ވޯލްޑް ކަޕަށް ރަޝިއާ ތައްޔާރު!

ފީފާ ވޯލްޑް ކަޕް ފެށުމައް ރަޝިޔާގައި ވަމުންދާ އެންމެފަހުގެ ތައްޔާރީތައް --- ފޮޓޯ/ އޭޕީ

މިއީ ދުނިޔޭގެ އެންމެ ޝަރަފުވެރި ކުޅިވަރު މުބާރާތެވެ. ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އެތައް ބައެއްގެ ލޯތައް އަމާޒުކޮށްލާ ފުޓުބޯޅައިގެ އެންމެ ބޮޑު މުބާރާތެކެވެ.

ފީފާ ވޯލްޑް ކަޕް 2018 މިރޭ ފަށާނެއެވެ. 32 ޓީމަކުން 64 މެޗު ކުޅޭނެއެވެ. 32 ދުވަހަށް މުބާރާތް ކުރިއަށްދާނެއެވެ. މިއީ ވޯލްޑް ކަޕްގެ 21 ވަނަ މުބާރާތެވެ. މިއަހަރު ރަޝިއާގައި މުބާރާތް އޮންނަ އިރު، ޖުމްލަ 11 ސިޓީއެއްގެ 12 ސްޓޭޑިއަމެއްގައި މެޗުތައް ކުޅޭނެއެވެ.

މިވަގުތު ދުނިޔޭގެ ޗެމްޕިއަނުންނަކީ ޖަރުމަނެވެ. މީގެ ކުރިން ވޯލްޑް ކަޕެއްގެ ތަށި ދިފާއުކުރި ހަމައެކަނި ޓީމަކީ ބްރެޒިލެވެ. 1958 އަދި 1962 ވަނަ އަހަރު ބްރެޒިލް ވަނީ ޖެހިޖެހިގެން ދެ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. މި ފަހަރު ބްރެޒިލް ނުކުންނާނީ ރެކޯޑު ހަވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އަޒުމުގައެވެ.

ފީފާ ވޯލްޑް ކަޕް ފެށުމައް ރަޝިޔާގައި ވަމުންދާ އެންމެފަހުގެ ތައްޔާރީތައް --- ފޮޓޯ/ އޭޕީ

ސިޔާސީ ގޮތުން ދުނިޔޭގެ އެންމެ ވަރުގަދަ އެއް ގައުމުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ރަޝިއާގައި ވޯލްޑް ކަޕް ބޭއްވުމަށް އެގައުމުން ގިނަ ތައްޔާރީތަކެއް ވެފައިވާ އިރު، ވޯލްޑް ކަޕަށް އެގައުމުން ވަނީ 700 މިލިއަނަށްވުރެ ގިނަ ރުބެލް (ރަޝިއާގެ ފައިސާ) ހަރަދުކޮށްފައެވެ.

ވޯލްޑް ކަޕް ގެންދާނީ ކޮން ޓީމެއް؟

1986 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާގެ ތަރި މެރަޑޯނާ އުފުލާލަނީ --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕަކީ ދުނިޔޭގެ އެންމެ ވާދަވެރި ފުޓުބޯޅަ މުބާރާތެވެ. ހާއްސަކޮށް ފުޓުބޯޅައިގެ ބޮޑެތި ބާރުތަކުން ހަތަރު އަހަރު ދުވަހުގެ ތައްޔާރީތަކަށްފަހު ވޯލްޑް ކަޕަށް ނުކުންނާނީ އެގައުމުތަކުގެ އެންމެ ފުރިހަމަ ހުނަރާއެކުގައެވެ. ޓީމެއްގެ ގޮތުގައި އެންމެ ވަރުގަދަ ޓެކްޓިކްސްއާއެކުގައެވެ. ވޯލްޑް ކަޕްގައި ފެއިލްވުމަކީ ގައުމެއްގެ ފުޓުބޯޅައަށް ފޫ ނުބެއްދޭނެ ވަރުގެ ގެއްލުމަކަށްވާނެއެވެ.

މިފަހަރުގެ ވޯލްޑް ކަޕަށްވެސް ފެވަރިޓުންތަކެއް ހޮވައި ކިޔާލެވޭ އިރު، އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހަމަ ގައިމުވެސް މިވަގުތު ދުނިޔޭގެ ޗެމްޕިއަން ޖަރުމަނު ހިމެނޭނެއެވެ. 2010 ވަނަ އަހަރު ވޯލްޑް ކަޕްގެ ތަށި އުފުލާލި ސްޕެއިން، އެންމެ ފަހުން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި ނަމަވެސް، މިފަހަރު އަނެއްކާވެސް އޮތީ ރަނގަޅު ފޯމެއްގައެވެ.

އެންމެފަހުން ކުޅުނު ހަތަރު ވޯލްޑް ކަޕްގައިވެސް ޖަރުމަނު ވަނީ ސެމީ ކުޅެފައެވެ. ކޮލިފައިންގެ 100 ޕަސެންޓް ރެކޯޑަކާއެކު ޖަރުމަނުން މިފަހަރުގެ ވޯލްޑް ކަޕަށްވެސް ނުކުންނާނީ ވަރުގަދަ ސްކޮޑަކާއެކުގައެވެ.

މުބާރާތުގެ އެންމެ ވަރުގަދަ ސްކޮޑެއްގެ ގޮތުގައި ކިޔާ ފްރާންސް އަދި މުބާރާތުން "ސަޕްރައިޒް" ޓީމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ބެލްޖިއަމްވެސް ހިމެނޭނީ ވޯލްޑް ކަޕް ނެގިދާނެ ޓީމުތަކުގެ ލިސްޓްގައެވެ.

ޖަރުމަނު އަތުން 7-1 ގެ ނަތީޖާއަކުން ބްރެޒިލް ބަލިވި މެޗު --- ފޮޓޯ/ އޭޕީ

މިހާތަނަށް ދުނިޔޭގެ ރެކޯޑު އަދަދަކަށް ވޯލްޑް ކަޕް ގެންގޮސްފައިވާ ޓީމަކީ ބްރެޒިލެވެ. ޖުމްލަ ފަސް ވޯލްޑް ކަޕާއެކު ބްރެޒިލުން މިފަހަރުގެ މުބާރާތަށް ނުކުންނަނީ ހުނަރުން ފުރިގެންވާ ސްކޮޑަކާއެކުގައެވެ. އެންމެ ފަހުން އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ޖަރުމަނު އަތުން 7-1ގެ ނަތީޖާއަކުން ބަލިވި ބަލިވުން ހަނދާން ނައްތާލައި، ބްރެޒިލުން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުންނަނީ ކޮލިފައިންގެ ރަނގަޅު ނަތީޖާތަކަކާއެކުގައެވެ.

މީގެ އިތުރުންވެސް ލިއޮނަލް މެސީއާއެކު ނުކުންނަ އާޖެންޓީނާ، ރޮނާލްޑޯއާއެކު ނުކުންނަ އެންމެފަހުގެ ޔޫރޮޕިއަން ޗެމްޕިއަން ޕޯޗުގަލް އަދި ޒުވާން ސްކޮޑަކާއެކު ނުކުތް އިނގިރޭސިވިލާތަކީވެސް ނަތީޖާ ނެރެވިދާނެ ޓީމުތައް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ވޯލްޑް ކަޕްގައި މުޅިން އަލަށް ވާދަކުރާ ގައުމުތައް

މިފަހަރުގެ ވޯލްޑް ކަޕްގައި މުޅިން އަލަށް ދެ ގައުމަކުން ވާދަކުރާނެއެވެ. އެއީ ޕެނަމާ އަދި އައިސްލޭންޑެވެ.

ތިން ލައްކަ ތިރީސް ފަސްހާސް މީހުންގެ އާބާދީއެއް އޮންނަ އައިސްލޭންޑަކީ މިހާތަނަށް ވޯލްޑް ކަޕަކަށް ކޮލިފައިވި އެންމެ އާބާދީ މަދު ގައުމެވެ. އައިސްލޭންޑް ދުނިޔޭގެ ފުޓުބޯޅަ ލޯތަކަށް އެނގިގެން ދިޔައީ މީގެ ދެ އަހަރު ކުރިން ފްރާންސްގައި ކުޅުނު ޔޫރޯ ގައެވެ.

ފްރާންސްގެ ޔޫރޯއަކީ އައިސްލޭންޑްގެ ފުރަތަމަ ބޮޑު މުބާރާތް ނަމަވެސް އެޓީމުން ވަނީ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައެވެ. ޔޫރޯގައި އައިސްލޭންޑުން ވަނީ ވަރުގަދަ އިންގްލެންޑަށްވެސް "ދޯކާ"އެއް ދީފައެވެ.

ފްރާންސްގައި ބޭއްވި ޔޫރޯ 2016 ފުޓްބޯޅަ މުބާރާތުގައި އައިސްލޭންޑްގެ ސަޕޯޓަރުން އެޓީމަށް ތަރުހީބުދެނީ -- ފޮޓޯ: އައިސްލޭންޑްމެގް

ޕެނަމާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވުމާއެކު އެގައުމުގައި ރަސްމީ ބަންދު ދުވަހެއްވެސް ވަނީ އިއުލާންކޮށްފައެވެ. ދުނިޔޭގެ ރޭންކިންގެ 55 ވަނައިގައި ޕެނަމާ އޮތް އިރު، އެޓީމުން ވޯލްޑް ކަޕަށް ކޮލިފައިވެފައި ވަނީ ތަޖުރިބާކާރު ކޯޗު ހޭނަން ޑާރިއޯ ގޯމޭޒްގެ އިރުޝާދުގެ ދަށުންނެވެ.

މީގެ އިތުރުންވެސް ގިނަ ދުވަސްތަކެއްގެ މެދު ކެނޑުންތަކަކަށްފަހުވެސް ގިނަ ގައުމުތަކަކުން މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭނެއެވެ. އެގޮތުން މިއަހަރުގެ ވޯލްޑް ކަޕަކީ 1982 ވަނަ އަހަރަށްފަހު ޕެރޫ ފެންނާނެ ފުރަތަމަ ވޯލްޑް ކަޕެވެ. އަދި މިފަހަރުގެ ވޯލްޑް ކަޕަށް މިސްރު ކޮލިފައިވީ 29 އަހަރަށް ފަހުގައެވެ. މޮރޮކޯ ކޮލިފައިވީ 20 އަހަރަށް ފަހުގައެވެ.

ފީފާ ވޯލްޑް ކަޕް ފެށުމައް ރަޝިޔާގައި ވަމުންދާ އެންމެފަހުގެ ތައްޔާރީތައް --- ފޮޓޯ/ އޭޕީ

ދުނިޔޭގެ ފުޓުބޯޅައަށް ލޯބިކުރާ ހުރިހާ ލޯތަކެއް މިވަގުތު ރަޝިއާއަށް ހުއްޓިފައިވާ އިރު، އެގައުމުގެ ރައީސް ލަޑީމިއާ ޕުޓިން ވިދާޅުވެފައި ވަނީ ވޯލްޑް ކަޕަށް ގައުމު ތައްޔާރު ކަމަށެވެ. އަދި ހުރިހާ ސަޕޯޓަރުންނާއި އެކިއެކި ގައުމުތަކުން ވޯލްޑް ކަޕަށްދާ ހުރިހާ ފަރާތްތަކަށް ރަޝިއާ ހުޅުވާލެވިފައިވާ ކަމަށެވެ. ޕުޓިން ވިދާޅުވީ ދުނިޔޭގެ އެންމެ ވަރުގަދަ، އެންމެ ބޮޑު ކުޅިވަރު މުބާރާތް ބޭއްވުމަކީ ލިބޭ ޝަރަފެއް ކަމަށާއި، ރަޝިއާ ވޯލްޑް ކަޕް ހަނދާނުން ނުފޮހެވޭނެ ކަމަށެވެ.

އެކިއެކި ކުލަތަކާއި ހަވާ ފަޓާހުގެ އިތުރުން އަސްކަރީ ޝޯތަކެއް ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ފެނިގެންދާނެ ކަމަށް ބެލެވޭ އިރު، ވޯލްޑް ކަޕް 2018އަށް ވަގުތު ކުޑަތަންވަނީއެވެ.

comment ކޮމެންޓް