އޮފްސައިޑްކަން ޔަގީން ނުވާނަމަ ލައިސްމަން ދިދަ ނުނަގާނެ!

ކުރިއަށް އޮތް ވޯލްޑް ކަޕްގެ މެޗުތަކުގައި އޮފްސައިޑްކަން ޔަގީން ނުވާނަމަ، އެފަދަ އެއްވެސް ހާލަތެއްގައި ލައިސްމަނަކު ދިދަ ނުނަގާނެ ކަމަށް ފީފާ ރެފްރީން ކޮމެޓީގެ ޗެއާމަން ޕިއާލުއީޖީ ކޮލީނާ ބުނެފިއެވެ.

ކޮލީނާ މިހެން ބުނެފައި ވަނީ މާދަމާ ރަޝިޔާގައި ފަށާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ރެފްރީންގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސް ކޮންފަރެންސްގައެވެ.

"ބައެއް ލައިންސްމަނުން ދިދަ ނުނަގަފާނެ ސުވާލު އުފެދޭ ނިންމުމެއްގައި. އެކަމަކު އެއީ ހެދޭ ގޯހެއް ކަމަށް ނުދެކޭތި. ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް)ގެ ނިންމުންތައް އެންމެ އެކަށޭނެ ގޮތުގައި ބޭނުން ކުރުމަށް އެގޮތަށް އަމަލުކުރަން ހުރިހާ ލައިސްމަނުންނަށްވެސް އަންގައިފައި އޮންނާނީ،" ކޮލީނާ ބުންޏެވެ.

މިއަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ ވީއޭއާރް ބޭނުން ކުރާ ފުރަތަމަ ވޯލްޑް ކަޕަށެވެ. ވީއޭއާރްގެ ނިންމުންތައް ނިންމުމަށް ގިނަ ވަގުތު ބޭނުންވާތީ، ވީއޭއާރްގެ ނިންމުންތަކަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައިވާ އިރު، ފީފާއިން ވަނީ މިދިޔަ އަހަރު ރަޝިޔާގައި ބޭއްވި ކޮންފެޑެރޭޝަންސް ކަޕްގައިވެސް ވީއޭއާރް ބޭނުންކޮށްފައެވެ.

ކޮލީނާ ބުނެފައި ވަނީ ލައިންސްމަނުންނަށް ދިދަ ނުނަގަން އެންގީ، ކުޅުންތެރިއަކު ގޯލަށް ޖަހަންދާ ވަގުތު އޮފްސައިޑް ނޫން އެއްޗަކަށް ދިދަ ނަގައިގެން ކުޅުން ހުއްޓިދާނެ ކަމަށް ވެދާނެތީ ކަމަށެވެ. އަދި ކުޅުން ހުއްޓުމަށްފަހު ވީއޭއާރުން ސައިޑް ނޫން ކަމަށް ނިމްފައިފި ނަމަ ދެން ކަމެއް ނުކުރެވޭނެތީ ކަމަށްވެސް ކޮލީނާ ބުންޏެވެ.

ވޯލްޑް ކަޕްގައި ވީއޭއާރް ބޭނުންކުރާނީ ފަސް ހާލަތެއްގައެވެ. ގޯލެއް ޖެހުމުން ނޫނީ ގޯލެއް ޖެހޭ ފަދަ ފުރުސަތެއް ހިމެނޭ ހާލަތެއްގައާއި، ޕެނެލްޓީއެއް ލިބެން ޖެހޭ ފަދަ ހާލަތެއް، ނުވަތަ ޕެނެލްޓީއެއް މަތަ ކުރުމުގެ ހާލަތެއްގައި، ސީދާ ރަތް ކާޑުގެ ހާލަތްތަކުގެ އިތުރުން ކުޅުންތެރިއާ އޮޅިއްޖެ ހާލަތަކެއްގައެވެ.

ވީއޭއާރް ބޭނުން ކުރާ ގަޑީގައި ރެފްރީއަށް ރިޕްލޭ ބެލުމަށް ފުރުސަތު ލިބުނު ނަމަވެސް ސްޓޭޑިއަމްތަކުން ވީއޭއާރްގެ އެއްވެސް މަންޒަރެއް ކުޅިބެލުންތެރިންނަށް ނުފެންނާނެ ކަމަށްވެސް ފީފާ އިން ބުނެފައިވެއެވެ.

comment ކޮމެންޓް