ރޮނާލްޑޯއާއެކު ޕޯޗުގަލް ޓީމު ފަރިތަކުރުންތަކުގައި --- ފޮޓޯ/ އޭޕީ

ދެހާސް ސޯޅަ ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށް، ޕޯޗުގަލް ވޯލްޑް ކަޕަށް ދިޔައީ އިތުރު ހިތްވަރަކާއެކުގައެވެ. ޕޯޗުގަލްގެ ސްކޮޑުގައި ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އިރު، ޒުވާން ބައެއް ކުޅުންތެރިންނާއެކު ސްކޮޑު ފެންނަނީ ވަރަށް ބޮޑަށް ބެލެންސް ކޮށެވެ.

ޓީމުގެ ފަހަތުން ޕެޕޭ މިފަހަރުވެސް ފެނިގެންދާނެ އިރު، މެދުތެރެއިން ޖައޯ މާރިއޯއާއި ޖައޯ މުޓީނިއޯވެސް ޓީމުން ފެނިގެންދާނެއެވެ. އަދި ކުރިއަށް ކުޅޭ އޭސީ މިލާންގެ ޒުވާން ފޯވަޑް އަންދްރޭ ސިލްވާވެސް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ފެންނާނެއެވެ.

މިފަހަރުގެ ވޯލްޑް ކަޕް ޕޯޗުގަލްއަށް މުހިއްމުވާ އަނެއް ސަބަބަކީ ދުނިޔޭގެ ތަށި އުފުލާލުމަށް ރޮނާލްޑޯއަށް ވަގުތު ކުޑަތަންވަމުން ދިއުމެވެ. އުމުރުން 33 އަހަރުގެ ރޮނާލްޑޯއަށް މިފަހަރުގެ ވޯލްޑް ކަޕަކީ އޭނާގެ ފަހު ވޯލްޑް ކަޕަށް ވުމާ ގާތުގައި އޮތް އިރު، ގައުމީ ޓީމު އަދި ކްލަބު ލެވެލްގައި ރޮނާލްޑޯ ދައްކަމުން އަންނަ މޮޅު ކުޅުމަށް ވޯލްޑް ކަޕްގެ ތަށި އޭނާއަށް ހައްގުވާ ކަމަށް ބުނާ އެތައް ބަޔަކު އެބަތިއްބެވެ.

ކޯޗު: ފެނާންޑޯ ސަންޓޯސް

ޕޯޗުގަލްގެ ކޯޗު ސަންޓޯސް --- ފޮޓޯ/ އޭޕީ

ފެނާންޑޯ ސަންޓޯސް ޕޯޗުގަލްގެ ޓީމާ ހަވާލުވީ 2014 ވަނަ އަހަރުގައެވެ. އޭގެ ފަހުން އޭނާގެ އެންމެ ބޮޑު މަސައްކަތަކަށް ފެނުނީ ޕޯޗުގަލްގެ ޑިފެންސް ވަރުގަދަ ކުރުމެވެ. ރޮނާލްޑޯގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށް ސަންޓޯސްގެ އުކުޅަކަށް އޭނާ ބޭނުން ކުރަނީ ޓީމުގެ ފަހަތުން ކުޅުން ރަނގަޅުކޮށް، ރޮނާލްޑޯއަށް ދޭން ޖެހޭ އެއްބާރުލުން މުޅި ޓީމުން ފޯރުކޮށްދިނުމެވެ.

ތަރި: ކްރިސްޓިއާނޯ ރޮނާލްޑޯ

ކްރިސްޓިއާނޯ ރޮނާލްޑޯ: އޭނާއަކީ ޕޯޗުގަލްއަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާ

މިހާތަނަށް ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ފަސް ފަހަރަށް ހޯދައިފައިވާ ރޮނާލްޑޯގެ ހުނަރާ މެދު އެއްވެސް މީހެއް ސުވާލެއް ނޫފައްދާނެ ކަން ޔަގީނެވެ. ހާއްސަކޮށް އޭނާގެ ގޯލް ޖެހުމުގެ ހުނަރާއި، މުހިއްމު ވަގުތުތަކުގައި މެޗު އަނބުރުމުގެ ފެންވަރު ރޮނާލްޑޯ ގައިގައި ހުންނާނެކަން ޔަގީނެވެ.

މިހާތަނަށް ވޯލްޑް ކަޕްގައި ރޮނާލްޑޯއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތްއިރު އޭނާ އަނެއްކާވެސް ހުރީ ވަރުގަދަ ފޯމެއްގައެވެ. މިދިޔަ ތިން އަހަރުވެސް ރެއާލް މެޑްރިޑާއެކު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރޮނާލްޑޯއަކީ އެޓީމަށް އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. ހާއްސަކޮށް އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި ރެކޯޑު އަދަދަކަށް ގޯލްވެސް ޖަހައިފައެވެ. އަދި މިފަހަރުގެ ވޯލްޑް ކަޕްގައި ޕޯޗްގަލް ކުޅުނު ފުރަތަމަ މެޗުގައިވެސް ސްޕެއިންކޮޅަށް ހެޓްރިކްހަދައި ރޮނާލްޑޯ ދެއްކި މޮޅު ކުޅުމަކީ ހަމަ ޔަގީނުންވެސް އޭނާގެ އަޑު ކެނޑުމެއް ނުވާކަމުގެ ހެއްކެކެވެ.

ގްރޫޕް ބީ:

ޕޯޗުގަލް، ސްޕެއިން، މޮރޮކޯ، އީރާން

ގްރޫޕް ސްޓޭޖުގައި ޕޯޗުގަލްއަށް ބާކީ އޮތް މެޗުތައް:

  • 15 ޖޫން، ޕޯޗުގަލް - ސްޕެއިން
  • 20 ޖޫން، ޕޯޗުގަލް - މޮރޮކޯ
  • 25 ޖޫން، ޕޯޗުގަލް - އީރާން
comment ކޮމެންޓް