ރާއްޖެއިން ވޯކް ވީސާ ނުލިބޭ ކަމަށް ބުނެ، އިންޑިއާ ސަރުކާރަށް ރާހުލް ގާންދީގެ ފިނި ހަމަލާއެއް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ (ވ) އަދި އެ ގައުމުގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ (ކ) --

އިންޑިއާގެ ރައްޔިތުންނަށް ދިވެހިރާއްޖެ އިން ވޯކް ވީސާ ދޫކުރުން ހުއްޓާލައިފި ކަމަށް ބުނެ، އިންޑިއާގެ އިދިކޮޅު ޕާޓީ، އިންޑިއާން ނޭޝަނަލް ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ އެގައުމުގެ ސަރުކާރަށް ބަހުގެ ފިނި ހަމަލާއެއް ދެއްވައިފި އެވެ.

އިންޑިއާގެ ރައްޔިތުންނަށް ދިވެހިރާއްޖެ އިން ވޯކް ވީސާ ދޫކުރުން ހުއްޓާލައިފި ކަމަށް އިންޑިއާގެ ފަރާތްތަކުން ބުނަން ފަށައިފި ކަމަށް ބުނެ، ދަ ހިންދޫ ނޫހުން ޝާއިއުކުރި ޚަބަރެއް ޓްވީޓުކުރައްވައި، ރާހުލް ވިދާޅުވީ ރާއްޖެއަކީ އެއްޒަމާނެއްގައި އިންޑިއާގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށާއި، އިންޑިއާ އިން ބޮޑެތި އެހީތަކެއް ވެސް ލިބޭ ގައުމެއް ކަމަށެވެ.

"ޚާރިޖީ ސިޔާސަތަކީ ސްޓްރެޓެޖިކް ބޭނުންތަކުގެ ބަދަލުގައި ފޮޓޯ ނެގުމާއި އެޖެންޑާއެއް ނެތް ބައްދަލުވުންތަކަށް ބިނާވުމުގެ ނަތީޖާ،" އިންޑިއާގެ ސަރުކާރަށް އަމާޒުކޮށް ރާހުލް ޓްވިޓާގައި ދެއްވި ބަހުގެ ހަމަލާގައި ބުނެ އެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން، ރާއްޖޭގެ ބައެއް ރިސޯޓުތަކުން މުވައްޒަފުން ހޯދަން ކުރާ އިއުލާނުތަކުގައި އިންޑިއާ ރައްޔިތުންނަށް ރާއްޖެ އިން ވޯކް ވީސާ މިވަގުތު ދޫނުކުރާތީ ވަޒީފާއަށް އެދި ހުށަހަޅާ އިންޑިއާ ރައްޔިތުންގެ ހުށަހެޅުން ބަލައިނުގަންނަ ކަމަށް ބުނެފައި ހުރެ އެވެ.

ދަ ހިންދޫއިން ރިޕޯޓުކުރި ގޮތުގައި، އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އިން މި ވާހަކަ އާންމު ޕްލެޓްފޯމްތަކުގައި ދެއްކުމަށް ދެކޮޅު ހަދަ އެވެ. އެހެން ނަމަވެސް ވިސާ ނުލިބުނު ފަރާތްތަކުން ކުރި ސުވާލެއްގެ ޖަވާބުގައި، ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ އިން ބުނީ ވިސާ ދިނުމާއި ނުދިނުން އޮންނާނީ ދިވެހިރާއްޖޭގެ އިމިގްރޭޝަނުގެ އަތްމަތީގައި ކަމަށެވެ.

އިންޑިއާގެ ޚާރިޖިއްޔާގެ ބައެއް މަސްދަރުތަކާ ހަވާލައިދީ، ދަ ހިންދޫ އިން ބުނި ގޮތުގައި އިންޑިއާ އިން ވަނީ، ދެ ގައުމުގެ ދެމެދުގައި 1979 ވަނަ އަހަރު އެކުލަވާލި ވިސާއާ ބެހޭ އެއްބަސްވުމަށް ދިވެހިރާއްޖެ އިން އިހުތިރާމުކުރުމަށް ބައިލެޓަރަލް ޗެނަލްތައް މެދުވެރިކޮށް ދިވެހި ސަރުކާރުގައި އެދިފަ އެވެ.

https://sun.mv/106488

ދަ ހިންދޫ އިން ބުނީ ވިސާ ނުލިބޭ މައްސަލާގައި ދިއްލީގައި ހުންނަ ދިވެހި އެމްބަސީ އިން ވާހަކަދައްކަން ދެކޮޅުހެދި ކަމަށެވެ.

ދާދި ފަހުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު އިންޑިއާގެ ޗެންނާއީ އަށް ވަޑައިގެންނެވި އިރު، އިމިގްރޭޝަނުން އޭނާ ހުއްޓުވައި، އެގައުމަށް އެތެރެވިޔަ ނުދީ އެނބުރި ރާއްޖެއަށް ފޮނުވާލި އެވެ. އޭނާ އެތެރެވިޔަ ނުދިން ސަބަބު އިންޑިއާ އިން މިހާތަނަށް ހާމަކޮށްދީފައި ނުވާ އިރު، ނިހާން ވިދާޅުވީ އެއީ އޭނާއަށް ބުލީކުރުން ކަމަށެވެ.

އެކަން ހިނގައިދިޔަ ގޮތް ބެލުމަށް އިންޑިއާ ސަރުކާރުން މިހާރު ބަލަމުން ދާއިރު، އެ މައްސަލާގައި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް، ކަން ހިނގައި ދިޔަ ގޮތް ލިޔުމުުން ދިވެހި ސަރުކާރަށް އަންގައިދިނުމަށް އެންގި އެވެ.

comment ކޮމެންޓް