ރަންވީރުއާއެކު ފިލްމެއް ކުޅެލަން ބޭނުން: ރަންބީރު

ރަންބީރު ކަޕޫރު އަދި ރަންވީރު ސިންހްއަކީ މި ފަހުން ބޮލީވުޑަށް ތައާރަފުވި އެންމެ ހުނަރުވެރި ދެ އެކްޓަރުންނެވެ. ކުޅޭ ކޮންމެ ފިލްމެއްގައި ވެސް ދެ މީހުންގެ ފަރާތުން މޮޅު އެކްޓިންއެއް ފެނިގެން ދާއިރު، ދެ މީހުން އެކުގައި ފިލްމަކުން ފެނިގެން ދިއުމަކީ ގިނަ ބަޔަކު ކުރާ އުންމީދެކެވެ.

މިއީ ހަމައެކަނި ބެލުންތެރިންގެ އުންމީދެއްވެސް ނޫނެވެ. ދެމީހުން އެކުގައި ފިލްމެއްގެ މަސައްކަތް ކުރަން ޚުދު ރަންބީރުވެސް ބޭނުންވެއެވެ.

ވަރަށް ފަހުން ދިން އިންޓަވިއުއެއްގައި ރަންބީރު ބުނީ އޭނާއަކީ ރަންވީރުގެ ވަރަށް ބޮޑު ފޭނެއް ކަމަށާއި، ރަންވީރު ކުޅޭ ކޮންމެ ފިލްމެއްގައި ވެސް އޭނާ ވަރަށް މޮޅު ކަމަށެވެ. ޚާއްސަކޮށް "ޕަދްމާވަތު"ގައި ރަންވީރު އަދާކުރި ރޯލު ރަންބީރުވެސް ފާހަގަކުރިއެވެ.

ރަންބީރު ބުނީ ދެމީހުން އެކުގައި ފިލްމެއްގެ މަސައްކަތް ކޮށްލަން ވަރަށް ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ފިލްމު ވާންޖެހޭނީ "ކަރަން އަރުޖުން"، "އަންދާޒް އަޕްނާ އަޕްނާ" ނުވަތަ "ދީވާރް" ފަދަ ފިލްމަކަށް ކަމަށްވެސް ރަންބީރު ބުންޏެވެ.

ރަންބީރު ބުނީ ކޮންމެ ޖޯންރާއެއްގެ ފިލްމެއް ނަމަވެސް މައްސަލައެއް ނެތް ކަމަށެވެ.

މަސައްކަތަށް ބަލާއިރު، ރަންބީރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ ފިލްމު "ސަންޖޫ"އިންނެވެ. އަދި ރަންބީރު މިހާރު އަންނަނީ އާލިއާ ބަޓްއާއެކު ފިލްމު "ބްރަހްމަޝްތުރަ"ގެ މަސައްކަތް ކުރަމުންނެވެ.

ރަންވީރު މިހާރު ކުރަމުން އަންނަނީ ފިލްމު "ސިމްބާ"ގެ މަސައްކަތެވެ. ރަންވީރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ "ގަލީ ބޯއީ"އިން އާލިއާ ބަޓްއާ އެކުއެވެ.

comment ކޮމެންޓް