ކުންމިންގް ފެއާ ފަށައިފި، ރާއްޖެއިން އެންމެ ބައިވެރިއެއް!

ކުންމިންގް ފެއާގައި ރާއްޖޭގެ ވިޔަފާރިތަކަށް ޚާއްސަކޮށްފައިވާ ސަރަހައްދު: ރާއްޖެއިން ފެއާގައި ބައިވެރިވީ އެންމެ ފަރާތަކުން -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

(ކުންމިންގް، ޗައިނާ): ފަސްވަނަ ޗައިނާ ސައުތު އޭޝިއާ އެކްސްޕޯ، ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގްގައި ފަށައިފިއެވެ.

މި އަހަރުގެ ކުންމިންގް ފެއާ ކުރިއަށްދާނީ މިމަހުގެ ވިހިވަނަ ދުވަހުގެ ނިޔަލަށް ޑިއާންޗީ އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރގައެވެ.

ދުނިޔޭގެ އަށްޑިހަ ހަ ގައުމަކުން އަށްހާސް ފަސްސަތޭކައަށް ވުރެ ގިނަ އެގްޒިބިޓަރުން މި އަހަރުގެ ފެއާގައި ބައިވެރިވެފައިވާއިރު ރާއްޖެއިން ބައިވެރިވެފައިވަނީ އެންމެ ފަރާތަކުންނެވެ. އެއީ ސުވެނިއާ ވިޔަފާރި ކުރާ "ޓިޕިކަލް ސުވެނިއާސް" ކިޔާ ފަރާތެކެވެ.

މިފަހަރުގެ ކުންމިންގް ފެއަރގައި ދިވެހިރާއްޖޭގެ ފަރާތުން އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގަންނަވާނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީގެވެ.

ތައުފީގު "ސަން"އަށް ވިދާޅުވީ، މިފަދަ ފެއާތަކުގައި ބައިވެރިވުމުގެ މަގުސަދަކީ ރާއްޖޭގެ އުފެއްދުންތައް ބޭރުގެ މާކެޓުތަކުގައި ދާއްކާލައި އެ އުފެއްދުންތަކަށް އެކްސްޕޯޝާ ދީ ،ވިޔަފާރިއަށް މަގުފަހިކޮށްދިނުން ކަމަށެވެ.

މިއަހަރުގެ ފެއާގައި ރާއްޖެއިން ބައިވެރިވި މީހުން މަދުވި ސަބަބެއްކަމަށް ތައުފީގު ވިދާޅުވީ ރަމަޟާން މަސް ތެރޭގައި ފެއާ ފެށުމެވެ.

ޓިޕިކަލް ސްވެނިއާސްގެ ވެރިޔާ، އިބްރާހިމް ޝަރީފް "ސަން"އަށް ވިދާޅުވީ، އޭނާ މި ފެއާގައި ބައިވެރިވާތާ މިއީ ތިންވަނަ އަހަރު ކަމަށާއި، ފެއާގައި ބައިވެރިވުމުގެ ސަބަބުން ވިޔަފާރިއަށް ބޮޑު ފައިދާއެއް ލިބޭކަމަށެވެ.

"ކޮންމެ އަހަރަކުވެސް މި ފެއާގައި މި ބައިވެރިވަނީ މީގެން ބޮޑު ފައިދާއެއް ލިބޭތީ، ނޫންނަމަ އަހަރެންވެސް ބައިވެރިއެއް ނުވާނެ. މި ފެއާއަކީ ވަރަށް ކާމިޔާބު ފެއާއެއް. އެހެންވީމަ ކުރިއަށް އޮތް އަހަރުތަކުގައިވެސް ބައިވެރިވާނަން،" ޝަރީފް ވިދާޅުވިއެވެ.

ޗައިނާގެ ޔުނާން ޕްރޮވިންސްގެ، ކުންމިންގެ ސިޓީގައި އަހަރަކު އެއްފަހަރު ބާއްވާ ޗައިނާ ސައުތު އޭޝިއާ އެކްސްޕޯ ނުވަތަ ކުންމިންގް ފެއާއަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ އުފެއްދުންތެރިކަމުގެ ދާއިރާ ފުޅާކުރުމާއި، އެއްތަނަކުން އެކި ގައުމުތަކުގެ އުފެއްދުންތައް ވިއްކުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ފެއާރއެކެވެ.

comment ކޮމެންޓް