ތަފާތު ލޯތްބެއް - 12

ކެމީލާ ތެދުވެގެންގޮސް ކުޑަދޮރު ކައިރީގައި ހުއްޓުނެވެ. ޗޮކްލެޓް ތަށީގައި ދެއަތްތިލައިގެ އިނގިލިތައް ވަށާލާފައިވީއިރު ކުޑަކުއްޖެއްފަދައިން ލޯ ބޮޑުކޮށްގެން ހުރެ ބަލަމުން ދިޔައީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަށެވެ. މިދިމާލުގައި ބިޔަ ގަސްތައް ގިނައެއް ނޫނެވެ. ދުރުދުރަށްދާންދެން ވިނަގަނޑު އޮތަސް މިހާރު ފަތްތަކުން ފޮރުވިފައިވެއެވެ. ހިނގާލަން މާބްލްއިން މަގުތައް ހަދާފައި ބައެއް ތަންތަނުގައި ބެންޗު ބަހައްޓާފައިވާއިރު ނިކަން ހިތްގައިމެވެ. ތަންކޮޅެއް ދުރުން ގަނޑުވަރެއްފަދަ ރީތި ގެއެއްގެ މަލަމަތި ފެންނާން ހުއްޓަސް އެހިސާބުގައިވާ ގަސްތަކުން އެގެ ފަރުދާވެފައިވުމުން އެހާ ރީއްޗަކަށް ސާފުވާގޮތެއްނުވިއެވެ.

ކުޑަދޮރުގެ ކައިރީގައިވާ ވިންޑޯސީޓު ސެޓިން ފޮތީގެ ކަވަރުލައްވާފައި މަޑުގޮދަޑިޖަހާ ކުޝަން ބަހައްޓާފައި ހުރީ އިށީދެ އަދި އޮށޯވެވޭގޮތަށެވެ. ކޮޓަރީގެ އެއްކޮޅުން އަނެއްކޮޅަށް ފްރެންޗް ކުޑަދޮރުތައް ޖަހާފައި ހުރުމުން އެނދުގައި އޮންނައިރުވެސް ބޭރުގެ ހިތްގައިމު މަންޒަރުތައް ފުރިހަމައަށް ފެންނާން ހުންނާނެއެވެ. އެއޮތް ބޮޑު ކޮޓަރި އެންމެ ދުވަހަކަށް ހުންނަން ލިބުނަސް ހާދަ އަރާމެވެ. ޖެހިލުންވެފައި ހުރެ ކެމީލާ ކުޑަދޮރުގެ ސީޓުގައި ދެފައި ދަމާލައިގެން އިށީދެ ހޫނު ޗޮލްކެޓް ލަސްލަހުން ބޯންފެށިއެވެ. ކައިޒާންއާއިމެދުވެސް ވިސްނުނެވެ. އެންމެ ބޭނުންވާ ދިރިއުޅުމެއް ލިބުމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. މާމަމަތިން ހަދާންވިއިރު އުލާ ހުރިނަމަ ހާދަ އިންސްޓާއެއް ކޮށްލާނެއޭ ހިތަށް އަރާފައި ހިނި އައެވެ.

ކޮންމެވެސް މީހަކު ޓަކިދޭންފެށިއެވެ. ކެމީލާ އެތަނުން ފޭބިއިރު ހިތް އަވަސްވެއްޖެއެވެ.

"ކާކުތަ؟ "

"މަށޭ...." ކައިޒާންގެ އަޑު ކަންފަތުގައި ޖެހުމުން ހިތް ގަނޑުފެނުން ތެންމާލެވުނުފަދަ އިހުސާސެއްކުރެވުނެވެ.

ކެމީލާ ދޮރުހުޅުވައިލިއިރު ދޮރުމަތީގައި ކައިޒާން ހުއްޓެވެ. އޭނަގެ ދަބަސްތައް ހިފައިގެންނެވެ.

"މި ހާދަ ބަރޭ. ރާއްޖެ އެއްކޮށް ދަބަހަށް ލައިގެންތަ....." ކައިޒާން ސަމާސާގޮތަކަށް ބުނެލިއެވެ. ކެމީލާއަށް ހީގަނެވުނެވެ. ހުރިހާ ހުދުހުދު ދަތްތައް ފެންނަވަރަށެވެ.

"ނޫން. ފޮތްތައް ގިނަކަމުން. އެކިފަހަރުމަތިން ގަނެފައި ހުރި ވާހަކަތަކާއި ޓެކްސްޓްފޮތްތައް."

"އަންޕެކްކޮށްލާނީ ރެސްޓް ނަގާފައި ދޯ. ހިނގާ އެއްޗެއް ކާލަން. އަދި ޗޮކްލެޓްތަށި ބޮއިގެން ބަނޑެއް ނުފުރޭނެ......." ކައިޒާން ހުރީ އުފާވެރި މޫޑެއްގައެވެ.

"ހޮސްޓެލްއަށް ގޮސް އަންޕެކްކޮށްލީމަ މާ ރަގަޅުވާނެއްނު. ހުރިހާ އެއްޗެއް ނަގާފައި އަނެއްކާ ޕެކްކުރުން ފަސޭހަކަމަކަށް ނުވެސް ވާނެ. އެނީވޭސް މި ރޫމް ވަރަށް ރީތި. ވިއު އެހާ ސަޅި. ތެންކިއު ސޯ މަޗް މިހާ އަރާމު ކޮޓަރިއެއްގައި ހުންނަން ލިބުނީމަ. ހިތަށް ނާރާވަރު ހުވަފެނީ ރީތި ގެއެއް...." ކެމީލާ ކައިޒާންގެ ފަހަތުން ނުކުތެވެ. ގޭތެރޭގައި ހީޓިން ސިސްޓަމް ހުރުމުން ފިނިހޫނު މިން ހުރީ އަރާމުކޮށެވެ. ހިނގާލާފައި ދިޔައިރު ކިރިޔާ ކައިޒާންގެ އަތް އޭނަގެ ގައިގާ ނުޖެހޭކަމެވެ. ކެމީލާ ހުރި ސަމާލުވެއެވެ.

ދެމީހުން ވާހަކަދައްކަމުން ބަދިގެއާއި އަރާހަމަވީއިރު މާކަސްއާއި ޖޫލް މޭޒުމަތި ތައްޔާރުކުރުމުގައި އުޅެއެވެ. އެހާއަވަހަށް އެހެރީ ޕޭންކޭކާއި ހޫނު އޮމެލްޓް ހަދާފައެވެ. ތާޒާ އޮރެންޖް ޖޫސްވެސް ތައްޔާރުކޮށްލާފައެވެ. މާކަސްގެ ކައިރިއަށް ޖޫލް އެގޮތަށް ދޫކޮށްލާފައި ބަހައްޓާނީ މާކަސްއަށް ކައިޒާން ހާދަ ވަރަކަށް އިތުބާރުކުރާތީހެއްޔެވެ. މިޒަމާނުގައި ދަރިންގެ ބައްޕަމެންވެސް ހަދަނީ ހަދާނެ ގޮތެކެވެ. ނަމަވެސް އެންމެން އެހެނެއްނުވާނެއެވެ. އިސްލާމީ ފުރިހަމަ އަޚުލާގުން ޒީނަތްތެރިވެފައިވާ މީހެއް ދަރިއަކާއިމެދު ނުބައި އަމަލެއް ނުކުރާނެއެވެ. އެކަމަކު ޝައިތާނުންގެ ނަންދެވޭ ފެންވަރުގެ މީސްތައް ގިނަވަމުންދާ ކެހިވެރި ނުރައްކާތެރި ދުނިޔެއެކެވެ. ތުއްތު ދަރިއެއް އެއްވެސް ފިރިހެނަކާއިއެކު އެކަނި ބަހައްޓަން ހެޔޮނުވާނެއެވެ. ޖޫލްގެ މަންމަ ކޮބާހެއްޔެވެ.

ކާކޮޓަރީގައި ތިބޭއިރުވެސް ޚަރީފުގެ މަންޒަރުތައް ފެންނަހެން ކުޑަދޮރުގެ ފޮތިތައް ކަހާލާފައިހުއްޓެވެ. މިގޭގެ ވަށާ އެގޮތަށް ބިއްލޫރި ޖަހާލާފައި ހުރުމުން ކެމީލާގެ ހިތް ތައުރީފުކުރިއެވެ.

"ލިސާވެސް ވަރަށް އަވަހަށް އަންނާނެ ދެން....."

"ޖޫލް މަންމަތަ؟ " ކެމީލާއަށް އަހާލެވުނެވެ.

"ލިސާ ދިޔައީ ޔޫރަޕް ޓުއާއަކަށް...." މާކަސް ބުނެލިއިރު މޫނަށް ނުތަނަވަސްކަމެއް ވެރިވެފައިވިއެވެ. ކެމީލާއަށް އެނގުނެވެ. މިމީޙުން ކޮންމެވެސް ކަމެއް ފޮރުވަނީއެވެ. ނަމަވެސް އެހެން އަހާލާކަށް ނުކެރުނެވެ. ކައިޒާން އަކީ މީހެއްގެ ފިރިއެއްކަމާއި ކުޑަކުއްޖެއްގެ ބައްޕައެއްކަން ދޭތެރެއަކުން ހަނދާންނައްތައިލެވެއެވެ. ޖޫލް އަބަދާއަބަދު ކުރިމަތިން ފެންނަން ހުންނައިރުވެސް މެއެވެ. ކައިޒާން އެހާވަރުން ޖޫލްއާއިގެން އުޅޭތަނެއް ނުފެނެއެވެ. ގިނަފަހަރު ހުންނަނީ މާކަސްއަށް ދޫކޮށްލާފައެވެ. ހަގީގަތަކީ ކެމީލާއަށް ޖޫލްގެ ސިއްރެއްނޭގޭކަމެވެ. ކައިޒާންގެ ހަޔާތަށް ޖޫލް އައިތާ އަދި މިވީ މައްސަރެއްހާ ދުވަސްކަމެއްވެސް ކެމީލާއަކަށް ނޭގެއެވެ.

"މިރޭ ހިނގާ ބޮންފަޔާ ހަދަން. ގްރިލްޑް ޗިކަން. އެޕްލް ސައިޑާ. ކައި. ކިހިނެއްވާނެ..." މާކަސް ޚިޔާލެއްދިނެވެ. ކައިޒާންގެ ހަޔާތަށް ކެމީލާއައުމުން ކައިޒާންއަށް އައިސްފައިވާ ބަދަލު އެންމެ ރަގަޅަށް ދެނެހުރީ އޭނައެވެ. ކުރިން ހިނިތުންވުމެއް ނުފެނި ގިނަގިނައިން ރުޅިގަދަވެ "ޖޯން" ގިނަ ގިނައިން ފެނިލިޔަސް މިހާރަކަށް އައިސް ކައިޒާން ނޯމަލް މީހަކަށް ވެއްޖެއެވެ. އުފާވެރިކަމާއި ހިނިތުންވުމެއް ނެތި މާޔޫސްވެ ލޮލުގައި އަބަދު ވޭނެއް ފެންނަން ހުރި ކައިޒާން މާޒީވެއްޖެއެވެ. ކައިޒާންގެ ބަލިގަނޑު އެއްކޮށް ރަގަޅުވެފައިވާފަދައެވެ. ނަފްސާނީބަލިތަކުގެ ޝިފާއަކީ ހަމަ އެންމެ ލޯބިވާ އަންހެންކުއްޖާ ހެއްޔޭވެސް މާކަސް ހިތަށް އެރިއެވެ. ޕްރޮގްރާމްތައް ރާވާ ކައިޒާންއާއި ކެމީލާ ވީހާވެސް އަވަހަށް ގުޅުވަން އޭނަ ވަނީ ނިންމާފައެވެ.

"އައިމް އިން..." ކައިޒާންގެ ޖަވާބު އަވަހެވެ.

"ހޫމް. ހަފްތާއެއްހާ ދުވަހުން ކޮލެޖް ފެށުނީމަ ކެމީލާ ކިހާ ބިޒީވާނެ. މެޑިސިން ހެދުމަކީ ވަރަށް ވިސްނުންތޫނު މޮޅުކުދިންވެސް ވަގުތު ނަގައިގެން އެތައް ރެއެއްގެ ނިދި ނަގާލައިގެން ވާކަމެއްކަން އަހަރެމެންނަށްވެސް އެނގޭ. ވީމަ އޭގެ ކުރިން ތަންތަން ބަލައިލަން ދާން ޕްރޮގްރާމް ރާވަންވާނެ. ކެމީލާ ދަންނަންތަ ނަޔާގްރާ ވޯޓަފޯލް " މާކަސް ސުވާލުކުރުމުން ކެމީލާ ވިސްނައިލިއެވެ. ތަންކޮޅެއް ކުރިން ސްކޫލްގައި ކިޔެވިއިރު އެނަން އަހާ ހަނދާނެއްވިއެވެ. އެންމެ ބޮޑު ފެން ފައްވާރާގެ ވާހަކަކަން ނޭގެއެވެ. އެމެރިކާގައި އޮންނަ ތަނެއްހެއްޔެވެ. އެހާ ޔަގީނެއްނޫނެވެ.

"އެހާ ހަނދާނެއް ނުވޭ..."

"އެއި ކެނެޑާ އަދި އެމެރިކާ ބޯޑަރުގައި އޮންނަ ބޮޑު ވޯޓާފޯލްއެއް. އޯޓަމްގައި ޖައްސާލަން ހިތްގައިމުވާނެ. ފޯލްފެންނަ ހިސާބުން ހޮޓަލެއް ބުކްކޮށްލާނީ. އައިމް ޝުއާ ޔޫ ވިލް އެންޖޯއި. އެޑްރިނޭލިން ޒީރޯގައި ހުރެފައި އޮބިނޯންނަވަރު ވަރުވޭ . އެތަނަށް ދާން ނަގާނީ އަށެއްކަ ގަޑިއިރު. އަދި ކެނެޑާ ފަޅިން އެންމެ ރީއްޗަށް ފެންނާނީ. ދެގައުމުގެ ބޯޑަރު ހުރަސްކުރަން އޮންނަ ރެއިންބޯ ބްރިޖުން އަނެއް ފަޅިއަށް އެރޭނެ. ދާން ބޭނުމިއްޔާ ކައިޒާންގެ ކާރުގައި އަރާމުކޮށް ދެވިދާނެ. ނޫނީ ޕްލޭންގައިވެސް ދެވޭނެ..ހެލިކޮޕްޓަރުގައި ނޫނީ ހޮޓް ބެލޫންއެއްގައި ވޯޓަފޯލްތައް ބަލައިލަން ކޮންމެހެންވެސް ޖެހޭނެ........................................"

މާކަސްގެ ވާހަކަތަކުން އެމެރިކާގައި މުނިފޫހިފިލުވުމުގެ ނިމުމެއްނެތްކަން އެނގުނެވެ. ދާންވީ ތަންތަން ބައިވަރެވެ. ހަމައެކަނި ނިއުޔޯކް ސްޓޭޓްގައިވެސް ބަލައިލަންވީ ރީތި ތަންތަން މަދެއް ނޫނެވެ. އަދި މާކަސް އޭނައަށް ބައިސްކަލް ދުއްވަން އެނގޭހެއްޔޭ ސުވާލުކުރިއެވެ.

"ނޭގޭ އެކަމަކު ކީއްވެ؟ " ކެމީލާ އަހައިލިއެވެ.

"މިސަރަހައްދުވެސް ކިހާ ބޮޑު. ފައިމަގުގައި އުޅުމަށްވުރެ ބައިސްކަލް ލޭންގައި ބައިކް ދުއްވީމަ އުޅެން ފަސޭހަވާނެ....އޭ ކައި. ކެމީލާއަށް ބައިސްކަލް ދުއްވަން ދަސްކޮށްދޭންވީނު. މިގޭ ގަރާޖު ބައިގާ ހުންނާނެ ބައިކްތައް އެއްކަލަ އަންހެން ބައިކް މިހާ ނާޒުކް ކުއްޖަކާއި ގުޅޭނެ ދޯ. ވަށިގަނޑެއްވެސް ލާފައި އިންނާނީ....." މާކަސް ބުނެލިއެވެ.

"އޯ....."ކެމީލާ ރަކިވެގެން ހޭންފެށިއެވެ.

"ދަސްވީމަ އަހަރެމެންނާއިއެކު މައުންޓެއިން ބައިކް ރައިޑް އަދި ހައިކިންއަށް ދެވޭނެ. އޭރުން ކެމީލާވެސް ސްޓްރޯންގްވާނީ. އަދި ގްރޭންޑް ކެންޔަން ބަލައިލަންވެސް ދާންވާނެ. ކެލިފޯނިއާ މަށަށް ވަރަށް ހިތްގައިމު......" މާކަސް އެކިތަންތަނުގެ ވާހަކަތައް ދެއްކިއިރު ކެމީލާ ގަޔާވިއެވެ. މިތަންތާ ޒުވާނުން އުޅެނީ މުޅިންވެސް މަޖަލުގައި ގެނބިގެންނެވެ. މިހުރިހާ އުފާތައް ދެއްވި ކަލަކުވާކަން އެންމެފަހަރަކުވެސް ހިތަށް އަރާ ބާވައެވެ. މަޖަލުގައި ތިއްބާ ކޮންމެ ވަގުތެއްގައިވެސް އަބަދަށްޓަކާ ލޯ މަރައިލަންޖެހިދާނެއެވެ. އޭނަ އެކަން ވިސްނާދޭނެއެވެ. މި ޒުވާނުންގެ އަވައިގާ ޖެހި އޭނަ މަގު އޮޅުމަށްވުރެ އޭނަގެ ސަބަބުން އެމީހުން ދީނާއި ކައިރިވުން މާ ރަގަޅުތާއެވެ.

ކެމީލާ ރާއްޖޭގައި ހުރިއިރު ދަތުރުގޮސް އެހެން އުޅުނުކުއްޖެއް ނޫނެވެ. އޭނަގެ މައިންބަފައިން އޭނަ ގެންގުޅެފައިވަނީ ކޮޓަރީގެ ހަތަރުފަރާތުން އެތެރޭގައެވެ. އެހެން ކުދިން ދަތުރުގޮސް އުޅޭއިރު ބައިވެރިވުމުގެ އުފަލެއް ނުލިބުނެވެ. ކުޑައިރު އެފަދަ ދަތުރުތައް ނުލިބުމުން ފުރާވަރަށް އެޅުނުއިރު ތަނަކަށް ދިޔުމުގެ ފުރުސަތު ލިބުނަސް އޭނަ އެކަމުން މަނާވެގަނެއެވެ. ނަމަވެސް އުމުރުން މިވީހާތަނަށް ނުލިބުނު އުފަލާއި ހިތްހަމަޖެހުން އެއްފަހަރާ އުނގަށް އެޅެންފެށިއެވެ. ކެމީލާ ޔޫއެސްއޭއަށް އައުމަށްފަހު ނިއުޔޯކް ސިޓީ ސިފަކުރެވުނީ ކޮންކްރީޓް ޖަންގައްޔެއްގެ ގޮތުގައެވެ. އުޑުގެ ވިލާތަކުގައި ބީހޭހެން ހީވާ އުސް އިމާރާތްތަކެވެ. ހިނިދަރުގަނޑަކުން ހިނި ނިކުންނަފަދައިން މީސްތަކެވެ. ރީދޫކުލައިގެ ކެބްތަކެވެ. ނަމަވެސް ނިއުޔޯކްއާއި ދުރަށް ދެވުނުވަރަކަށް ގުދުރަތީ ރީތިކަމުން ކެމީލާގެ ހިތަށް ފިނިކަން ލިބުނެވެ. އޭނައަކީ އިންސާނުން ގެ އުފެއްދުންތެރިކަން ދައްކުވާ އުސް އިމާރާތްތަކާއި ގަޔާވާކުއްޖެއް ނޫނެވެ. އަބަދުވެސް ދެކެން ބޭނުންވަނީ ފަރުބަދަތަކާއި ފެންފައްވާރާތަކާއި ޚަރީފުފަދަ މޫސުމްތަކެވެ. ކުޑަ ވިލެޖްތަކެވެ. ކައިޒާންގެ ގެ ހުރީ އޭނަ އެންމެ ބޭނުންވާފަދަ ހުވަފެނީ ހިސާބެއްގައެވެ. އެފަދަ ފުރިހަމަ މަންޒަރެއްގެ ތެރެއަށް ވަދެވުމުން ދުވަހަކު ނިކުންނާކަށް ހިތެއް ނޭދުނެވެ.

ސަޔަށްފަހު ދަތުރުގެ ވަރުބަލިކަން ފިލުވައިލަން އެނދުގައި ޖައްސާލުމާއިއެކު ފުން ނިންޖަކަށް ގެނބުނެވެ.

ފަހެއްޖެހިއިރު އިރުއޮއްސި އަނދިރިކަން ކާއިނާތު ވަށާލައިފިއެވެ. ދޭތެރެއަކުން ދޫންޏެއް ލަވަޖަހާ އަޑުއިވިލައެވެ. ކެމީލާ ތެދުވެ ތައްޔާރުވެލާ ހަދައިގެން ދޮރު ހުޅުވައިލިއިރު ލޮލަށް ފިނިކަން ގެނެސްދޭފަދަ އަލިތަކުން ގެ ބަބުޅައެވެ. އެއްޗެއް ކާލުމަށްފަހު ކައިޒާން ގެނެސްދިން ކޮތަޅުތައް ބަލައިލީ ކޮޓަރިއަށް ވަދެފައެވެ. ޚަރީފު މޫސުމަށް ލާން ގެނެސްދީފައި ހުރި ހެދުންތަކެވެ. ޕިޖާމާތަކެވެ. ކުލަކުލައިގެ ކޮޓްން ހަރުވާޅުތަކެއްވެސް ހުއްޓެވެ. އެހާ މަޑެވެ. ގޭތެރޭގައި ލާކަހަލަ މަޑު ފައިވާންތަކެވެ. ފިނިއިރު ލާން ކޮންމެހެން ޖެހޭ މޮއިސްޗަރައިޒާސްތަކާއި ލިޕް ބާމުތަކެވެ. އަގު ބަލާލާފައި ދެލޯ ފުންމާލަފާނެހެން ހީވިއެވެ. ކައިޒާންގެ މުއްސަދިކަން ތަސައްވަރުކުރެވެން ފެށިއެވެ. އެކަނި އެކަމެއް ނޫނެވެ. އޭނަގެ ސައިޒްގެ ހެދުންމާއި ފައިވާން ހޯދަން ކުޅަދާނައެވެ. މުޅިންވެސް ބްރޭންޑެޑް ނަންތަކެވެ. އެއިން ހެދުމެއް ލުމުން ހީފިލާ އަރާމުވިއެވެ. ބޭރުން ދިގު ޖެކެޓެއްލާފައި ކެހެރި ސްކާފެއް އޮޅައިލާ ލޯގަނޑުން ބަލައިލުމުން ފެނުނީ ސްޓައިލިޝް ކުއްޖެއްގެ ގޮތުގައެވެ.

"އެކަމަކު މާ ފޮރުވިފައި މިހިރީ...." ކެމީލާ ހިތްހަމަޖެހުނެވެ. ކަޅުހެދުންތައް ލާން ނިންމާފައި ހުރި ކުއްޖެއްކަމުން މިގޮތްވެސް ކަމުދިޔައެވެ. ހެދުމުގެ ބޭނުމަކީ ހަށިގަނޑުގެ ބައްޓަން އެނގުނަ ނުދިނުންތާއެވެ. ކޮންމެހެން ވަކި ކަހަލަ ހެދުމެއް އެޅުން މުހިއްމުކަމަކަށް ކެމީލާ ނުދެކެއެވެ.

ބޭރަށް ނުކުމެފައި ކެމީލާ ޝުކުރު އަދާކުރިއެވެ. އޭނަ ކޮންމެވެސް ދުވަހަކު އޭގެ އަގު އަދާކުރާނެކަމުގައި ހިތާ ހިތުން ކަނޑައެޅިއެވެ. މާކަސްއާއި ކައިޒާން އުޅުނީ ހުސްކޮށް އޮތް ތަނެއްގައި ބާބެކިއު ހަދަން ތައްޔާރުކުރުމުގައެވެ. ކައިޒާން ޓީޝާޓުގެ ބޭރުން ޖެކެޓެއްލާފައި ކަނދުރާގައި އަޅިއާއި ކަޅުކުލައިގެ ސްކާފެއް އޮޅާލައިގެން ހުރީ ފިނިން ސަލާމަތްވުމަށެވެ. ވަރަށް ސްމާޓޭ ހިތަށް އަރުވާފައިވެސް އެގޮތަށް ކައިޒާންއާއި ދޭތެރޭ ނުދެކެން އަމިއްލަ ނަފުސަށް ވިސްނައިދިނެވެ. ކައިޒާން މީހެއްގެ ފިރިއެއްކަން ހަނދާންކޮށްދޭންވީ މިލިއަން ފަހަރަށް ބާވައޭ ރުޅިވެރިކަމާއިއެކު ހިތަށް އަޑުލިއެވެ. ކައިޒާންގެ އަންހެނުންނަށް އޭނަގެ ހިތް އެނގިއްޖެއްޔާ ކެމީލާ ރޮލާ ކާލާނެއެވެ.

ކެމީލާ އަމިއްލައަށް ބުނެގެން މިރުސްގަނޑު ތައްޔާރުކޮށްލަދިނެވެ. ކުކުޅުފަޔާއި މާޝްމެލޯތައް ފިހެންފެށުމުން ހިސާބުގަނޑުގައި ހިފައިލީ ކުޅުދިޔާވާފަދަ މީރުވަހެވެ. ފީލިކްސް ކައިޒާންގެ ފަސްފަހަތުން އުޅޭތީ ކެމީލާ ހުންނަނީ އަބަދު "އެލާޓް"ގައެވެ. އެކަމާއި މާކަސް މަޖާވެގެން އުޅުނަސް ކައިޒާން އަށް އުދަގުލެވެ. ކެމީލާއަށް މިގޭތެރެއިން އެއްވެސް އުދަގުލެއް ހިތްހަމަނުޖެހުމެއް ލިބެން ކައިޒާން ގެ ހިތެއް ނޭދެއެވެ. މަޑުމަޑުންގޮސް ކައިޒާންގެ ހިތުގައި ކެމީލާއަށްޓަކާ ބުނަންނޭގޭފަދަ އިހުސާސްތައް އުފެދި ވަރުގަދަވެއްޖެއެވެ. ހިތަށް ސިއްރުކުރަން އުޅުނަސް މިއީ ލޯބިކަން ގަބޫލުކުރެވުނެވެ.

ކައި ނިމުމަށްފަހު ޖޫލް ނިންދަވަން ގެއަށް ވެއްދުމަށްފަހު ކައިޒާން އާއި ދެމީހުން ފެންޑާގައި ހުރި ސޯފާގައި ޖައްސާލީ ކޮފީ ބޯލުމަށެވެ. އެވެސް ކައިޒާން އެދިގެންނެވެ. ކެމީލާއާއިއެކު އެކަނިވެރި ވަގުތުކޮޅެއް ވޭތުކޮށްލަން އޭނަ ބޭނުންވެގެން އުޅޭތާ ކިތަންމެ އިރެކެވެ. ހަމައެކަނި ވާހަކަދައްކާލާށެވެ. އެރީތި އަޑުއަހާލުމަށެވެ. އެމޫނު ދެކެލުމަށެވެ. އޭރު އެތައް ސަތޭކަ ތަރިތައް އުޑުމަތީގައި ވިދާބަބުޅާތަންފެނެއެވެ. ސިޓީތަކުން ނުފެންނާނެ ހިތްގައިމު މަންޒަރެކެވެ. އެހާ ހިމޭނެވެ. މާލެއިން އިވޭފަދަ ބޮލަށް އުދަގޫވާ ޒާތުގެ އަޑެއް ނީވެ ހިމޭންކަން ފުންވެ ނޭވާލާ އަޑުވެސް އިވޭނެފަދައެވެ. ކައިޒާން ބުނީ އޭނަގެ ބައްޕަމެން ސިޓީއިން ދުރުން ބިންގަނެ ގެ އަޅާފައިވަނީ ހަލަބޮލި މާހައުލުތަކުން ދުރުވެ ގުދުރަތީ ރީތިކަމަށް ލޯބިކުރާތީކަމުގައެވެ. ބައްޕަ އެމެރިކާ މީހަކަށްވުމުން އެތަން މިތަނުން ބިންތައް ގަނެ ވިޔަފާރިކުރުމަށާއި ގެތައް އަޅާފައިވިޔަސް އޭނަ އެންމެ ގަޔާވީ މިތަންކަމުން ބައްޕަ އޭނައަށް މިގެ މިލްކުކޮށްދިނީކަމުގައެވެ. މިގެއާއި ކައިރީގައި ބޮޑުބޭބެ އަލީ މައިކަލްގެ ގެއެއް ހުންނަކަމުގައި ބުނުމާއިއެކު ކެމީލާގެ ހިތް ތެޅިގެން ދިޔައެވެ. ނޯޔާގެ ދޮންބައްޕަގެ ނަމަކީ އެއީ ނޫންހެއްޔެވެ. ނާޔަލްގެ ގެވެސް ހުންނަނީ މިގެ ކައިރީގަހެއްޔެވެ. ސުވާލުތައް ހިތުގައިވިޔަސް އެވާހަކަ އަހާކަށް ނުކެރުނެވެ. ނާޔަލް އޭނައަށް އެނގުނުގޮތެއް އަހަންވެއްޖެއްޔާ ޖަވާބުދޭކަށް ފަސޭހައެއްނުވާނެއެވެ. ކައިޒާން ދެން އެހީ ކެމީލާގެ ވާހަކައެވެ. ކެމީލާ އޭނަގެ އާއިލާގެ ވާހަކަ ކިޔައިދިނެވެ. މާމަދެކެ ލޯބިވާވަރު ހާމަކޮށްދިނެވެ. މާމަގެ ސަބަބުން އޭނަ ދީނަށް ލޯބި ޖެހުނުގޮތާއި އޭނަ ބުރުގާ އަޅާ ރަގަޅުކުއްޖަކަށްވީ ސަބަބު ބުނެދިނެވެ. އަދި އެމެރިކާއަށް ކިޔަވަން އައުމުގެ އެންމެ ބޮޑު ބޭނުމަކީ ކައިވެންޏަކަށް ފިލަން ކަމުގައި ބުނުމުން ކައިޒާންއަށް ބަލައިލެވުނީ ތަފާތު ނަޒަރަކުންނެވެ.

އޭރު ކެމީލާގެ ކޮފީތަށި ހުސްވެ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީ ބަހައްޓައިފިއެވެ. ކައިޒާން އެބޮނީ ތިންވަނަތަށްޓެވެ. އޭރުވެސް ކައިޒާން އިނީ ކެމީލާގެ ވާހަކަތައް އަހާށެވެ.

"ހޮބީއަކަށް ލިޔާ ހިތްވޭ. އައި ލަވް ރީޑިން އެލޮޓް. ވާހަކަތާއި އާޓިކަލްސްތައްވެސް. ބުކްވޯމްއެކޭ ބުނެވޭވަރަށް ފޮތާއި ގަޔާވެވޭ. ވާހަކައެއް ފެނިއްޖެއްޔާ ކުރިން ހަމަ މޮޔަވާވަރުވޭ. އެންމެ ކުރިން ކިޔާއުޅުނީ ސްވީޓްވޭލީ ގެ ސީރީޒްތަކާއި ޓީން ފޮތްތައް. ރޮމެންސްއަށްވުރެ ތްރިލާސް އެއްޗެހި ދެކެ ލައިކްވޭ. އެންމެ ފެވެރިޓް ކާޓޫނަކީ ޓޮމް އެންޑް ޖެރީ. ވަރަށް ސްޓްރެސް ފިލިކަމެއް. އަދި އާޗީ ކޮމިކަށް އެޑިކްޓްވި ޒަމާނެއް އައި. ފަހުން ފަހަށް ދަރުސްތަކަށް ބަދަލުކޮށްލީ. ލަވަ ވެސް އަޑުއަހާ އުޅުނިން. މިހާރު ލެޕެއް ލިބިއްޖެއްޔާ އަޅާނީ ހަމައެކަނި ގުރުއާން. ވާހަކައެއް ލިޔުމުގެ ވިސްނުން އެބަހުރި . އިޓް ޝުޑް ބީ ސަމްތިން އިސްލާމިކް. އޭރުން މުޖުތަމައަށް އޭގެ އަސަރެއް ކުރާނީ. ލިޔުންތެރިން ނެއް ނޫން ހުރިހާ އެންމެންގެވެސް ޒިންމާއެއް ކަން ނޭގޭ އެމީހަކަށް ވީވަރުން އެހެން މީހުންނަށް ދީނީގޮތުން އެނގޭ އެއްޗެއް ބުނެދިނުން. ލެކްޗާސްތައް ބަލަންފެށުމުން އިންސްޕަޔާވީ. އަސްލު އެހެން ވާންފެށީ އައި ވޯސް ސްކެއާޑް އޮފް ޑައިން.. މަރުވުމަށްވުރެ ބިރުގަންނަ ކަމެއް ނޯވޭ........"

ކެމީލާގެ ވާހަކަތައް އަހަން ކައިޒާން އިނީ ދުވަހަކު ނުވާ ހާ ޝައުގުވެފައެވެ. ކެމީލާގެ ބޭނުމަކަށްވީ މަޑުމަޑުން މިދޭތެރޭގައި އޮތް ގަނޑުފެން އެއްކޮށް ވިރުވާލުމަށްފަހު ކައިޒާން ދީނަށް ޝައުގުވެރިކުރުވުމެވެ. މިހާ މުއްސަދި ކޮށް އުޅޭ ޒުވާނުންނަށް ދުނިޔެއިން ހުރިހާ މަޖަލަކާއި އުފަލެއް ލިބޭއިރު އާޚިރަތް ހަދާންވާނީ ކިހިނެއްހެއްޔެވެ. ނަމަވެސް އޭނައަށް ކައިޒާން އާއި ދިމާވާނީވެސް ކޮންމެވެސް ރަގަޅު ސަބަބަކާއިހެދިއެވެ.

"ނޮޕް ޔޫ އާ ރޯންގް. ތިބުނި ބަހާ އޭގެ ދިމާ އިދިކޮޅު. އަހަރެން ވަރަށް ޝައުގުވެރިވެއްޖެ. ތެދަށް ބުނަންޏާ ފުރަތަމަ ފަހަރަށް ހަޔާތުގައި ތަފާތު އަންހެންކުއްޖެއް މިފެނުނީ. ތަފާތު ވިސްނުމެއް ގެންގުޅޭ ދީނަށް ލޯބިކުރާ އަންހެންކުއްޖަކާއި އަލަށް މީޓްމިވީ........." ކައިޒާން ބުނެލިއެވެ. އެވަރުންވެސް ކައިޒާން އޭނަ އިސްލާމް ދީނާއި މެދު ދެކޭގޮތެއް ބުނާކަށް ނޫޅުނެވެ. އޭނަގެ ހަޔާތުގެ ސަފުހާތައް އެހާ ފަސޭހައިން ހުޅުވާލާވަރަށްވުރެ ސިއްރުވެރިއެވެ. އާއިލާއާއި ބެހޭގޮތުންވެސް އެއްޗެއް ބުނާކަށް ނޫޅުނެވެ. މުޅިންވެސް އޭނަ އަހަނީ ކެމީލާގެ ދިރިއުޅުމާއި އާއިލާއާއި ކުރާ ހިތްވާކަންތައްތަކާއި ބެހޭގޮތުންނެވެ. ކުޑަކޮށް ހިނގާލަން ދާންވީއޭ ކިޔާފައި ކައިޒާން ތެދުވުނެވެ. ކެމީލާ ޖެހިލުންވިޔަސް ކައިޒާންއަށް އިތުބާރުކުރިއެވެ. ޚަރީފު މޫސުމްގެ މި ހިތްގައިމު ފިނިރޭ ތަރިތަކުގެ ދަރުބާރުގައި އެންމެ ހިތްއެދޭ ޒުވާނާއާއިއެކު ތަންކޮޅަކަށް ހިނގާލާފައި އަންނާނީއެވެ. ޝައިތާނާ ސިއްރެއްހެން ކަންފަތްކައިރީ ކިޔައިލިއެވެ. ކުރީގައި ހުރީ ކެމީލާއެވެ. ފަހަތުން ހަރު އެއްޗެއް ބުރަކަށީގައި ބީހިލިހެން ހީވެފައި އެނބުރުނުއިރަށް އަދި ކަޅު ކަޅު އުދުހޭ އެއްޗެއް ޖެހުނީ މޫނުގައެވެ.

"އާ.........." ކެމީލާ ކަރުފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަތެވެ. އަދި މޫނުމަތި ފޮޅާލަމުން ދުއްވައިގަތް ދަނޑިވަޅު ކައިޒާންގެ ގައިގާ ލައިގަނެ ކައިޒާންއަށްވެސް މަތަ ނުކުރެވުނީ އެކަމަށް ސަމާލުވެ ނެތުމުންނެވެ. ނޫނީ އެފަދަ ފުރުސަތެއް ލިބުމުން ދޫކޮށްލަން ބޭނުންނުވީއެވެ. ދެމީހުން އެއްކޮށް ގޮސް ލޯވްންގެ ވިނަތައް މަތީ ޖެހުމާއިއެކު ކެމީލާ ތެދުވާން މަސައްކަތްކުރިއެވެ. ނަމަވެސް އޭރު ކެމީލާގެ ކަރުގައި އޮތް ފަށް ކައިޒާންގެ ކަރުގައި އޮތް ކެހެރި ސްކާފްގައި އަޅައިގަތް ގޮތަށް ތެދުވުމަކީ ކުރެވުނުކަމަކަށް ނުވިއެވެ. އޭރު ދެމީހުންގެ މޫނު ކިރިޔާ ނުޖެހިވާކަމެވެ. ކެމީލާ ކިރިޔާ މޫނު ތިރިކޮށްލިޔަސް އެނިމުނީއެވެ. ކެމީލާ އޮތީ ނޭވާލާންވެސް ނުކެރިފައެވެ.

"ވަޓް ހެޕެންޑް. ބުނެބަލަ ކިހިނެއްވީތަ އާ ޔޫ އޯކޭ..." ކައިޒާން ގެ ލޭވެސް އަވަސްވިއެވެ.ކެމީލާ މިހާ ބިރުން އުޅުނީ ކޯންޗެއްފެނިގެން ހެއްޔެވެ. ވީނުވީއެއްވެސް އެނގުނީއެއްނޫނެވެ. ދޮރުމައްޗަށް ނުކުތް މާކަސް އަތުގައިވާ ރިމޯޓް ދައްކާލާފައި އެތެރެއަށްވަދެ ދޮރު ލައްޕާލައިފިއެވެ. ކައިޒާންއަށް އެއްޗެއް ވިސްނުނެވެ. ވިއްސައިގެންގޮސް ދުރުގައި ޖެހިފައި އޮތް ކުޅޭ ކުރަފި ލޮލުގައި އަޅައިގަތުމުން ކައިޒާން މާކަސްދެކެ ރުޅިއަންނަގޮތްވިއެވެ. ކެމީލާ އެގޮތަށް ބިރުގަންނަވައިގެން ނުވާނެ ނޫންހެއްޔެވެ. ކެމީލާގެ ހިތް ހާދަ ބާރަކަށް އެބަތެޅެއެވެ. ހިތުގެ ތެޅުން އޭނަގެ ހިތުގެ ތެޅުމާއި އެކުވިގެން ހީވި ވަގުތެކެވެ.

"އިޓްސް އޯކޭ. މާކްގެ ނުލަފާކަން އެއީ. ރިމޯޓުން ކުރަފި އުދުއްސަންފެށީމަ ދޯ ބިރުން ތިއުޅުނީ. އެ އޮތީ އެ ބީސްޓް.........." ކައިޒާން އޭރުވެސް ހުރީ ކެމީލާ ގަޔާއި ވަކިކުރަން ބޭނުންނުވެފައެވެ. އެއަތުގެ ހިމާޔަތުގައި އަބަދަށް ބަހައްޓަން ހިތް އެދޭ އަންހެންކުއްޖާ މިއޮތީ އަތުތެރޭގައެވެ.

"މި ފަށް...........ހައްޔަރުވެފައި.." ކެމީލާ ހާސްކަމާއިއެކު ފަށް ނައްޓަން މަސައްކަތްކުރިއެވެ.

"ބްރީތް ކެމީލާ. ބިރުންގޮސް ނޭވާ ނުލާ ތިއޮންނަނީ..........." ކައިޒާން ކެމީލާއަށް އެހީވާން އުޅުނެވެ. އޮރެންޖް އަލި އެޅިފައި އޮތަސް ކެމީލާ ރަކިވެފައިވާވަރު ކައިޒާން ދެނެގަތެވެ. ވާނީވެސް އެހެންނޫންހެއްޔެވެ. މިއީ ކޮންފަދަ ގާތްކަމެއް ހެއްޔެވެ. އޭނައަށް ރަގަޅީ މިފަށް ނުވެސް ނެއްޓުނިއްޔާއެވެ. އެކަމަކު ނަސީބު ދެރަކަމުން ކައިޒާން މަސައްކަތެއްކޮށްލާއިރަށް ކެމީލާގެ ފަށް ސްކާފާއި ވަކިކޮށްލެވުނެވެ. ހާސްކަމާއިއެކު ކެމީލާ ފުންމައިގެން ތެދުވުނުއިރު މިއޮތް ފިނީގައިވެސް މޫނަށް ހޫނުވާހެން ހީވިއެވެ.

ކައިޒާން އެބުނި ކުރަފިއެއް ހޯދަން ލޯ ހިންގާލުމާއިއެކު މާކަސްގެ ލާނެތް އަމަލެއްކަން އެނގުނެވެ. އެއާއިއެކު އަމިއްލަ ނަފުސާއިމެދު ހިތްހަމަނުޖެހޭގޮތްވިއެވެ. އޭނަ މިގޮތަށް ހިލޭ ފިރިހެނުންތަކާއިއެކު މަޖާކޮށް އަނގަތަޅަން އިނުމަކީ ހަމަ ހުއްދަކަމަކަށް ނުވާނެކަން އެނގިހުރެ ދެއްކޭނީ ކޮން އުޒުރެއްހެއްޔެވެ. މިކަން ހުއްދަކުރެވޭނެ އެއްވެސް ބަހަނާ އެއް ނުދެއްކޭނެއެވެ. އޭނަ މިކޮޅަށް އައީ ކިޔަވާށެވެ. ޖޫލްއާއިއެކު ވަގުތު ހޭދަކުރަން އައި މީހާ ޖޫލް ނިންދަވާލާފައި ޖޫލްގެ ބައްޕައާއިއެކު އަނގަ ތަޅާށެވެ. ޒިކުރުކުރަން އިނަސް މާ ރަގަޅެވެ. އެކަނި ހިނގާލަން ދިޔަސް ސަވާބު ލިބޭނެއެވެ. ކުޅަދުންވަންތަކަމާއިމެދު ވިސްނޭނެ ނޫންހެއްޔެވެ. ހަމަ ޔަގީނުންވެސް މި މާހައުލު ފެނުމަށްފަހު އޭނައަށްވަނީ އެތައް އަސަރެއްކޮށްފައެވެ. ދުނިޔެ މިހާ ރީތިއްޔާ އަދި ސުވަރުގެ ކިހާވަރެއް ވާނެހެއްޔެވެ. ދުނިޔެއަކީ ކުޑަ ދުވަސްކޮޅެއްގެ ހުވަފެނެކެވެ. މިއީ އަދި "ގެ " އެއް ނޫނެވެ. ދާއިމީ ގެއަކީ އަދި އެއީއެވެ.

"މާކް ވެސް ހާދަ.......އޯކޭ އަޅުގަނޑު ނިދި އައިސްފި. ކެން އައި ގޯ އެންޑް ސްލީޕް ނައު......" ކެމީލާ މޭޒުމަތީ ހުރި ކޮފީތަށިތައް ތަބަކަށް ލާންފެށިއެވެ.

"ދެން ފަހަރަކު އެސްފިޔަ ޖަހާލަންވެސް ހުއްދަ ހޯދަންވާނެ އިނގޭ ހެހެ....އެންޑް ސޮރީ ޓު ކީޕް ޔޫ އަޕް ފޯ ސޯ ލޯންގް.............." ކައިޒާން ހީލިއެވެ.

"އިޓްސް އޯކޭ. އަޅުގަނޑުވެސް ހަމަ ބޭނުންވެގެން މަޑުކޮށްގެން އިނީ. ޖޫލްގެ މަންމަ އަންނަނީ ކޮންއިރަކުންތަ؟ " ކުއްލިއަކަށް ކެމީލާ އަހާލައިފިއެވެ.

"ނުބުނޭ. އަދި އެއް ވާހަކަ. ކިރިޔާ ހަނދާން ނުނެތުނީ އައި ހޭވް ސަމްތިން ފޯ ޔޫ......ވެއިޓް...." ކައިޒާން އެތެރެއަށް ވަނުމުން ކެމީލާ ކޮފީތަށިތައް ދޮވެލިއެވެ. ކައިޒާން އަނެއްކާ ދޭން އެއުޅެނީ ކޮންފަދަ އެއްޗެއް ބާވައެވެ. ހިތުގައި އެހެން ކަހަލަ ބިރުވެރިކަމެއް ހިނގައިގެންފިއެވެ. ކައިޒާންގެ ފަރާތުން އޭނަ އެއްވެސް އެއްޗެއް ހޯދައިގެން ނުވާނެއެވެ. ފުދޭވަރުވެއްޖެއެވެ. އެންމެ ރަގަޅެވެ. މިހާ ފިނިތަނެއްގައި ދިރިއުޅެވޭނީ ލާނެ ފިނިހެދުން ހުރެގެންނެވެ. އެކަން އޭނަ ބަލައިގެންފިއެވެ. ނަމަވެސް އިތުރު އެއްޗެއް ހޯދަންވެއްޖެއްޔާ މަތިމައްޗަށް ބޮލުގައި ފާފަ އެޅި ސިކުނޑި ހާސްވުންނޫންކަމެއް ނުވާނެއެވެ. އިރުކޮޅެއްނުވެ ކައިޒާން ގެނެސްދިނީ އައި ފޯނުގެ އެންމެ ފަހުގެ ފޯނެކެވެ. ސިމެއްވެސް ލައްވައިގެންނެވެ. ކެމީލާ ހާސްވިވަރުން ވަގުތުން ދެކޮޅު ހަދަން މަސައްކަތްކުރިއެވެ. މޫނަށް ރަތްކުލަ ވެރިވެގެން ދިޔުމާއިއެކުގައެވެ.

"ޕްލީޒް އިޓްސް ނޮޓް ނައިސް. އައި ކާންޓް ޓޭކް ދިސް. މިހާރު އިތުރުވާވަރަށް ވުރެ ގިނައިން ދީފިން. ފޯނެއް ނެތަސް ހަމަ އޯކޭވާނެ. މިހާ އަގު ބޮޑު އެއްޗެއް އަތުލާކަށް ނުކެރޭނެ.........."

"އަހަރެން އަތުގައި ގިނަވެފައި ހުންނަނީ. އަހަންނަށް މީ އެހާ އަގު ބޮޑު އެއްޗެއް ނޫނޭ. ކެމީލާ ބުނީމެއްނު ގުރުއާންއެޕް ތައް އަޅަން ބޭނުމޭ. ޔޫޓިއުބުން ލެކްޗާސްތައް ބެލޭނެ. އެހެންނޫނަސް މި ފޯނުގެ ސޭފްޓީ ވަރަށް ރަގަޅު. ޕާސަނަލް ހުރިހާ ފޮޓޯތަކާއި އެއްޗެހިވެސް އަޅާފައި ބެހެއްޓޭނެ. އިފް އެނީ ތިން ކޯލް މީ އިނގޭ.........." ކައިޒާންގެ ދެލޮލުން ފެނުނު އޯގާތެރިކަމުން މިފަހަރުވެސް އެފޯނު އަތުލަން ކެމީލާއަށް މަޖުބޫރުވިއެވެ. އެރީތި ދެލޮލުން ބަލަނީ ކޮންފަދަ ހިތްގައިމުކޮށް ހެއްޔެވެ. ހާދަ ރީއްޗެވެ. ކެމިލާ އަވަސްއަވަހަށް އިސްޖެހިއެވެ. ޖެހިލުންވެފައި ހުރެ ފޯނު ހޯދަން އަތްދިއްކޮށްލިއިރު ދެމީހުންގެ އިނގިލި ބީހުނެވެ. ދެމީހުންނަށް ކިތަންމެ ވަރުގަދަ އަސަރުތަކެއް ކުރިޔަސް އެކަން އެނގުނުކަމަކަށް ނަހަދައެވެ.

އެރޭ ކައިޒާންއަކަށްވެސް ނުނިދުނެވެ. ދެއަތަށް ފުރޮޅި ފުރޮޅި އޮތީ ވިސްނުމެއްގެ ތެރޭގައެވެ. ލޮލަކަށް ނިންޖެއް ނައެވެ. ކިތަންމެ ވަރަށް ހަނދާން ނައްތާލަން އުޅުނަސް ހަދާންވަނީ މިރޭ ބާބެކިއުގައި ކެމީލާ އުޅުނުގޮތެވެ. ސީދާ ސާދާ ހިނިތުންވުމެވެ. އެ މައުސޫމްކަމެވެ. ލޮނު މިރުސް ލީގޮތެވެ. ވާހަކަދައްކާ އަޑު އަދިވެސް ކަންފަތުގައި ހަރުލާފައިވާފަދައެވެ. އޭނަގެ ގައިގާ ހިފައިގަތް ދެފަހަރެވެ. އެ ޚިޔާލުތަކުގާ އޮވެފައި މަޑުމަޑުން ކަންނޭލުގައި ބައްދާލެވުނެވެ. ދުވަހަކު މިގޮތަށް އަންހެންކުއްޖަކާއިމެދު ޚިޔާލުކުރެވިފައެއް އަދި ނެތުމުން މިއީ އޭނަގެ ދިރިއުޅުމަށް އައި ބޮޑު ބަދަލެކޭ ހިތަށް އެރިއެވެ.

ކެމީލާވެސް ޖައްސައިލީ އަރާމު ބޮޑު އެނދުގައެވެ. ރަޖާގެ ދަށުގައި ފޮރިވެގެން އޮތްއިރު ހިމޭންކަމުގެ އިންތިހާއެވެ. އެ ކަށްވަޅުފަދަ ފުން ހިމޭންކަމުގައި މަޑު މަޑު އަލީގައި ހާދަ އަރާމުކޮށް ނިދައިލެވިދާނެއެވެ. މިހާ އަރާމު އެނދެއްގައި މިހާ ހިމޭންކޮށް އެކަނި ނިދާލުމުގެ ޝަރަފު އަލަށް ލިބުނަސް އޭނައަށް ވިސްނެނީ އެކި ކަންތައްތަކާއިމެދުގައެވެ. ދުވެފައިގޮސް ކައިޒާންގެ ގައިގާ ހިފައިގަނެވުނުތަން ތަން ހަނދާންވެ އެކަނިއޮވެވެސް ރަކިވެ އެނދުގައި ދެއަތުން ތަޅައިގަނެވުނެވެ. ދެފައި ތަޅައިގަންނަމުން ރޮއިގަންނަ ގޮތަކަށް އަޑެއްލައްވާލެވުނެވެ.

"ސުބުހާނަﷲ. މާމަ ދިން ހުރިހާ ނަސޭހަތެއް ހަދާން ނައްތައިލަނީތަ؟ އެންމެފަހުން ކައިޒާންއާއިއެކު ބެޑްރޫމްއާއި ހަމަޔަށް ގޮސްފައިވެސް ފަހުން މަރު ހަދާންވާނީ. ހުރިހާ އެއްޗެއް ގެއްލުނީމައެއް ނޫން އެކަން ހަދާން ކުރަންވާނީ. ހިލޭ ދެމީހެއްގެ ދޭތެރޭ ޝައިތާނާ ފާރަޔަށް ހުންނާނެ. ގޯސްކަންތައް ކުރުވަން އުޅޭނީ. ކިހާ ގޯސްކަމެއް ދެންމެވެސް އެކުރެވުނީ ޖެހޭތަ އެހެން ހަގްކުރަން. ނޫން ނޫން. ވަރަށް ނުލަފާ ކުއްޖެއް. އެހެން އުޅޭކަށް ނުވާނެ. ނަމާދު ޗުއްޓީވީމަކަން ނޭގޭ މިހެން ވަނީ..... މާދަން ތެދުވެ ފެންވަރާލާނީ. ދެން ނަމާދުކޮށް ގުރުއާން ކިޔަވާނީ. އޭރުން އަނެއްކާ ރަގަޅު މަގުގައި ދެވެން ފަށާފާނެ. އަބަދުވެސް ނަމާދު ޗުއްޓީގައި ކޮންމެވެސް ވަރަކަށް އަޅުކަމާއި ދުރުވެވޭ. އެބުނާހެން އީމާންތެރިކަންވެސް އަބަދު އެއްވަރެއްގައި ހިފެހެއްޓިފައެއް ނުހުންނާނެ. ސަބަބަކީ ޑެވިލް........ކައިވެސް އެހާ ރީތިވީމަ..."

"ޝަޓަޕް ކެމީލާ......ބަލަ ނެގޭތަ ހީޒް މެރީޑްކަމެއް....." ކެމީލާ ދެލޯ މަރާ ތަގުޅިކޮށްލިއެވެ.

އެކި ޚިޔާލުތަކުގައި އޮވެފާ ނިދުނީ ދޭއްޖަހަން އުޅެނިކޮށެވެ.

ޚަރީފު މޫސުމްގައިވެސް ދުވަސްތައް ކުރުވެ ރޭގަނޑަށް ދިގުވާން ފެށުމުން އަރާމުކޮށްލަން އޮވެވޭ ވަގުތު މާގިނައެވެ. ތިން ހަތަރު ދުވަސްވޭތުވެގެން އޭނަ ވޭތުކުރީ ގިނައިން ޖޫލްއާއިއެކުގައެވެ. އެދުވަސްކޮޅު ޖޫލް ބަލިވުމުން ކައިޒާންމެން ހުރިހާ ޕްރޮގްރާމެއްވެސް ކެންސަލްކުރިއެވެ. ކެމީލާވެސް މަސައްކަތްކުރީ ކައިޒާން އާއި ދުރުން އުޅުމަށެވެ. ޖޫލްނިދާއިރު ވާހަކަތައް ކިޔައިދިނުމުގެ ބަދަލުގައި ކެމީލާ މަސައްކަތްކުރަނީ ރަސޫލުންނާއި ނަބިއްޔުންގެ ވާހަކަތައް ކިޔާދޭށެވެ. ޝަހާދަތް ކިޔަން ދަސްކޮށްދިނެވެ. ނިދުމުގެ ކުރިން ޝަހާދަތް ކިޔަންޖެހޭނެކަން ކެމީލާ ބުނެދިނެވެ. ސަލާމް ކުރަންވެސް ދަސްކޮށްދިނެވެ. ކެމީލާގެ ބޭނުމަކީ ޖޫލްއަށް އަރަބިބަސްވެސް ކިޔަވާދިނުމެވެ. އެއީ އޭނައަށްވެސް އެހާ ފަސޭހަކަމެއް ނޫނެވެ. ބުރަ ކަމަކަށްވިޔަސް އޭނަ ހުރީ އެކަން ކުރަން އަޒުމް ކަނޑައަޅައިގެންނެވެ.

ކެމީލާއަށްވެސް ހޭލެވިގެން ގަޑި ބަލައިލިއިރު ހެދުނު ނުވައެއްޖަހާ ބޮޑުވެއްޖެއެވެ. އޭނަ މާލޭގައި އުޅުނު ގެވަރުގެ ފާޚާނާއަށް ވަދެފައި އެތަނުގެ ސާފުތާހިރުކަމުން ފެންކޮޅެއް ޖައްސާލާހިތެއްވެސް ނުވިއެވެ. ހޫނުފެނުން ފެންވަރަން ފެށުމުން ލިބުނު އަރާމާއިއެކު ދެލޯ މަރައިލެވުނެވެ. އެތައް އިރެއްވާންދެން މީރުވަސްދުވާ ބޮޑީޝޮޕްތަކާއި އުޅެފައި ނުކުތްއިރު ހަށިގަނޑުގައި ހިފާލާފައި ހުރި ލުއި މީރުވަހުން ހިތަށް ހަމަޖެހުމެއްލިބުނެވެ. ހެއާ ޑްރަޔާއިން އިސްތަށިގަނޑު ހިއްކާލުމަށްފަހު އެންމެކުރިން ލީ ހުދުކުލައިގެ ސްވެޓަރަކާއި ޖިންސެކެވެ. ބޮޑެތި ގޮށްތައް އަޅުވާފައި ހުރި ބޭބީ ފިޔާތޮށިކުލައިގެ ބޯ ދިގު ޖެކެޓްލުމަށްފަހު ޝޯލްއަކުން އިސްތަށިގަނޑު ނިވާކޮށްލުމަށްފަހު އަތް ޖީބަށް ޖެހިއެވެ. ކޮޓަރިން ބޭރަށް ނުކުތްގޮތަށް މީހެއްގެ ގައިގާ އަޅައިގަތްގޮތަށް އެމީހަކު އޭނަގެ އަތުގައި ހިފެހެއްޓިއެވެ. ނޭފަތުގައި އެންމެ ކުރިން ޖެހުނީ ދަންނަ މީރުވަހެކެވެ.

"ލެޓް ގޯ އޮފް މައި ހޭންޑްސް........" ކެމީލާ ހާސްވިއެވެ.

(ނުނިމޭ...)

comment ކޮމެންޓް