ތްރީ އާރު އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ސާފު ރާއްޖެ ސްކޫލްތަކުގެ ތްރީ އާރް މުބާރާތުގައި ވަނަ ވަނައަށް އައި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކުރުން: މިއަދު ދަރުބާރު ގޭގެ ހަކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވަނަތައް ހޯދި ސްކޫލްތަކަށް އިނާމް ހަވާލުކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް އާއި އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް---ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ބޭނުންކުރުމާއި އުކާލަން ޖެހޭ ކުނި މަދުކުރުމަށް މަސައްކަތްތައް ކުރާ ރިސޯޓުތައް ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ދޭ ތްރީ އާރު އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީ އިން ބުނީ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 އިން އަންނަ މަހުގެ 15 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

އެވޯޑަށް ނޮމިނޭޓް ކުރާ ރިސޯޓްގައި 3R ކޮންސެޕްޓް (ރެޑިއުސް، ރިޔޫސް، ރިސައިކަލް)ގެ ދަށުން ރިސޯސް އެފިޝަންޓް ޕްރެކްޓިސަސްއާ އެކު މަސައްކަތްތައް ހިންގާ ގޮތްތައް ދައްކުވައިދޭ ފޮޓޯ، ވީޑިއޯ، ޑޭޓާ އަދި އެހެނިހެނިހެން މައުލޫމާތުތައް ހުށަހަޅަން ޖެހެ އެވެ.

އެގޮތުން ރިސޯޓުގައި އުފައްދާ ކުނީގެ މިންވަރު މަދުކުރުމަށް ރިސޯޓުން ކުރާ މަސައްކަތްތަކާއި އަލުން ބޭނުންކުރެވޭ ފަދަ ތަކެތި އަލުން ބޭނުންކުރުމަށް ރިސޯޓްފެންވަރުގައި ކުރާ މަސައްކަތްތަކާއި އަދި ރިސައިކަލްކުރުމަށް ކުރާ މަސައްކަތްތައް އެޕްލިކޭޝަން ފޯމްގައި ހުށަހަޅާ މައުލޫމާތުތަކުން އެނގެން ހުންނަންވާނެ ކަމަށް އެމިނިސްޓްރީ އިން ބުނެ އެވެ.

އެވޯޑް ދޭނީ ތްރީ އާރު ނުވަތަ ރިޑިއުސް، ރިޔޫސް ރިސައިކަލްގެ ޕްރެކްޓިސްތައް ތަންފީޒުކޮށް ރިސޯޓުތަކުން ބޭރުކުރާ ކުނިތައް މަދުކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ ރިސޯޓަށެވެ.

ތްރީ އާރު އެވޯޑް ދޭނީ 16 އޯގަސްޓްގައި ފާހަގަކުރާ ގައުމީ ތްރީ އާރު ދުވަހާ ގުޅުވައިގެންނެވެ.

comment ކޮމެންޓް