2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި!

ރަޝިޔާގައި ކުރިއަށްދާ ފީފާގެ ކޮންގްރެސް --- ފޮޓޯ/ އޭޕީ

2026 ވަނަ އަހަރު ވޯލްޑް ކަޕް ބާއްވާނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ކަމަށް މިހާރު ރަޝިޔާގެ މޮސްކޯގައި ކުރިއަށްދާ ފީފާ ކޮންގްރެސްއިން ފާސްކޮށްފިއެވެ.

ފީފާ ވޯލްޑް ކަޕް 2026 ބާއްވާނީ އުތުރު އެމެރިކާގެ ތިން ގައުމެއް ކަމަށްވާ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ކަމަށް ފާސްކުރީ މިހާރު ކުރިއަށްދާ ފީފާގެ ކޮންގްރެސްގައި ނެގި ވޯޓުގެ 67 ޕަސެންޓް ވޯޓު ކާމިޔާބުކޮށްގެންނެވެ. ވޯލްޑް ކަޕް ހޯސްޓު ކުރުމަށް އުތުރު އެމެރިކާގެ ޖޮއިންޓް ބިޑާ ދެން ވާދަކުރީ މޮރޮކޯއެވެ.

މެމްބަރު ގައުމުތަކުގެ ތެރެއިން 134 ވޯޓް އުތުރު އެމެރިކާގެ ބިޑަށް ލިބިފައިވާ އިރު، މޮރޮކޯ އަށް ލިބުނީ 65 ވޯޓެވެ. އަދި އެއް ގައުމުން ވަނީ ވޯޓުގައި ބައިވެރިނުވެ ދޫކޮށްލައިފައެވެ.

ރަޝިޔާގައި ކުރިއަށްދާ ފީފާގެ 68 ވަނަ ކޮންގްރެސްގެ އެންމެ ހާއްސަ ކަމަކީވެސް 2026 ވަނަ އަހަރު ވޯލްޑް ކަޕް ބާއްވާ ގައުމު ކަނޑައެޅުމަށް މެމްބަރު ގައުމުތަކުގެ މެދުގައި ވޯޓު ނެގުމެވެ. މިއީ މެމްބަރު ގައުމުތަކަށް ވޯލްޑް ކަޕް ބާއްވާ ގައުމު ކަނޑައެޅުމަށް މެމްބަރު ގައުމުތަކުގެ މެދުގައި ވޯޓު ނެގި ފުރަތަމަ ފަހަރެވެ. ވޯލްޑް ކަޕް ބޭއްވެމަށް ބިޑް ކުރާ ގައުމުތަކުން ހުށަހަޅާ ޕްރޮޕޯސަލަށް މީގެކުރިން ވޯޓު ދެނީ ހަމައެކަނި ފީފާގެ އެގްޒެކެޓިވް ކައުސިލުން އެކަންޏެވެ.

ރާއްޖޭގެ ފުޓުބޯޅަ އިދާރާގެ އިސްވެރިން ކޮންގްރެސްގައި --- ފޮޓޯ/ އެފްއޭއެމް

ރާއްޖޭގެ ފުޓުބޯޅަ އިދާރާގެ އިސްވެރިންވެސް ފީފާގެ ކޮންގްރެސްގައި ބައިވެރިވެފައިވާ އިރު، އެ އިދާރާގެ ފަރާތުން ބައިވެރިވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒެވެ.

comment ކޮމެންޓް