ރިޔާސީ އިންތިހާބު މޮނިޓާކުރަން ބޭނުންވާ މީޑިއާތަކަށް ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސް މަޖައްލާ އަދި ޓީވީ ސްޓޭޝަންތަކުގެ އިސްފަރާތްތަކާ ބައްދަލުކުރުން-- ފޮޓޯ: އެމްއެމްސީ

ރިޔާސީ އިންތިހާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަކުރުމަށް ޝައުގުވެރިވާ މީޑީއާތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މޮނީޓަރުން ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކޮންމެ މީޑިއާއަކަށް އޮންނާނެ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައިވަނީ މިއަދު 12:00 އިން ފަށައިގެން އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ 16:00 އާ ހަމައަށް މޮނީޓަރުންގެ ގޮތުގައި މީހުންގެ ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އީސީގެ އިއުލާނުގައި ހުއްދަ ދިނުމުގައި ބަލާ ޝަރުތުތަކެއްވެސް އާންމުކޮށްފައެވެ. އެ އިއުލާނުގައިވަނީ މޮނީޓަރަކަށް ވާންޖެހޭ މީހާއަކީ އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައި ވުމާއި ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރަމުންދާ މީހެއްކަމުގައި ނުވުން ހިމެނޭ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ/ ޓީވީ ސްޓޭޝަންގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައި މޮނީޓަރުން ވާންޖެހޭނެ ކަމަށެވެ. އަދި ނޫސް މަޖައްލާފަދަ ތަކެތީގެ ގާނޫނު ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާން ޖެހޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

އިލެކްޝަންސް އިން ވަނީ ބައިނަލްއަގުވާމީ މީޑިއާއަށް ވެސް މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ފުރުސަތު ހުޅުވާފައެވެ. އަދި އެފަދަ މީޑިއާއަކުން މޮނީޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ މީހަކު ނަމަ އެ މީހަކީ އެފަދަ މީޑިއާއެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާން ޖެހޭނެ ކަމަށް އެ އިއުލާނުގައިވެއެވެ. އަދި މޮނީޓަރަކަށް ވުމަށް އެދޭ މީހަކީ ރިޔާސީ އިންތިޚާބާ ބެހޭ މަސައްކަތެއް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ވެގެން ނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އީސީން ބުނީ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރުކުރުމަށް ޝައުގުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތަކަށް ފާސްދޫކުރެވޭނީ ބަހައްޓާ ވޯޓު ފޮށީގެ އަދަދަށްވުރެ ދިހަ އިންސައްތަ އިތުރުނުވާ ގޮތަށެވެ. އެ އަދަދަށްވުރެ އިތުރުވާ ފޯމުތައް ބާތިލް ވާނެކަމަށް ވަނީ ބުނެފައެވެ.

comment ކޮމެންޓް