ގްރޫޕް އޭ: ސައުދީ އަރަބިއާ

ސައުދީ ޓީމުން ރަޝިއާގައި ފަރިތަކުރަމުންދަނީ --- ފޮޓޯ/ އޭޕީ

ސައުދީ އަރަބިއާ ވަނީ މިހާތަނަށް ފަސް ވޯލްޑް ކަޕެއްގައި ކުޅެފަ އެވެ. ނަވާރަސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު، 1998ގެ އިތުރުން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ކުޅެފައިވާ ސައުދީ އަރަބިއާ އަށް މިހާތަނަށް ވޯލްޑް ކަޕެއްގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދިފައި ވަނީ 1994 ވަނަ އަހަރުގަ އެވެ.

ސައުދީ ވަނީ އެ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅާ ގަދަ 16 އަށް ދަތުރުކޮށްފަ އެވެ. އޭގެ ފަހުން އެއްވެސް ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖުން ސައުދީއަށް ސަލާމަތް ވެވިފައެއް ނެތެވެ. އަދި އެ އަހަރުގެ ވޯލްޑް ކަޕަށް ފަހު ސައުދީއަށް ވޯލްޑް ކަޕްގެ މެޗެއް ކާމިޔާބު ވެސް ކުރެވިފައެއް ނެތެވެ.

މިފަހަރުގެ ވޯލްޑްކަޕަށް ތައްޔާރުވަމުން ދިޔަ އިރު، ސައުދީއަށް އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ޓީމުގައި ކޯޗަކު ހަރުނުލުމުގެ މައްސަލަ އެވެ. ކޮލިފިކޭޝަންގެ މެޗުތަކަށް ފަހު މިއަދާ ހަމައަށް ސައުދީން ވަނީ ދެ ކޯޗަކު މަގާމުން ވަކިކޮށްފަ އެވެ. އެގޮތުން ކޮލިފިކޭޝަންގައި ޓީމާ ހަވާލުވެ ހުރި ބާޓް ވޭން މާވިކް ބޭރުކޮށްލުމަށް ފަހު ޓީމާ ހަވާލުވި އެޑްގާޑޯ ބައުޒާ ޓީމުން ބޭރުކޮށްލީ އެކުވެރިކަމުގެ ފަސް މެޗަށްފަހުގަ އެވެ.

ސައުދީން ފީފާ ރޭންކިންގެ 67 ވަނައިގައި އޮތް އިރު، އެއީ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ދަށްކޮށް ރޭންކް ކޮށްފައިވާ ޓީމެވެ. އެންމެ ދަށްކޮށް ރޭންކް ކޮށްފައި ވަނީ މުބާރާތް ބާއްވާ ގައުމު ރަޝިއާ އެވެ. ރަޝިއާ އޮތީ ފީފާ ރޭންކިންގެ 70 ވަނައިގަ އެވެ.

ކޯޗު: ހުއާން އެންތޯނިއޯ ޕިއްޒީ

ސައުދީގެ ކޯޗު ހުއާން އެންތޯނިއޯ ޕިއްޒީ --- ފޮޓޯ/ އޭޕީ

ސައުދީގެ ޓީމަށް ވޯލްޑް ކަޕްގައި އިރުޝާދުގެ ދޭނީ ސްޕެއިންގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިއާ ހުއާން އެންތޯނިއޯ ޕިއްޒީ އެވެ. އޭނާ އަކީ ކުޅުންތެރިއެއްގެ ގޮތުގައި ސްޕެއިންގެ ވަރުގަދަ ކްލަބުތައް ކަމަށްވާ ބާސެލޯނާ، ވިލަރެއާލް އަދި ޓެނެރީފާއި ޕޯޗުގަލްގެ ޕޯޓޯ ފަދަ ވަރުގަދަ ކްލަބުތަކަށް ކުޅެފައިވާ ކޯޗެކެވެ.

ސްޕެއިންގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ޕިއްޒީ، ސައުދީއާ ހަވާލުވުމުގެ ކުރިން ހުރީ ޗިލީގެ ކޯޗުކަމުގަ އެވެ. އޭނާއާ އެކު ސައުދީން ކުޅުނު މެޗުތަކުގެ ރެކޯޑު ރަނގަޅު ނޫން ނަމަވެސް، ސައުދީން ވޯލްޑް ކަޕަށް ޕިއްޒީއައެކު ޓީމު ފޮނުވީ ވަގުތު ކުޑަތަންވުމުން ކަމަށް ބެލެވެ އެވެ.

ތަރި: މުހައްމަދު އަލް ސަހްލާވީ

މުހައްމަދު އަލް ސަހްލާވީ: އޭނާ ވަނީ ކޮލިފިކޭޝަންގައި ސައުދީއަށް 16 ގޯލް ޖަހައިދީފައި --- ފޮޓޯ/ އޭޕީ

އުމުރުން 31 އަހަރުގެ މުހައްމަދު އަލް ސަހްލާވީ އަކީ ސައުދީން ވޯލްޑް ކަޕްގައި މެޗަކުން މޮޅެއް ހޯދުމަށް އެންމެ މުހިއްމުވާނެ ކުޅުންތެރިޔާ އެވެ. އަގައުމުގެ ލީގުގެ އަލް ނަސްރުގެ ފޯވަޑް ސަހްލާވީއަކީ ސައުދީ ވޯލްޑް ކަޕަށްް ކޮލިފައިކޮށްދިނުމުގައި މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ ކޮލިފިކޭޝަންގައި ސައުދީއަށް 16 ގޯލް ޖަހައިދީ، ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިއާއަށް ވެފަ އެވެ.

ގްރޫޕް އޭ:

ރަޝިއާ، މިސްރު، އުރުގުއޭ، ސައުދީ އަރަބިއާ

ސައުދީ އަރަބިއާގެ ގްރޫޕް ސްޓޭޖު މެޗުތައް:

14 ޖޫން، ރަޝިއާ - ސައުދީ އަރަބިއާ

20 ޖޫން، ސައުދީ އަރަބިއާ - އުރުގުއޭ

25 ޖޫން، ސައުދީ އަރަބިއާ - މިސްރު

comment ކޮމެންޓް