އާ ކޯޗުގެ ފުރަތަމަ މެޗުގައި ސްޕެއިން ހުއްޓުވީ ރޮނާލްޑޯގެ ހެޓްރިކް!

ޕޯޗުގަލްއާއި ސްޕެއިން މިރޭ ކުޅުނު މެޗުގެ ތެރެއިން --- އޭޕީ

ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާއެކު ޕޯޗުގަލްއިން ސްޕެއިން ހިފަހައްޓައިފިއެވެ.

ވޯލްޑް ކަޕް ފެށުމުގެ އެއް ދުވަސް ކުރިން ޓީމުގެ ކޯޗު ބަދަލުކޮށް، ސްޕެއިން އިން މިރޭގެ މެޗަށް ނުކުތީ އާ ކޯޗު ފެނާންޑޯ އިއެރޯގެ އިރުޝާދުގެ ދަށުންނެވެ. މިރޭގެ މެޗަކީ އިއެރޯ ސްޕެއިންއާ އެކު ނުކުތް ފުރަތަމަ މެޗެވެ.

ސޮޗީގެ ފިޝްޓް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުންވެސް ފޯރި ގަދަ، ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ އިރު، މިރޭގެ މެޗު ވެގެންދިޔައީ ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު އެންމެ ބަލާލަން ހިތްގައިމު މެޗަށެވެ. ގިނަ ހަމަލާތަކެއްގެ އިތުރުން، ތަފާތު ގޯލްތަކާއެކު މިރޭގެ މެޗު އިތުރަށް ފުރިހަމަކޮށްލިއެވެ.

މެޗުގެ ކުރީ ކޮޅުގައި ޕޯޗުގަލްއިން ލީޑު ނެގިއެވެ. ސްޕެއިންގެ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު ނަޗޯ ފެނާންޑޭޒް، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނެލްޓީން ޕޯޗުގަލްއަށް ލީޑު ނަގައިދިނީ ރޮނާލްޑޯއެވެ.

ޕޯޗުގަލްއާއި ސްޕެއިން މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ރޮނާލްޑޯ ވަނީ އޭނާ ކުޅުނު ހަތަރު ވޯލްޑް ކަޕްގައިވެސް ގޯލް ޖަހައިފައެވެ. މިރޭގެ މެޗުގައި ޖެހި ތިން ގޯލާއެކު އޭނާ ވޯލްޑް ކަޕްގައި ޖެހި ގޯލްގެ އަދަދު ވަނީ ހަޔަކަށް އަރާފައެވެ. މީގެ ކުރިން ހަތަރު ވޯލްޑް ކަޕެއްގައި ގޯލް ޖަހައިފައިވާ ހަމައެކަނި ކުޅުންތެރިންނަކީ ބްރެޒިލްގެ ޕެލޭއާއި ޖަރުމަނުގެ މިރްސޮލާވް ކްލޯސާ އަދި ޖަރުމަނުގެ އުވޭ ސީލާއެވެ.

ޕޯޗުގަލްގެ ގޯލަށްފަހު ސްޕެއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ އިރު، ޕޯޗުގަލްއިން ނުރައްކާ ކުރީ ކައުންޓާ އެޓޭކްގައެވެ. އެގޮތުން ކައުންޓާ އެޓޭކް ދެ ފުރުސަތެއްގައި ޕޯޗުގަލް ވަނީ ނުރައްކާ ކޮށްފައެވެ. މެޗު ޑޮމިނޭޓްކޮށްގެން ކުޅުނު ސްޕެއިނުން، މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 24 ވަނަ މިނެޓުގައެވެ.

ޕޯޗުގަލްއާއި ސްޕެއިން މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ސްޕެއިންގެ ފޯވަޑް ޑިއޭގޯ ކޮސްޓާގެ ވަރުގަދަކަން ދައްކާލައި، ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ ބިމަށް ވައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ، ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ ދެ ޑިފެންޑަރު ނައްޓާލުމަށްފަހުގައެވެ. ސްޕެއިންގެ ގޯލަށްފަހު އެޓީމުގެ އިތުރުން ދެ ހަމަލާއެއްވެސް ފެނިގެންދިޔައެވެ. އިސްކޯ ދުރުން ފޮނުވާލި ބާރު ހަމަލާ، ގޯލްގެ މަތީ ދަނޑީގައި ޖެހުމަށްފަހު ބޭރުވީ ގޯލްގެ ރޮނގުމަތީގައިވެސް ޖެހުމަށްފަހުގައެވެ. އަދި އިނިއެސްޓާ ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ހާފް ނިމުމުގެ ކުރިން ރޮނާލްޑޯ އަނެއްކާވެސް އޭނާގެ ޖާދޫ ދައްކާލިއެވެ. މިފަހަރު އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ސްޕެއިންގެ ކީޕަރު ޑޭވިޑް ޑެހެއާއާ ދިމާއަށް ދިޔަނަމަވެސް، ބޯޅަ ގޯލަށް ވަނީ ޑެހެއާ އަތު ތެރެއިން ކަހާލައިގެން ގޮހެވެ.

ދެވަނަ ހާފް ފެށިގެން މާ ގިނައިރެއް ނުވެ، ސްޕެއިން އިން ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލްވެސް ކާމިޔާބުކޮށްދިނީ ފޯވަޑް ކޮސްޓާއެވެ. ކޮސްޓާގެ ގޯލަށް މާ ގިނައިރެއް ނުވެ، ނަޗޯގެ ރީތި ގޯލަކާއެކު ސްޕެއިންއިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. ޕޯޗުގަލްގެ އޭރިއާ ބޭރުން ނަޗޯ ފޮނުވާލި "ހާފް ވޮލީ" އަމާޒުކޮށްލީ ގޯލްގެ ކަނަށެވެ. ޕޯޗުގަލް ކީޕަރު ރުއި ޕެޓްރީސިއޯއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

ޕޯޗުގަލްއާއި ސްޕެއިން މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ލީޑު ނެގުމަށްފަހު ސްޕެއިނުން މެޗު ކޮންޓްރޯލް ކުރިއެވެ. ހާއްސަކޮށް މާ ބޮޑަށް އެޓޭކް ކުރަން ނޫޅެ، ގިނަ ޕާސްތަކެއް ޖަހަން މަސައްކަތް ކުރިތަން ފެނިގެން ދިޔައެވެ.

މެޗުގެ ފަހު 20 ވަރަކަށް މިނެޓްގައި ސްޕެއިން ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް، ރޮނާލްޑޯ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 88 ވަނަ މިނެޓުގައި ކާމިޔާބުކުރި ރީތި ހިލޭ ޖެހުމުންނެވެ.

މިރޭގެ ހެޓްރިކަކީ ޕޯޗުގަލްގެ ޖާޒީގައި ރޮނާލްޑޯ ހެދި ހަވަނަ ހެޓްރިކެވެ. އަދި ރޮނާލްޑޯ ވެފައިވަނީ ވޯލްޑް ކަޕެއްގައި ސްޕެއިން ކޮޅަށް ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ވޯލްޑް ކަޕްގެ ހަތަރު މެޗެއް މާދަމާ އޮންނާނެއެވެ. އެއީ ގްރޫޕް ސީގެ ދެ މެޗާއި ގްރޫޕް ޑީ ގެ ދެމެޗެވެ.

comment ކޮމެންޓް