަރަށް ގޮވާލައިފި

އދ.ގެ ހިއުމަން ރައިޓްް ހައިކޮމިޝަނަރު ޒައިދު ބިން ރާޢަދު --

ޕާކިސްތާނާއި އިންޑިއާއާ ދެމެދު ޚިޔާލު ތަފާތުވުން އުފެދިފައިވާ ކަޝްމީރުގެ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މައްސަލަތަކަށް ބައިނަލްއަގުވާމީ ތަހުގީގެއް ހިންގުމަށް އދ. އިން ފުރަތަމަ ފަހަރަށް ގޮވާލައިފި އެވެ.

ކަޝްމީރަކީ އިންޑިއަން ސަބްކޮންޓިނެންޓުގެ އެންމެ އުތުރުން އޮންނަ ސަރަހައްދެވެ. އިންޑިއާގައި ޖައްމޫ އެންޑް ކަޝްމީރު ސްޓޭޓު އޮންނަ އިރު، އެ އެ ސްޓޭޓުގެ ހުޅަނގު ފަޅިއަކީ ޕާކިސްތާނުން ބަލަހައްޓާ ފަޅި އެވެ. އަސްކަރީ ލައިން އޮފް ކޮންޓްރޯލެއް ހުރަސްކޮށް، ހުޅަނގަށް އޮންނަ ޕާކިސްތާނުގެ ކަޝްމީރަށް ކިޔަނީ އާޒާދު ކަޝްމީރެވެ.

އދ.ގެ ހިއުމަން ރައިޓްސް އޮފީހުން ބުރާސްފަތި ދުވަހު ކަޝްމީރުގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ނެރުނު ރިޕޯޓުގައި، ދެގައުމުން ވެސް ބަލަހައްޓާ ކަޝްމީރާ ގުޅޭ މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ. ރިޕޯޓުގައި ބޮޑަށް އަލި އަޅުވާލާފައި ވަނީ ޖުލައި 2016 އިން ފެށިގެން މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ހިނގާފައިވާ ކަންކަމަށެވެ. އެކްޓިވިސްޓުން ލަފާކުރާ ގޮތުގައި އެ މުއްދަތުގައި އަސްކަރީ ބާރުތަކުން ކަޝްމީރުގައި އާންމުންގެ 145 މީހަކު، އަދި ހަތިޔާރު އެޅި ޖަމާއަތްތަކުން 20 މީހަކު މަރާފައިވެ އެވެ.

"މި ކަންކަމުގެ ރައްދުގައި އިންޑިއާގެ ސަލާމަތީ ބާރުތަކުން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ބައެއް މީހުން މަރާފައި. އަދި ގިނަ ބަޔަކަށް ޒަޚަމްވެފައިވޭ،" އދ.ގެ ރިޕޯޓުގައިވެ އެވެ.

މީގެ އިތުރުން ކަޝްމީރުގައި ސުލްހަވެރި މުޒާހަރާ ކުރާ ފަރާތްތަކަށް ޕާކިސްތާނުން އެގައުމުގެ ޓެރަރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޝަރީއަތް ހިންގަމުންދާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ކަޝްމީރުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ހަނގުރާމަވެރި ޖަމާއަތްތަކުން ވެސް ގިނަ އަދަދެއްގެ ޖިނާޢަތްތައް ހިންގައި، އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ ކަމަށް ރިޕޯޓުގައި ތުހުމަތުކޮށްފައިވެ އެވެ. އޭގެ ތެރޭގައި މީހުން ރަހީނުކުރުން، މީހުން މެރުން އަދި ޖިންސީ އަނިޔާ ދިނުން ފަދަ ކަންކަން ހިމެނޭކަމަށް އދ.ގެ ރިޕޯޓުގައިވެ އެވެ.

އަންނަ ހަފްތާގައި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުގެ ސެޝަންތައް ފަށާ އިރު، ހިއުމަން ރައިޓްސް ހައިކޮމިޝަނަރު ޒައިދު ބިން ރާއަދު ނެރުއްވި ބަޔާނެއްގައި ވަނީ ޖައްމޫ އަދި ކަޝްމީޜުގައި ހިނގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަންކަމުގެ މައްޗަށް ރަނގަޅު ތަހުގީގެއް ކުރަންޖެހޭ ކަމަށެވެ.

comment ކޮމެންޓް