އެމެރިކާއިން ދިން ހަމަލާއެއްގައި ޕާކިސްތާނު ތާލިބާނުގެ ލީޑަރު މަރުވެއްޖެ

ޕާކިސްތާން ތާލިބާނުންގެ ލީޑަރު މުއްލާ ފަޒްލުﷲ ---

ޕާކިސްތާނާއި އަފްގާނިސްތާނު ގުޅޭ ބޯޑަރު ކައިރިއަށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާއެއްގައި ޕާކިސްތާނު ތާލިބާނުންގެ ލީޑަރު މުއްލާ ފަޒްލުﷲ މަރުވެއްޖެކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ތެހްރީކީ ތާލިބާން ޕާކިސްތާން (ޓީޕީޕީ)ގެ ލީޑަރު ފަޒާލް ހަޔާތު ނުވަތަ އާންމު ނަމުން ނަމަ މުއްލާ ފަޒްލުﷲ މަރުވެއްޖެކަމަށް އެމެރިކާއިން ބުނި ބުނުން، އަފްގާނިސްތާނުގައި ހުންނަ ނޭޓޯގެ ސަޕޯޓް މިޝަނުގެ އިސް އޮފިޝަލެއްވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

އެމެރިކާއިން އިއްޔެ ބުނި ގޮތުގައި ވައިގެ ހަމަލާ ދިނީ ޕާކިސްތާނުގެ ބޯޑަރާ ކައިރިން، އަފްގާނުގެ އިރުމަތީގައި އޮންނަ ކުނާރު ޕްްރޮވިންސްގައި ހުރި ހަނގުރާމަވެރި ޖަމާއަތެއްގެ އިސްވެރިއަކާ އަމާޒުކޮށެވެ.

އެ ހަމަލާ ކާމިޔާބުވި ކަމަށާއި، އެ ހަމަލާގައި މަރުވީ ޕާކިސްތާނު ތާލިބާނުންގެ ލީޑަރުކަން، އަފްގާނިސްތާނުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

"ކުނާރު ޕްރޮވިންސްގައި ހިންގި ޖޮއިންޓް އެއާ އޮޕަރޭޝަނުގައި ޕާކިސްތާނުގެ ތާލިބާނު ލީޑަރު މުއްލާ ފަޒްލުﷲ މަރުވެއްޖެކަން ކަށަވަރުކޮށްދެން،" އަފްގާނު އަސްކަރިއްޔާއާ ބެހޭ މިނިސްޓްރީގެ ތަރުޖަމާނު މުހައްމަދު ރަދްމަނީޝް ވިދާޅުވިއެވެ.

މުއްލާ ފަޒްލުﷲ އަކީ ޕާކިސްތާނު ސަރުކާރުން ހައްޔަރުކުރަން ބޭނުންވެގެން އުޅުނު ހަނގުރާމަވެރިއެކެވެ. ޕާކިސްތާނު ތާލިބާނުން 2014 ވަނަ އަހަރު ޕެޝާވަރުގެ ސްކޫލެއްގައި ބަޑި ޖަހައި ދިން ހަމަލާއެއްގައި 132 ދަރިވަރަކު މަރާލި ހާދިސާއާއި، 2012 ވަނަ އަހަރު މަލާލާ ޔޫސަފްޒާއީއަށް ބަޑިން ދިން ހަމަލާގެ ފަހަތުގައި ހުރީ މުއްލާ ފަޒްލުﷲ އެވެ.

މުއްލާ ފަޒްލުﷲ އަކީ އިސްލާމާބާދުގެ ހުޅަނގު އުތުރުގެ ސްވާތު ވާދީއަށް ނިސްބަތްވާ މީހެކެވެ. ސްވާތު ވާދީގައި ދީނީ ލީޑަރެއްގެ ގޮތުގައި އޭނާ މަޝްހޫރުވެގެން ދިޔަ އިރު، ރޭޑިއޯ ޗެނަލްތައް މެދުވެރިކޮށް ދެމުން ދިޔަ ދަރުސްތަކާ އެކު "މުއްލާ ރޭޑިއޯ"ގެ ނަމުން އޭނާ މަޝްހޫރުވެގެން ދިޔައެވެ.

އިސްލާމީ ޝަރީޢަތް ގާއިމުކުރުމަށް ގޮވާލައި، ހަމަނުޖެހުން ހިންގަމުން ދިޔަ ޖަމާޢަތެއް ކަމުގައިވާ ތެހްރީކީ ނަފާޒީ ޝަރީޢަތީ މުހައްމަދީ (ޓީއެންއެސްއެމް)ގެ ބާނީ ސޫފީ މުހައްމަދު ބިން އަލްހަޒްރަތު ހަސަން ޖަލަށް ލުމުން، އެ ޖަމާއަތުގެ ވެރިއަކަށް 2001 ވަނަ އަހަރު އައީ މުއްލާ ފަޒްލުﷲއެވެ. ފަޒްލުﷲ އަކީ ސޫފީ މުހައްމަދުގެ ދަނބިދަރިއެވެ.

މުއްލާ ފަޒްލުﷲ ތެކްރީތީ ތާލިބާން ޕާކިސްތާނުގެ ލީޑަރުކަމަށް އައީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

comment ކޮމެންޓް