ސިއްރު ހެކިބަހާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ނުދެއްކުމަށް ފުލުހުން އިލްތިމާސްކޮށްފި

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސުޕޯކްސްޕާސަން އަހްމަދު ޝިފާން ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސިއްރު ހެކި ބަސް ނެގުމުގެ އަސްލު މަގުސަދު އޮޅޭގޮތަށް ވާހަކަތައް ނުފެތުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ ފަރާތުން މިއަދު ދެއްވި ބަޔާނެއްގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްޕޯކްސް ޕާސަން، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ގަސްދުގައި ކަންކަން އޮޅުވާލުމުގެ ގޮތުން ބައެއް ފަރާތްތަކުން ވާހަކަ ފަތުރަމުން އަންނަ ކަމަށެވެ.

''ދިވެހިރާއްޖޭގައި އަޅުގަނޑުމެން މި ވޭތު ކުރަމުންދާ ދަނޑިވަޅުގައި ތަފާތު އެކި ކަންތައް އަޅުގަނޑުމެންގެ ލޯ މައްޗަށް ފެނިދެނިވާއިރުގައި މިކަންކަމުގެ އަސްލު ހަގީގަތް އަސްލު މަންޒަރު، ސިފަ އެހެނިހެން ގޮތްގޮތަށް ކޮށްދޭން ބޭނުންވާ ފަރާތްތަކެއް މީގެ ތެރޭގައި އަޅުގަނޑުމެން ގަބޫލުކުރެވޭ ގަސްދުގައި ކަންކަން އޮޅުވާލުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން އެބަ ކަންކަންް ކުރަމުން އެބަ ގެންދޭ.'' ޝިފާން ވިދާޅުވިއެވެ.

އެހެން ކަމުން އެފަދަ އަމަލުތައް އެއްވެސް ވަރަކަށް ނުކުރުމަށް ޝިފާން ވަނީ އިލްތިމާސްކޮށްފައެވެ.

ޝިފާން ވިދާޅުވީ ހެކިބަހުގެ ކަންކަމުގައި އަބަދުވެސް ފުލުހުން އަމަލުކުރާނީ ކަނޑައެޅިފައި އޮންނަ އެންމެ ފުރިހަމަ އުސޫލުން ކަމަށެވެ.

''ފުލުހުން ތަހުގީގުތަކުގައި ހެކިބަސް ނެގުމާ ޖިނާއީ ގޮތުން ދައުވާކުރުމަށްޓަކައި ފޮނުވުމާ ނުވަތަ ހެކި ބަސް ބޭނުންކުރާ ކުރުމުގައި ފުލުހުން ހިންގަމުންދާ ތަހުގީގުތަކުގައި ހެއްކެއް ރައްކާ ކުރަން ޖެހޭ ކޮންމެ ހާލަތެއްގައި ސިއްރުކުރަން ޖެހުނަސް އަދި އެ ތަހުގީގެއްގެ އަސްލާ ހަމައަށް ދިޔުމަށްޓަކައި ފުލުހުން ކުރަންޖެހޭ ހުރިހާ ކަމެއް ފުލުހުން ކުރާނެ. އިރާދަކުރެއްވިޔާ އެކަމުގައި ފުލުހުން ތިބޭނީ ވަރަށް ސާބިތު ކަން މަތީގައި،'' ޝިފާން ވިދާޅުވިއެވެ.

comment ކޮމެންޓް