75 އަހަރުގެ މީހާގެ މައްސަލަ ނުބަލަން އުޅޭކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރު: ޕީޖީ އޮފީސް

ޕީޖީ އައިޝަތު ބިޝާމް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގދ. އަތޮޅުގެ ރަށެއްގައި އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންނާ 75 އަހަރުގެ ފިރިހެނަކު ޖިންސީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އަނބުރާ ގެނެސް، އެ މައްސަލަ ކުރިއަށް ނުގެންދަން ޕީޖީ އޮފީހުން ނިންމި ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރުތަކެއް ކަމަށް އެ އޮފީހުން ބުނެފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މިރޭ "ސަން" އަށް ވިދާޅުވީ އެ ކަމާ ގުޅޭ ޚަބަރު ބައެއް މީޑިއާތަކުގައި ފަތުރާފައި ވަނީ ކަމުގެ ހަގީގަތް ބެލުމެއް ނެތި ކަމަށެވެ.

ބިޝާމް ވިދާޅުވީ އެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅި ކޯޓުން މައްސަލަ އަނބުރާ ނެގީ އެ ކޯޓުގައި އެ މައްސަލަ ކުރިއަށް ގެންދިޔުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ. އަދި އެ މައްސަލަ އަނބުރާ ނެގީ އެހެން ކޯޓަކަށް މައްސަލަ ހުށަހަޅަން ނިންމުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިހާރު އެ މައްސަލަ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅަން ވަނީ ނިންމާފައި. އެ މައްސަލަ އަނބުރާ ނެގީ އެހެން ކޯޓަކަށް ހުށަހަޅަން ނިންމުމަށްފަހު. އެއްވެސް އިރެއްގައި އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމާފައެއް ނުވާނެ،" ބިޝާމް ވިދާޅުވިއެވެ.

ދައުލަތުން ދައުވާ ކުރާ ޖިނާއީ މައްސަލަތަކާ ގުޅޭގޮތުން އެ އޮފީހުގެ ބަހެއް ނެތި ހަގީގަތް އޮޅޭގޮތަށް ޚަބަރު ނުފެތުރުމަށް ޕީޖީ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް