ވޯލްޑް ކަޕް ފެށެން އެންމެ ދުވަހަކަށް ވެފައިވަނިކޮށް ސްޕެއިންގެ ކޯޗު މަގާމުން ވަކިކޮށްފި

ސްޕެއިންގެ ކޯޗު ހުލެން ލޮޕެޓެގީ --- ފޮޓޯ/ އޭޕީ

ރަޝިޔާގައި އޮންނަ ފީފާ ވޯލްޑް ކަޕް ފެށެން އެންމެ ދުވަހަކަށްވެފައި ވަނިކޮށް، މުބާރާތުގެ ފެވަރިޓެއް ކަމަށްވާ ސްޕެއިން ގައުމީ ޓީމުގެ ކޯޗު، ހުލެން ލޮޕެޓެގީ މަގާމުން ވަކިކޮށްފިއެވެ.

ލޮޕެޓެގީ މަގާމުން ވަކިކޮށްފައި މިވަނީ ވޯލްޑް ކަޕަށްފަހު އޭނާ ރެއާލް މެޑްރިޑާ ހަވާލުވާނެ ކަމަށް އެ ކްލަބުން އިއުލާން ކޮށްފައި ވަނިކޮށެވެ. ސްޕެއިންގެ ފުޓުބޯޅައިގެ މައި އިދާރާއިން ބުނެފައި ވަނީ ލޮޕެޓެގީ މަގާމުން ވަކި ކުރަން ނިންމީ ސްޕެއިންގެ ފުޓުބޯޅަ އިދާރާއަށް ނޭނގި ރެއާލް މެޑްރިޑާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމުން ކަމަށެވެ.

"އުނދަގޫ ހާލަތެއް ސްޕެއިންގެ ޓީމަށް މި ކުރިމަތިވީ. މިހާލަތާ ގުޅިގެން ވަރަށް ބޮޑެތި ފާޑުކިޔުންތައް އަންނާނެކަންވެސް އެނގޭ. އުނދަގޫ ނިންމުމެއް ލޮޕެޓެގީ ވަކިކުރުމަކީ. އަހަރެން ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކޯޗެއް ލޮޕެޓެގީއަކީ. އޭނާ ޓީމަށް ގެނެސްދިން ކާމީޔާބީ ދުވަސްތައްވެސް ހަދާން އެބަހުރި،" ސްޕެއިންގެ ފުޓުބޯޅަ އިދާރާގެ ރައީސް ލުއިސް ރުބިއާލްސް ވިދާޅުވެފައިވެއެވެ.

ރުބިއާލްސް ވިދާޅުވީ ވޯލްޑް ކަޕެއް ފެށެން ދެ ދުވަހަށް ވެފައިވަނިކޮށް ގައުމީ ޓީމުގެ ކޯޗު ވަކުކުރުމަކީ ކުރަން ބޭނުން ނުވި ކަމެއް ނަމަވެސް، ކޯޗު ކަންކުރި ގޮތުން އެކަން ކުރަން މަޖުބޫރުވީ ކަމަށެވެ.

ލޮޕެޓެގީ ސްޕެއިންގެ ގައުމީ ޓީމާ ހަވާލުވީ 2016 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ސްޕެއިން ކުޅުނު 20 މެޗުންވެސް އެޓީމު ބަލިވެފައެއް ނުވެއެވެ. އެގޮތުން އޭނާގެ ކޯޗުކަމުގައި ސްޕެއިން ކުޅުނު 20 މެޗުގެ ތެރެއިން 14 މެޗުން އެޓީމު މޮޅުވެފައިވާ އިރު، އަނެއް ހަ މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ.

ސްޕެއިންއިން ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ނުކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ.

comment ކޮމެންޓް