އެމެރިކާގެ ހައިބަތު ގެއްލޭފަދަ ދޫތަކެއް ކިމްއަށް ދެއްވި ކަމަށް ބުނެ ޓްރަމްޕަށް ބޮޑެތި ފާޑުކިޔުންތަކެއް

ޓްރަމްޕް އަދި ކިމްގެ ބައްދަލުވުން -- ފޮޓޯ/ ރޮއިޓާސް

ސިންގަޕޫރުގައި އިއްޔެ ބޭއްވި އުތުރު ކޮރެއާއާއި އެމެރިކާގެ އިސްވެރިންގެ ސަމިޓްގައި އެއްބަސްވެވަޑައިގެންނެވި ކަންތައްތަކުގެ ދެކުނު ކޮރެޔާއާ ގުޅިގެން އެމެރިކާ ޒަމާނުއްސުރެ ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތައް އެއްކޮށް ހުއްޓާލުން ހިމެނިފައިވާތީ އެމެރިކާގެ ހަރުކަށި ފަރަތްތަކުން އެކަމާމެދު ކަންބޮޑުވާކަން ހަމަކޮށްފިއެވެ.

ޕެންޓަގަންއާއި ސީއައިއޭގެ ބައެއް ހަރުކަށި މަސްއޫލުވެރިން ވިދާޅުވީ ޓްރަމްޕްގެ މި ނިންމެވުމަކީ ދުނިޔޭގައި އެކަހެރިވެފައިވާ އުތުރު ކޮރެއާގެ ޒައީމު ކިމް ޖޮންގް އުންއަށް އެމެރިކާއިން ދިން ވަރަށް ބޮޑު ދުލެއްކަމަށާއި، އެމެރިކާއިން މިހާ ބޮޑު ދުލެއް ކުއްލިއަކަށް ދިނުމަކީ ކިމްގެ އަގު ދުނިޔޭގެ ކުރިމަތީގައި ވަރަށް ބޮޑަށް އުފުލި، އެމެރިކާގެ އަގާއި ހައިބަތު ވަރަށްބޮޑަށް ވެއްޓިގެން ދިޔަ ކަމެއް ކަމުގައެވެ.

އަދި ފުރަތަމަ ބައްދަލުވުމުން އުތުރު ކޮރެއާއަށް މިހާ ބޮޑު ދުލެއް ދޭންޖެހޭވަރަށްވުރެ އެމެރިކާ ބާރުގަދަވެފައި އެމެރިކާގެ ހައިބަތު ބޮޑު ކަމަށާ އެއްވެސް ދުލެއްނުދީވެސް އެމެރިކާ ބޭނުންވާ މަގްސަދުތައް އުތުރުކޮރެޔާގެ ކިބައިން ހާސިލް ކުރެވޭނެ ކަމަށް މި ފަރާތްތަކުން ދެކެއެވެ.

މި މައްސަލައިގައި މި ފަރާތްތަކުން ޓްރަމްޕަށް ފާޑުކިޔައި، އެމެރިކާގެ މީޑިއާއަށ ބަޔާންތައް ދެއްވީ ނަން ހާމަނުކޮށެވެ.

މީގެ އިތުރުން ކޮންގްރެސްގައި ހިމެނޭ ރިޕަބްލިކަން ޕާޓީގެ ބައެއް ބޭފުޅުންވެސް ވަނީ މި މޭރުމުން ޓްރަމްޕަށް ފާޑުވިދާޅުވެފައެވެ. ކިމްއާއި ޓްރަމްޕާ ދެމެދު ސިންގަޕޫރުގައި ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ވަނީ ދެކުނު ކޮރެއާއާއި އެމެރިކާ ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކަކީ އުތުރު ކޮރެއާ ރުޅިއެރުވުމަށް ކުރާ ބޭކާރު، އަދި ޚަރަދު ބޮޑު ކަމެއް ކަމަށްވެސް ސިފަކުރައްވާފައެވެ.

އެމެރިކާގެ އެކި ފަރާތްތަކުން ޓްރަމްޕާ މެދު ހިތްހަމަނުޖެހުން ފާޅުކުރީ، އަސްކަރީ ތަމްރީނުތައް މި ފަދައިން ސިފަކުރުމުންނެވެ. ނަމަވެސް ޓްރަމްޕް ވަނީ އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ނައްތާލުމުގައި ގިނަ ފިލާވަޅުތަކެއް އަޅަންދެން އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލައި ދަމަހައްޓާނެކަމަށް ވިދާޅުވެފައެވެ.

ތިރީސް ހާހަކަށް އެމެރިކާ ސިފައިން ދެކުނު ކޮރެއާގައި ތިބެއެވެ. އުތުރު ކޮރެއާއިން ދެކެނީ އެމެރިކާއިން ދެކުނު ކޮރެއާގެ ސިފައިންނާ ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކަކީ އެގައުމާ ހަނގުރާމަކުރުމަށް ހިންގާ އަސްކަރީ އަމަލެއްގެ ގޮތުގައެވެ. އެހެންކަމުން އެމެރިކާގެ އަސްކަރީ ތަމްރީނުތައް ވަގުތީ ގޮތުން ހުއްޓާލުމަކީ އުތުރު ކޮރެއާއިން އެމެރިކާގެ ކިބައިން އަބަދުވެސް އެދެމުންދާ ކަމެކެވެ.

އަނެއްކޮޅުން އެމެރިކާއާއި އުތުރު ކޮރެއާއާ ދެމެދު ޒަމާނުއްސުރެ އޮތް ރުޅިވެރިކަމާއި ދުޝްމަންކަން ކުއްލިއަކަށް ބަދަލުވާ ކަހަލަ ގޮތަކަށް ޓަރްމަޕް ސިންގަޕޫރުގެ ސަމިޓް ކުރިޔަށް ގެންދެވުމުންވެސް އެމެރިކާގެ ހަރުކަށި ފަރާތްތައް ވަނީ ނުރުހިފައެވެ. މިއީ އުތުރު ކޮރެއާ ފަދަ ކުޑަ އަދި އެކަހެރިވެފައިވާ ގައުމެއްގެ ޑިކްޓޭޓަރެއްގެ ކުރިމަތީގައި އެމެރިކާގެ އަގު ވެއްޓިގެން ދިޔަ ކަމެއް ކަމަށާ މިގޮތަށް ހަރަކާތްތެރިވާ ވަރަށް ވުރެ އެމެރިކާއަކީ ބާރުގަދަ، އަދި އެހެން ގައުމުތައް ޖެހިލުންވާފަދަ ގައުމަކަށް ވާންޖެހޭނެ ކަމަށްވެސް މިފަރާތްތަކުން ދެކެއެވެ. އަދި އެމެރިކާއާއެކު އެއްބަސްވިގޮތަށް އުތުރު ކޮރެއާއިން އަމަލުކުރާނެ ކަމާ މެދުވެސް މިފަރާތްތަކުން ވަނީ ޝައްކު އުފައްދާފައެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމްއާ ދެކޮޅަށް މީގެ ދެ ތިން މަސް ކުރިން ޒާތީ ގޮތުން ބަހުގެ ހަމަލާތައް ދެއްވައި މަލާމާތްވެސް ކުރެއްވުމަށްފަހު ކުއްލި ގޮތަކަށް ކިމްއާ އެހާ ގާތްގޮތަކަށް ޓްރަމްޕް މުއާމަލާތް ކުރެއްވުމުން އެމެރިކާގެ ބައިވެރިންނާއި މުޅި ދުނިޔެއަށްވެސް ވަނީ ހައިރާންކަން ލިބިފައެވެ.

ސިންގަޕޫރުގެ ސެންޓޯސާގެ ކަޕެއްލާ ހޮޓެލްގައި އިއްޔެ ބޭއްވި ތާރީޚީ ބައްދަލުވުމަށްފަހު ދެ ބޭފުޅުން ސޮއިކުރެއްވި އެއްބަސްވުމުގައި މައިގަނޑު ހަތް ކަމެއް ހިމެނެއެވެ. އޭގެ ތެރޭގައި މާޒީގެ ސަފްހާ ދޫކޮށް އެމެރިކާއާއި އުތުރު ކޮރެއާއާ ދެމެދު ގުޅުންތައް ގާއިމުކުރުމުގެ މުޅިން އާ ސަފްހާއެއް ފެށުމާއި ކޮރެއަން ޕެނިންސިއުލާއަކީ ނިއުކްލިއާ ހަތިޔާރުން ސަލާމަތްވެފައި ވާ ސަރަހައްދަކަށް ހެދުމާއި، އުތުރު ކޮރެއާގެ ވެރިކަމުގެ ނިޒާމު ހިމާޔަތްކުރުމުގެ ޖާމިނުވުން އެމެެރިކާ އެ ގައުމަށް ދިނުމާއި ދެ ކޮރެއާ ދެމެދުގައި ސާއިމީ ސުލްހައެއް ގާއިމުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމއި، ކޮރެއާ ހަނގުރާމައިގައި ގެއްލިފައިވާ މީހުންނާއި އަސީރުންގެ ގޮތުގައި ތިއްބައި މަރުވި މީހުންގެ ހަށިތައް އާއިލާތަކާ ހަވާލުކުރުން ހިމެނެއެވެ.

މީގެއިތުރުން ސަމިޓްގައި އެއްބަސްވެވަޑައިގެންނެވި ކަންތައްތައް ތަންފީޒުކުރުމަށް ދެގައުމު ގުޅިގެން މަސައްކަތްކޮށް އެކަމަށް އެއްބާރުލުން ދިނުމާއި ދެކުނު ކޮރެއާއާއި އެމެރިކާގެ އަސްކަރީ ތަމްރީނުތައް ހުއްޓާލުންވެސް ހިމެނެއެވެ.

ސަމިޓަށްފަހު ދެއްވި ބަޔާނުގައި އުތުރުކޮރެއާގެ ޒައީމް ވިދާޅުވީ މި ސަމިޓާއެކު އެމެރިކާއާއި އުތުރު ކޮރެއާގެ ގުޅުންތައް އާ މަރުހަލާއަކަށް ވަދެފައިވާ ކަމަށާ ދެގައުމުގެ ގުޅުންތަކުގައި ގިރާކުރެވިފައި ނުވާ އެތައް ކަމެއް ސަމިޓުގެ ސަބަބުން ގިރާކުރެވިއްޖެ ކަމުގައެވެ. ދެ ކޮރެއާގެ މެދުގައި ސުލްހަ ގާއިމުކުރުމުގެ އިތުރުން އެމެރިކާއާއި އުތުރު ކޮރެއާއާ ދެމެދު ސުލްހަ ގާއިމުކުރުމުގެ ފުރަތަމަ މަރްހަލާ މިހާރު ފެށިގެން ދިޔައީ ކަމަށްވެސް ކިމް ޖޮންގް އުން ވިދާޅުވިއެވެ. ޓްރަމްޕް ވަނީ އޭނާއާއި އުތުރު ކޮރެއާގެ ޒައީމުގެ ސަމިޓު ސައްތައިން ސައްތަ ކާމިޔާބު ކަމަށާ ސަމިޓަށްފަހު ސޮއިކުރި އެއްބަސްވުމުގައި ދެ ގައުމުން ހާސިލްކުރަން ބޭނުންވާ ހުރިހާ ކަންތައްތަކެއް ހިމެނިގެން ދިޔަ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އެމެރިކާގެ ދިފާއާއި ގައުމީ ސަލާމަތާބެހޭ ސްޓްރެޓީޖިކް އަދި ބޮޑެތި ކަންކަން ނިންމަނީ ޑީޕް ސްޓޭޓްގެ މުއައްސަސާތައް އަޑީގައި އޮވެގެންނެވެ. މިފަދަ ހާލަތްތަކުގައި އެމެރިކާގެ ރައީސަކީ ނަމަކަށް ހުންނަވާ ބޭފުޅެކެވެ. އަދި އެމެރިކާގެ ޑިމޮކްރެޓިކް މުއައްސަސާތަކަކީވެސް ނަމަކަށް ހުންނަ ތަންތަނެވެ. އެމެރިކާގެ ޑީޕް ސްޓޭޓްގެ މުއައްސަސާތަކުގެ ތެރޭގައި ސީއައިއޭއާއި ޕެންޓަގަންގެ އިތުރުން ވޯލްސްޓްރީޓްގެ ބޮޑެތި ކުންފުނިތަކާއި އިސްރާއީލުގެ މަސްލަހަތުތައް ހިމާޔަތް ކުރަން މަސައްކަތްކުރާ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތަށްވެސް ނުރަސްމީ ގޮތެއްގައި ހަރަކާތްތެރިވެއެވެ.

މިފަރާތްތައް ނުރުހޭ ކަމެއް އެމެރިކާގެ އިންތިޚާބީ ވެރިއަކަށްވެސް ނުކުރެވޭނެއެވެ. އަދި ކުރިޔަށް ފަހުން އެކަން ހުއްޓުވައި އެކަމެއް އުވާލާނެއެވެ. އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވީވެސް ޑީޕް ސްޓޭޓް އަޑީގައި އޮވެގެން ޓްރަމްޕަށް ކުރިމަތިކުރި ފިއްތުންތަކުގެ ސަބަބުންނެވެ.

comment ކޮމެންޓް