އިދިކޮޅު މެމްބަރުން މަޖިލީހަށް ހާޒިރުވި ކަމަށް ހާޒިރީން ދައްކައިފި

ސަރުކާރާއި އިދިކޮޅު މަޖިލިސް މެމްބަރުން މަޖިލީހަށް ދިއުމަށް ކުރިއަށް ދަނީ-- ސަން ފޮޓޯ: ހުސެއިން ހަސަން

ރައްޔިތުންގެ މަޖިލީހުގެ ނިމި ދިޔަ ދައުރުގައި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވި ކަމަށް ހާޒިރީން ދައްކައިފި އެވެ.

ނިމިދިޔަ ދައުރުގެ އެއްވެސް ޖަލްސާއެއްގައި އިދިކޮޅު މެމްބަރުން ބައިވެރިވެފައި ނުވާ އިރު މަޖިލީހަށް އެ މެމްބަރުން ހާޒިރުވެފައިވާ ކަމަށް އިއްޔެ މަޖިލީހުގެ އިދާރާ އިން އާންމު ކުރި ހާޒިރީން މަޖިލީހުގެ ހާޒިރީން ވަނީ ދައްކައިފަ އެވެ.

ނިމިދިޔަ ދައުރުގައި މަޖިލީހުގެ 13 ޖަލްސާއެއް ބާއްވާފައިވާ އިރު އިދިކޮޅު މެމްބަރުން އެއްވެސް ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގެންފައެއް ނުވެ އެވެ.

ނަމަވެސް ހާޒިރީން ދައްކާ ގޮތުން އިދިކޮޅު މެމްބަރުންގެ ތެރެއިން އެއްވެސް ގޮތަކަށް މަޖިލީހަށް ވަޑައި ނުގަންނަވާ މެމްބަރުންނަކީ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފެވެ.

އެހެން މެމްބަރުން އެކި ދުވަސް މަތިން މަޖިލީހަށް ހާޒިރުވެފައިވާ ކަމަށް ހާޒިރީން ދައްކަ އެވެ. މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ މަޖިލީހަށް ވަޑައިނުގަންނަވާ ކަމަށް އިނީ އެންމެ ދުވަހަކު އެވެ.

މަޖިލީހަށް ހުރިހާ ދުވަހަކު ހާޒިރުވި މެމްބަރުންގެ ތެރޭގައި ހިމެނެނީ ޕީޕީއެމް އެމްޑީއޭ މެމްބަރުންގެ ތެރެއިން 18 މެމްބަރެކެވެ. ސަތާރަ މެމްބަރަކު ވަނީ އެކި ދުވަހުގެ ޖަލްސާތަކަށް ސަލާމް ފޮނުއްވައިފަ އެވެ. ސަލާމް ފޮނުވާފައިވާ މެމްބަރުންގެ ތެރޭގައި އިދިކޮޅު މެމްބަރުން ވެސް ހިމެނެ އެވެ.

comment ކޮމެންޓް