އެލްވިސް ޕްރެސްލީގެ ޑްރަމަރަކަށް މަސައްކަތް ކުރި ޑީޖޭ ފޮންޓޭނާ މަރުވެއްޖެ

ރޮކް އެންޑް ރޯލްގެ ރަސްގެފާނު އެލްވިސް ޕްރެސްލީ އާއެކު ދިގު މުއްދަތަކަށް ޑްރަމަރެއްގެ ގޮތުގައި މަސައްކަތްކުރި ޑީޖޭ ފޮންޓޭނާ، އުމުރުން 87 އަހަރުގައި މަރުވެއްޖެއެވެ.

އޭނާ އަކީ އެލްވިސ އާއެކު މަސައްކަތް ކުރި ފުރަތަމަ ޑްރަމަރެވެ.

ފޮންޓޭނާގެ އަންހެނުން ބުނީ އޭނާ މަރުވީ ނިދީގައި ކަމަށެވެ. 2016 ވަނަ އަހަރު އުނގަނޑަށް ލިބުނު ގެއްލުމަކާއެކު ތެދުވެ އުޅުން ފޮންޓޭނާ އަށް އުނދަގޫ ވެފައިވާ ކަމަށްވެސް އޭނާގެ އަންހެނުން ބުންޏެވެ.

ފޮންޓޭނާގެ މަރާއެކު އެލްވިސްގެ ކުރީގެ އަންހެނުންވެސް ވަނީ ސްޓޭޓްމެންޓެއް ނެރެފައެވެ. އެލްވިސްގެ ކުރީގެ އަންހެނުން ޕްރިސްސިއްލާ ޕްރެސްލީ ބުނީ ފޮންޓޭނާ އަކީ ކުޅަދާނަ މިއުޒީޝަނެއް ކަމަށެވެ.

ފޮންޓޭނާ އަކީ އެލްވިސްގެ ރަން ޒަމާނުގައި އެކުލަވައިލި މިއުޒިކް ޓީމުގެ މެންބަރުންގެ ތެރެއިން އެންމެ ދުވަސް ވަންދެން ދުނިޔޭގައި ހުރި މީހާ އެވެ.

އެލްވިސް އާއެކު އޭނާ ވަނީ 14 އަހަރު މިއުޒިކް ކުޅެފައެވެ.

comment ކޮމެންޓް