ވޯލްޑްކަޕް ބެލުމަށްޓަކައި ޔޫތު މިނިސްޓްރީން ޒުވާނުންނަށް ޕްރޮޖެކްޓަރު ފޯރުކޮށްދީފި

ޔޫތް މިނިސްޓްރީން ހއ. މާރަންދޫއަށް ފޯރުކޮށްދިން ޕްރޮޖެކްޓަރާއި އެ ރަށުން ހަވާލުވަނީ--ފޮޓޯ/ ޔޫތް މިނިސްޓްރީ

ފީފާ ވޯލްޑްކަޕް ބެލުމަށްޓަކައި ޔޫތު މިނިސްޓްރީން ޒުވާނުންނަށް ޕްރޮޖެކްޓަރު ފޯރުކޮށްދީފިއެވެ.

ޔޫތު މިނިސްޓްރީން ވަނީ ރާއްޖޭގެ 60 އަށް ވުރެ ގިނަ ރަށް ރަށަށް 60 އަށް ވުރެ ގިނަ ޕްރޮޖެކްޓަރު ފޯރުކޮށްދީފައެވެ.

މިކަމާއި ގުޅޭ ގޮތުން ޔޫތު މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު މުހައްމަދު ނާޒިލް "ސަން"އަށް ވިދާޅުވީ ވޯލްޑްކަޕަކީ ޒުވާނުންނާއި ގުޅިފައިވާ ކުޅިވަރުގެ އީދަކަށްވާއިރު މި ފަހަރުގެ ވޯލްޑްކަޕް ރަށްރަށާއި މާލޭގައި ޒުވާނުން އެއްތާކު ތިބެގެން ބެލެނޭ އިންތިޒާމު ހަމަޖެއްސުމަކީ އެ މިނިސްޓްރީން ހާއްސަ އިސްކަމެއް ދީގެން ކުރިއާލައި ތައްޔާރުވެގެން ކުރި މަސައްކަތެއް ކަމަށެވެ.

ނާޒިލް ވިދާޅުވީ މީގެ ކުރިން ބޭނުން ނުކުރެވޭ ވަރަށް ބާވެފައި ހުރި ޔޫތު ސެންޓަރުތައް ފާއިތުވި ތިރީހަކަށް ދުވަހު މަސައްކަތްކޮށްގެން އަލުން ބޭނުންކުރެވޭ ފެންވަރަށް ހަދާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޔޫތު ސެންޓަރުތައް ހުންނަ ރަށްރަށުގައި ހުރިހާ އެންމެންނަށް ވޯލްޑްކަޕް ބެލޭނެ އިންތިޒާމު ހަމަޖައްސާދީފައިވާ ކަމަށެވެ.

"ވޯލްޑްކަޕް ބެލޭނެ އިންތިޒާމާއި އެކު ގިނަ ޔޫތު ސެންޓަރުތައް ހުންނާނީ މިހާރު އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތާއެކު ތަރައްގީކޮށްފައި. ހުރިހާ ޒުވާނުންނަށްވެސް އެ ސެންޓަރުތަކުން ފުރުސަތު އޮންނާނެ" ނާޒިލް ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީން ފޯރުކޮށްދިން ޕްރޮޖެކްޓަރު ލިބުނު ހއ. ދިއްދޫ ޒުވާނަކު "ސަން"އަށް ރޭ ބުނީ ޔޫތު މިނިސްޓްރީން ފޯރުކޮށްދިން ޕްރޮޖެކްޓަރުތަކަކީ ފެންވަރު ރަނގަޅު ޕްރޮޖެކްޓަރުތަކެއް ކަމަށާއި މި ފަހަރު ވޯލްޑްކަޕް ބެލުމުގެ ކަންކަން ރަށުގައި ވަރަށް ފުރިހަމައަށް އިންތިޒާމުކުރެވިގެން ގޮސްފައިވާ ކަމަށެވެ.

ޔޫތު މިނިސްޓްރީން ޕްރޮޖެކްޓަރު ރަށްރަށަށް ފޯރުކޮށްދީފައި ވާއިރު ދާދި ފަހުން ވަނީ އެސްޓީއޯއިންވެސް ގިނަ ރަށްރަށަށް ޕްރޮޖެކްޓަރު ފޯރުކޮށްދީފައެވެ.

comment ކޮމެންޓް