ޓީ ވިތު އެމްވީ ފަންނާނުން: މަރޭ މި ކުރަނީ ކޮންކަމެއް؟

"ޓީ ވިތް އެމްވީ ފަންނާނުން"ގެ ތެރެއިން މަރޭއާއެކު ލައިޝާ--ފޮޓޯ/ ފޭސްބުކް

އަހްމަދު މަރުޒޫގު (މަރޭ)ގެ ފޭސްބުކް ޕޭޖް ހާވާލާއިރު ފެންނަ ތަފާތު ކަމެކެވެ. މަޝްހޫރު ފަންނާނުންތަކަކާ އެކު ސައި މޭޒު ދޮށުން ބައްދަލުވުންތަކެއް ބާއްވަނީއެވެ. މި ރަމަޟާން މަހުގެ ކޮންމެ ދުވަހަކުހެން މި ކަމެއް ކުރިއަށް އެބަ ދެއެވެ. މާލޭގައި ދާދި ފަހުން ހުޅުވި "ދަ ކިޗަން" ރެސްޓޯރަންޓުގައެވެ.

މީގެ ކުރިން ކާމިޔާބު ކެމްޕެއިންތަކެއް ހިންގާފައިވާ މަރޭ މި ކުރަނީ ކޮން ކަމެއްތޯ އަހާލުމުން ސާފު ޖަވާބެއް ލިބޭ ގޮތެއް ނުވިއެވެ. މަރޭ ވިދާޅުވިހާވެސް އެއްޗަކީ މިކަމުގެ މައުލޫމާތު ފަހުން ދޭނެ ކަމަށެވެ. އިތުރަށް ވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނުވިއެވެ. ހަމަ އެއްގޮތަކަށްވެސް ވާހަކަ ނުދައްކާ "އަސްލު ހަގީގަތް ހޯދަން އިންތިޒާރު ކުރާށޭ" ވިދާޅުވެ ފޯނު ބޭއްވީއެވެ.

"ޓީ ވިތް އެމްވީ ފަންނާނުން"ގެ ތެރެއިން މަރޭއާއެކު އަޒަލް--ފޮޓޯ/ ފޭސްބުކް

"ޓީ ވިތު އެމްވީ ފަންނާނުން"ގެ ނަމުގައި މަރޭ މި ބައްދަލުވުމެއް ބާއްވާތީ ގިނަ ބަޔަކު ހީކުރީ މިއީ ފަންނާނުންނަށް މަރޭ ދޭ ތަރާވީހެއް ކަމަށެވެ. ނަމަވެސް މަރޭއާ އެކު މި ހަރަކާތުގައި ބައިވެރިވި ފަންނާނަކު "ސަން"އަށް ބުނީ އެއީ ތަރާވީހެއް ނޫން ކަމަށާއި އެ ކުޑަ ވަގުތުކޮޅުގެ ބޭނުމަކީ މުޅިން އެހެން ކަމެއް ކަމަށެވެ. އިތުރު ތަފްސީލު ދޭން އޭނާވެސް ބޭނުމެއް ނުވިއެވެ.

"ޓީ ވިތް އެމްވީ ފަންނާނުން"ގެ ތެރެއިން މަރޭއާއެކު މައިޝާ--ފޮޓޯ/ ފޭސްބުކް

މަރޭއަކީ އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެރެޓަރީއެވެ. އޭނާ ކުޅިވަރު ކުޅޭ ކުދިން ގޮވައިގެން ކޮފީ ނުވަތަ ސަޔަށް ގޮސް ދައްކާނެ ވާހަކަ ހުރެދާނެ ކަަމަށް ގަބޫލު ކުރެވެއެވެ. ނަމަވެސް އޭނާގެ ދާއިރާއާ މުޅިން ބީރައްޓެހި ފަންނާނުންތަކެއް ގޮވައިގެން ކޮންމެ ރެއަކު އުޅުމުން ސުވާލު އުފެދޭ ނޫންތޯއެވެ. އަނެއްކާ މަރޭ ކުޅިވަރު ދާއިރާއާ ދުރަށް ދަނީތޯއެވެ. މި ސުވާލަށްވެސް މަރޭ ޖަވާބު ދޭކަށް ބޭނުމެއްނުވިއެވެ.

"ޓީ ވިތް އެމްވީ ފަންނާނުން"ގެ ތެރެއިން މަރޭއާއެކު ޝަލަބީ--ފޮޓޯ/ ފޭސްބުކް

މަރޭގެ "ޓީ ވިތު އެމްވީ ފަންނާނުން"ގެ ލިސްޓަށް ގިނަ ތަރިންތަކެއްގެ ނަންވަނީ އަރާފައެވެ. މިދިޔަ ތިން ސީޒަނުގެ މޯލްޑިވިއަން އައިޑަލުންނާ އޭނާ ބައްދަލުކޮށްފިއެވެ. ރާއްޖޭގައި ނަން ހިނގާ މިއުޒިކް ބޭންޑްތަކާއި މި ދާއިރާގައި އެންމެ ނަން ހިނގާ ފަންނާނުންވެސް ވަނީ ބައިވެރިވެފައެވެ.

"ޓްރޭނިންގ ވިތު އެމްވީ ޗެމްޕިއަންސް ޗެލެންޖް" އަކީ މަރޭ މިގޮތަށް ކުރިއަށް ގެންދިޔަ ތަފާތު ކެމްޕެއިނެކެވެ. އޭނާގެ އެ ކެމްޕެއިން ރާއްޖާގެ ހަތަރު ރައީސުން ގަބޫލުކުރި އިރު، ކެބިނެޓްގެ މިނިސްޓަރުންނާއި ސިޔާސީ އަދި މަޝްހޫރު ބޭފުޅުންވެސް ވަނީ އެ ކުޅިވަރު ކުޅުންތެރިންނާ އެކު އެ ޓްރެއިނިންގް ޗެލެންޖު ފުރިހަމަކޮށްފައެވެ.

"ޓީ ވިތު އެމްވީ ފަންނާނުން"އަކީ "ޓްރޭނިންގ ވިތު އެމްވީ ޗެމްޕިއަންސް ޗެލެންޖް" ފަދަ ކާމިޔާބު ކެމްޕެއިނެއްތޯ އެނގިދާނެއެވެ. އަދި އެއީ ކިހިނެއް ކުރިއަށްދާ ކީއްކުރަން ކުރިއަށްދާ ކަމެއް ކަމެއް ނޭންގެއެވެ. އެ މޭޒުމަތީގައި ދައްކާ ވާހަކަ އަދި އެނގެނީ މަރޭއާ އެދުވަހަކު އޭނާ ބައްދަލުކުރާ ފަންނާނުންނަށް އެކަންޏެވެ. އެކަމަކު ގިނަ ބަޔަކު މިހާރު އެކަމަކީ ކިހާވަރެއްގެ ކަމެއްތޯ އެނގެން ބޭނުމެވެ.

comment ކޮމެންޓް