ވޯލްޑް ކަޕާ ދިމާކޮށް ޗުއްޓީ ހޭދަކޮށްލުމަށް، ރޫނީ ރާއްޖެ އަތުވެއްޖެ

އެވަޓަންއާ އަލުން ގުޅުނު ތަޖުރިބާކާރު ފޯވަޑް ވޭން ރޫނީ ---

ފީފާ ވޯލްޑް ކަޕް މާދަމާ ފެށުމަށް ހަމަޖެހިފައިވާ އިރު، އިނގިރޭސިވިލާތުގެ ކުރީގެ ކެޕްޓަން ވޭން ރޫނީ، ޗުއްޓީ ހޭދަކޮށްލުމަށް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ގައުމީ ޓީމަށް 119 މެޗު ކުޅެ، 53 ގޯލް ޖަހައިދީފައިވާ ރޫނީއަކީ އެ ގައުމުގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ.

އިނގިރޭސިވިލާތާއެކު 2006، 2010 އަދި 2014 ވަނަ އަހަރުވެސް ވޯލްޑް ކަޕްގައި ކުޅެފައިވާ ރޫނީ އަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެ ގައުމުގެ ކެޕްޓަން ބޭންޑުވެސް އެޅި ކުޅުންތެރިޔާއެވެ. 2016 ވަނަ އަހަރުގެ ޔޫރޯގައިވެސް އިނގިރޭސި ޓީމުގެ ކެޕްޓަން ބޭންޑް އެޅި ރޫނީ ވަނީ މިއަހަރުގެ ވޯލްޑް ކަޕަށް ކޮލިފިކޭޝަން މެޗުތަކުގައިވެސް ކުޅެފައެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް، ރޫނީ އެވަޓަންއަށް ބަދަލުވެފައިވާ އިރު، އިނގިރޭސި ގައުމީ ޓީމުގެ ކޯޗުކަމާ ގެރެތު ސައުތުގޭޓާ ހަވާލުވިފަހުން ރޫނީއަށް ވަނީ ގައުމީ ޓީމުން ފުރުސަތު ގެއްލިފައެވެ. ބައެއް މެޗުތަކުން ރޫނީއަށް ގައުމީ ޓީމުން ފުރުސަތު ގެއްލުމަށްފަހު ސައުތުގޭޓް، އޭނާ އަލުން ސްކޮޑަށް ނެގި ނަމަވެސް މިދިޔަ އަހަރު އޯގަސްޓް މަހުން ފެށިގެން ރޫނީ ވަނީ ގައުމީ ޓީމުން ރިޓަޔާ ކޮށްފައެވެ.

މިދިޔަ ސީޒަންގައި ރޫނީގެ ފުރަތަމަ ކްލަބު ކަމަށްވާ އެވަޓަންގައި ހޭދަކުރި ނަމަވެސް، އަންނަ ސީޒަންގައި އެމެރިކާ ލީގުގެ ޑީސީ ޔުނައިޓެޑަށް އޭނާ ބަދަލުވާން އުޅޭ ކަމުގެ ވާހަކަތަކެއް ވަނީ ފެތުރިފައެވެ. އަދި ރޫނީ ޗުއްޓީއަށް ރާއްޖެ އައިސްފައި މިވަނީ އެވަޓަންގެ ކޯޗު، މާކޯ ސިލްވާއާ ރޫނީއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުޅޭ ކަމަށް މީޑިއާގައި އަޑު ފެތުރިފައި ވަނިކޮށެވެ.

comment ކޮމެންޓް