އިރާނުން ފަހުވަގުތު މޮރޮކޯ ހިތްދަތިކޮށްލައިފި

އީރާނާއި މޮރޮކޯ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ ފަހު ވަގުތު ޖެހި ގޯލާއެކު އިރާނުން މޮރޮކޯ ބަލިކޮށްފިއެވެ.

ސެއިންޓް ޕީޓާސްބާގްގައި މިރޭ ކުޅުނު ގްރޫޕް ބީގެ ފުރަތަމަ މެޗުގައި އިރާނުން މޮރޮކޯ ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗަށް ނުކުތް އިރު، މޮރޮކޯ އޮތީ ރަނގަޅު ފޯމެއްގައެވެ. އެގޮތުން އެޓީމު އެންމެފަހުން ކުޅުނު 18 މެޗުންވެސް ބަލިވެފައެއް ނުވެއެވެ. އަދި އޭގެ ތެރެއިން 14 މެޗު މޮރޮކޯއިން ވަނީ ކާމިޔާބުކޮށްފައެވެ.

މެޗުގެ ކުރީ ކޮޅުގައި މޮރޮކޯއިން އިރާންގެ ޑިފެންސަށް ނުރައްކާ ކުރިއެވެ. ހާއްސަކޮށް މެޗުގެ ފުރަތަމަ ހާފްގައި މޮރޮކޯއިން މެޗު ޑޮމިނޭޓްކޮށް، ގިނަ ހަމަލާތަކެއް އުފައްދާފައިވެއެވެ.

އީރާނާއި މޮރޮކޯ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މޮރޮކޯއަށް މެޗުގެ ހަތަރު ވަނަ މިނެޓުގައިވެސް ވަނީ ހުސް ފުރުސަތެއް ލިބިފައެވެ. އަރިމަތިން ނޯރުދިން އަމްރަބަޓް ނަގައިދިން ހުރަސް، ހަކީމް ޒިޔަޗަށް ހުސްކޮށް ލިބުނު ނަމަވެސް، ބޯޅަ ދިޔައީ އޭނާގެ ފަޔާ ލައްވާނުލައެވެ. މެޗުގެ 20 ވަނަ މިނެޓުގައިވެސް މޮރޮކޯއަށް ވަނީ ފަހި ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ޑިފެންޑަރު މެދީ ބެނާޝިއާއަށް ގޯލަށް ފޮނުވާލަން ރަނގަޅު ފުރުސަތެއް ލިބިފައިވާ އިރު، އެ ހަމަލާގެ ހުރަހަކަށްވީ އީރާނުގެ ކީޕަރު އަލިރެޒާ ބެއިރަންވާންޑެވެ. އޭގެ އިތުރުންވެސް ފުރަތަމަ ހާފްގައި މޮރޮކޯގެ ހަލުވި ކުޅުންތެރިއާ، އަމީން ހަރިތު ފޮނުވާލި ހަމަލާވެސް ހުއްޓުވީ ކީޕަރު އަލިރެޒާއެވެ.

މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް އީރާނަށްވެސް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެގޮތުން އިރާން ޓީމުގެ ތަރި، އުމުރުން 22 އަހަރުގެ ފޯވަޑް ސަރުދާރު އަޒުމޯނަށް ލިބުނު ފުރުސަތުގައި އޭނާއަށް ގޯލް ހުޅުވައެއް ނުލެވުނެވެ.

އީރާނާއި މޮރޮކޯ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފްގައި މޮރޮކޯއިން މެޗު ޑޮމިނޭޓްކޮށްގެން ކުޅުނު ނަމަވެސް، އިރާނުން ވަނީ ދެވަނަ ހާފްގައި ކުޅުން ރަނގަޅުކޮށްފައެވެ. އެހެން ނަމަވެސް މޮރޮކޯގެ އެޓޭކްތައް ދެވަނަ ހާފްގައިވެސް ފެނިގެން ދިޔައެވެ. ހާއްސަކޮށް ޒިޔަޗް އަދި އަމްރަބަޓަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ. ޒިޔަޗްގެ ނުރައްކާތެރި ހަމަލާއެއް އީރާންގެ ކީޕަރު ދިފާއުކުރި އިރު، އަމްރަބަޓަށް ލިބުނު ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗުގެ ދެވަނަ ހާފްގައި އަމްރަބަޓަށް އަނިޔާވެ އޭނާ ވަނީ ބަދަލުވެސް ކޮށްފައެވެ.

މެޗުގައި ފެނުނު ހަމައެކަނި ގޯލް ފެނުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މޮރޮކޯގެ ޕެނެލްޓީ އޭރިއާ އަރިމަތިން ލިބުނު ހިލޭ ޖެހުން އެއްސާން ހާޖީ ސާފީ ހުރަސް ކުރި އިރު، އެ ބޯޅަ ގޯލަށް ވަނީ މޮރޮކޯގެ ޑިފެންޑަރު އަޒީޒް ބޮހަޑޫޒްގެ ބޮލުގައި ޖެހިފައި ބައިކޮޅަށެވެ. އަޒީޒަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް ކުޅުންތެރިއެކެވެ.

އީރާނާއި މޮރޮކޯ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ގްރޫޕް ބީގެ އިތުރު މެޗެއް މިރޭ 11:00ގައި އޮންނާނެއެވެ. އެ މެޗުގައި ވާދަކުރާނީ ސްޕެއިންއާއި ޕޯޗުގަލްއެވެ.

comment ކޮމެންޓް