ޕާޓީ ތެރޭގައި ހިޔާލު ތަފާތުވެ، ޖޯޖިއާގެ ބޮޑުވަޒީރު އިސްތިއުފާ ދީފި

ޖޯޖިއާގެ ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވި ގިއޯރްގީ ވިރިކަޝްވިލީ ---

ވެރިކަން ކުރާ ޕާޓީގެ ލީޑަރާ ހިޔާލު ތަފާތުވުން އުފެދި، ޖޯޖިއާގެ ބޮޑުވަޒީރު ގިއޯރްގީ ވިރިކަޝްވިލީ އިސްތިއުފާ ދެއްވައިފި އެވެ.

ޖޯޖިއާގެ ބޮޑުވަޒީރުކަމާ ވިރިކަޝްވިލީ ހަވާލުވެވަޑައިގަތީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

ޖޯޖިއާގެ ވެރިކަން ކުރާ ޖޯޖިއަން ޑްރީމް ޕާޓީގެ ލީޑަރަކީ ކުރީގެ ބޮޑުވަޒީރު އަދި ވިޔަފާރިވެރިޔާ ބިޑްޒިނާ އިވަނިޝްވިލީ އެވެ.

"ވެރިކަން ކުރާ ޕާޓީގެ ލީޑަރާ އެކު ހިޔާލު ތަފާތުވުންތަކެއް އުފެދިއްޖެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ވަގުތަކީ އާ ސަރުކާރެއް އެކުލަވާލުމަށް ޕާޓީގެ ލީޑަރަށް ފުރުސަތު ދޭންވީ ވަގުތު،" އިއްޔެ ދެއްވި ބަޔާނެއްގައި ވިރިކަޝްވިލީ ވިދާޅުވި އެވެ.

ބޮޑުވަޒީރު ވިރިކަޝްވިލީ އިސްތިއުފާ ދެއްވި އިރު، ޖޯޖިއާގެ އިގްތިސާދީ ކަންކަމާ މެދު ސަރުކާރުން އަޅަމުން ދިޔަ ފިޔަވަޅުތަކާ ހިތްހަމަނުޖެހި، އެގައުމުގެ އެތައް ބަޔަކު ދިޔައީ ބޮޑެތި މުޒާހަރާތަކެއް ކުރަމުންނެވެ.

ވިރިކަޝްވިލީ އިސްތިއުފާ ދެއްވި އިރު، ޖޯޖިއާގެ ގާނޫނު އަސާސީ ބުނާ ގޮތުން ބޮޑުވަޒީރުގެ އިސްތިއުފާއާ އެކު އޭނާގެ ކެބިނެޓުގައި ހިމެނޭ ވަޒީރުން ވެސް މަގާމުތަކުން ވަކިވާނެ އެވެ.

ހުސްވެފައިވާ ބޮޑުވަޒީރުގެ މަގާމަށް އެހެން ބޭފުޅަކު ނޮމިނޭޓުކުރުމަށް ޖޯޖިއަން ޑްރީމް ޕާޓީއަށް ހަތް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އަދި އެ ޕާޓީން ނޮމިނޭޓުކުރާ ފަރާތެއް، ބޮޑުވަޒީރުގެ މަގާމަށް އައްޔަނުކުރުމަށް އެގައުމުގެ ރައީސަށް ހަތް ދުވަސް ލިބޭނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް