"ދޫގަސް"ސިޓީ ހޮޓަލެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެމްޕީއެލްއާ ހަވާލު ކޮށްފި

ދޫގަސް އެމްޕީއެލްއާ ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ޕީއެސްއެމް

އައްޑޫ ދޫގަސް ސިޓީ ހޮޓަލެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް(އެމްޕީއެލް) އާ ހަވާލު ކޮށްްފި އެވެ.

ދޫގަސް އެމްޕީއެލްއާ ހަވާލުކުރުމަށް މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ އެންފުނިން ދޫގަސް ނަގައި ސިޓީ ހޮޓެއް ތަރައްގީ ކުރަނީ އައްޑޫ އާއި ފުވައްމުލަކުގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމަށް އެހީތެރި ވުމަށް ކަމަށެވެ.

އެ ކަމުގެ ސަބަބުން އައްޑޫގެ ޒުވާނުންނަށް 200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދޫގަސް ރަނގަޅަށް ހިނގަން ފެއްޓި އެތަނުން ރަނގަޅު އާމްދަނީއެއް ލިބުމަކީ އައްޑޫ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށާއި ދެމަހެއްހާ ދުވަސް ތެރޭގައި އެތަނުގައި 200 އެނދުގެސްޓް ހައުސް އެއް ހިންގާނެ ކަމަށެވެ. އަދި އެތަނުގެ ޑިޒައިން ވެސް މިހާރު ކުރަހައި ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ދޫގަސް ސިޓީ ހޮޓަލުގެ ސަބަބުން ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހޮޅުވިގެންދާނެ ކަމަށެވެ.

ދޫގަސް ހަދާފައި ވަނީ އައްޑޫގައި އިނގިރޭސީން ތިބި ދުވަސްވަރު ކަމަށްވާތީ މިއީ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ ގެސްޓް ހައުސް އެވެ. ނަމަވެސް އިނގިރޭސީން އައްޑޫ އިން ފޭބުމާ ގުޅިގެން މިތަން މައިގަނޑު ގޮތެއްގައި ބޭނުންކުރީ ސަރުކާރުގެ ބޭނުންތަކަށެވެ.

comment ކޮމެންޓް