ހައްދުންމައްޗަށް ލޮޅުމެއްގެ އިހުސާސް ކުރެވިއްޖެ

ހައްދުންމަތީގެ ގުޅިފައިވާ ރަށްރަށަށް ލޮޅުމެއްގެ އިހުސާސް ކުރެވިއްޖެ ކަމަށް އެ ރަށްރަށުގެ މީހުން ބުނެފިއެވެ.

ލ. އަތޮޅުގެ ފޮނަދޫ، ގަން، ކައްދޫއަށް ލޮޅުމުގެ އިހުސާސް ކުރެވިފައިވާ ކަމަށާއި ކުޑަދޮރުތައްވެސް ތެޅުނު ކަމަށް ފޮނަދޫއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ބައެއް މީހުން ބުނި ގޮތުގައި މި ލޮޅުން އިހުސާސްކުރެވުނީ މިއަދު ހެނދުނު 11:30 ހާ އިރުއެވެ. އަދި ލޮޅުން އިހުސާސްކުރެވުނީ ދެ ތިން ސިކުންތަށް ކަމަށްވެސް މީހުން ބުންޏެވެ.

"ސަން"އަށް މައުލޫމާތު ދެމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ލ. އަތޮޅުގެ ރަށްރަށަށް ލޮޅުމެއް އައިސްގެން ރިޕޯޓުކޮށްފައި ވާ ކަމަށެވެ. ނަމަވެސް އެ ސަރަހައްދަށް ބިންހެލުމެއް އައިސްފައި ވާކަމަށް ސައިސްމޯމީޓަރުތަކުން ނުދައްކާ ކަމަށްވެސް މެޓުން ބުންޏެވެ.

މެޓު އޮފީހުން ބުނީ މި ލޮޅުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ކަމެއް ކުރިމަތިނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ސަރަހައްދަކީ ބިންހެލުމުގެ އަސަރުކޮށްފާނެ ގޮތަކަށް އުފެދިފައިވާ ސަރަހައްދުތަކެއް ނޫންކަމަށްވެސް މެޓުން ބުންޏެވެ.

"ބިންހެލުން މި އަންނަނީ ޓެކްޓޯނިކް ޕްލޭޓުތައް ކައިރީގައި ހުންނަ ސަރަހައްދުތަކަށް. ރާއްޖެއަކީ އެފަދަ ސަރަހައްދެއްގައި އޮންނަ ގައުމެއް ނޫން،" މެޓުން ވާހަކަދެއްކެވި ފަރާތުން ވިދާޅުވިއެވެ.

މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ "ގދ. ކާދެއްދޫގައި ހުރި ބިންހެލުން ރިކޯޑުކުރާ ސެންސަރުން މި ގުޑުމުގެ އަސަރު ރިކޯޑު ކުރެވުނު ނަމަވެސް މިއީ ބިންހެލުމެއް ކަމަށް ރިކޯޑުކުރެވިފައި ނުވާ" ކަމަށެވެ. އަދި މި ސަރަހައްދުތަކުގެ އެހެން ގައުމުތަކުގައި ހުރި ސައިސްމޯމީޓަރުތަކުން މި ލޮޅުމުގެ އެއްވެސް އަސަރެއް ފެންނަން ނެތް ކަމަށްވެސް ބުންޏެވެ.

ހުސްވި މެއި މަހުގެ 22 ވަނަ ދުވަހު ފާދިއްޕޮޅުގެ ބައެއް ރަށްރަށަށްވެސް ލޮޅުމެއްގެ އިހުސާސް ކުރެވުނެވެ. އެފަހަރު މެޓުން ބުނީ އެ ސަރަހައްދަށް ބިން ހެލުމެއް އައިކަމުގެ ރިކޯޑު ކުރެވިފައި ނުވާ ކަމަށެވެ.

comment ކޮމެންޓް