އިވެންޓު މެނޭޖުމެންޓާއި މުނިފޫހިފިލުވުމުގެ ދާއިރާގައި ބިދޭސިންނަށް ހަރަކާތްތެރި ނުވެވޭނެ

ވެލާނާގެ -- ސަން ފައިލް ފޮޓޯ

އިވެންޓު މެނޭޖުމެންޓާއި މުނިފޫހިފިލުވުމުގެ ދާއިރާގައި ބިދޭސިންނަށް ހަރަކާތްތެރި ނުވެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ކަނޑައަޅައިފިއެވެ.

އެ މިނިސްޓްރީ އިން އިއްޔެ ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާގޮތުން ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގަވައިދުގެ ދަށުން އިވެންޓް މެނޭޖްމަންޓާއި މުނިފޫހިފިލުވުން އަދި ޕްރޮޑަކްޝަން ޞިނާޢަތުގައި ބިދޭސިންނަށް ހަރަކާތެއް ނުވެވޭނެއެވެ.

މި ދާއިރާ ތަކުގެ ތެރެއިން އޯޑިޔޯ ވިޜުއަލް އިކުއިޕްމަންޓް ކުއްޔަށް ދޫކުރުމާއި، އެފަދަ ތަކެތި އެކަނި ކުއްޔަށް ދިނުން، މިއުޒިކު ކުޅޭ ތަކެއްޗާއި އާލާތް ކުއްޔަށް ދިނުމާއި ވިއްކުން، އަދި މިތަކެތި ހަރުކޮށް ބޭނުންކުރެވޭނެ ގޮތަށް ހެދުމުގެ މަސައްކަތުގައިވެސް ބިދޭސީންނަކަށް ހަރަކާތްތެރިއެއް ނުވެވޭނެއެވެ.

މީގެ އިތުރުން އޯޑިއޯ ވިޜުއަލް އިކުއިޕްމަންޓާއި މިއުޒިކު ކުޅޭ ތަކެއްޗާއި އާލާތަކާ ގުޅޭޚިދުމަތް ދިނުމާއި ބެލެހެއްޓުމުގެ އެއްބަސްވުންތަކުގެ މަސައްކަތުގެ އިތުރުން އިވެންޓް މެނޭޖުކުރުމާއި ހާޢްސަ މުނާސަބަތުތައް ފާހަގަކުރުމުގެ "ޕްރޮޑަކްޝަން" އަދި މިކަންކަމާ ގުޅޭ މަޝްރޫއުތައް ހިންގައި ބެލެހެއްޓުމުގެ މަސައްކަތެއްވެސް ބިދޭސީންނަކަށް ނުކުރެވޭނެއެވެ.

މިނިސްޓްރީން ބުނީ އެ އިއުލާނާ ގުޅިގެން، މި ދާއިރާތަކުގައި މިހާރު ހިނގަމުންދާ ބިދޭސީ ވިޔަފާރިތަކުގެ އެންމެހާ މުއާމަލާތްތައް ހުއްޓުމަކަށް ގެންނަންޖެހޭނެ ކަމަށެވެ.

comment ކޮމެންޓް