އަފްޣާނިސްތާނުގައި ސަންދޯއް ތައްޔާރުކުރާ މީހުންގެ ވާހަކަ!

އަފްޣާނިސްތާނުގައި ދިން ބޮމުގެ ހަމަލާއެއްގައި މަރުވި މީހެއްގެ ސަންދޯއް އުފުލަނީ---

ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ އަފްޣާނިސްތާނުގައި އެއްވެސް ދިރުމެއް ނެތް ފަދަ އެވެ. ނަވާރަ ސަތޭކަ ހަތްދިހަ ނުވަ ވަނަ އަހަރު ރަޝިއާ އިން އަފްޣާނިސްތާނަށް އެރުން ވެގެން ދިޔައީ ނިމުމެއް ނެތް ހަނގުރާމައަކަށެވެ. ރަޝިއާ އިން އެގައުމުން ފޭބި ނަމަވެސް މިއަދު އެމެރިކާގެ އިސްތިއުމާރުގެ ދަށުގައި އޮތް އެ ގައުމުން ކުށެެއް ނެތް އެތައް ބަޔަކު ވަނީ މިދުނިޔެއާ އަލްވަދާއު ކިޔައިފަ އެވެ.

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ގަބުރުސްތާނަކަށް ނަޒަރު ހިންގާލުމުން ވެސް ފާއިތުވި 40 އަހަރު ދުވަހުގެ ތެރޭގައި އެގައުމުގައި ލޭ އޮހޮރުވުން ހިނގާފައިވާވަރު ވަރަށް ރީއްޗަށް ހާމަވެ އެވެ. އިންސާނުންގެ ފުރާނައިގެ އެއްވެސް އަގެއް ނެތް ކަން ތޮއްޖެހިފައިވާ މަހާނަތަކުން އެނގެ އެވެ.

އަފްގާނިސްތާނުގައި ދިން ބޮމުގެ ހަމަލާއެއްގައި މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން--

މީގެ އަހަރުތަކެއް ކުރިން އެ ސަރަހައްދުގައި ހުރީ ސަންދޯއް ހަދާ އެންމެ ފިހާރައެކެވެ. ނަމަވެސް މިހާރު ތަފާތެވެ. އެ ހިސާބު ގަނޑުގައި ވަށައިގެންވާ ގިނަ ފިހާރަތަކުން ވިއްކަނީ ކާއެއްޗިއްސެއް ނޫނެވެ. އެ ފިހާރަތަކުން ވިއްކަނީ ސަންދޯކެވެ. ސަންދޯކަށް އޮންނަ ޑިމާންޑް ބޮޑުވެގެން ގޮސް އެ ސަހަރުގެ އެހެން ހިސާބުތަކުގައި ވެސް މިހާރު އެންމެ ހިނގާ ވިޔަފާރިއަކަށް ސަންދޯކުގެ ވިޔަފާރި ވެެއްޖެ އެވެ.

އުމުރުން އެންމެ 28 އަހަރުގެ އަބްދުﷲ ސުލްތާނީ ސަންދޯއް ތައްޔާރުކުރުމުގެ ވިޔަފާރީގައި އުޅޭތާ މިހާރު ހަތަރު އަހަރެވެ.

"ބޮން ގޮއްވުން މިތާ އިތުރުވާ ވަރަކަށް، ސަންދޯއް ފިހާރަތައް ވެސް މިހާރު މިވަނީ އިތުރުވެފައި." ސުލްތާނީ ކިޔައިދިނެވެ.

އަފްޣާނިސްތާނުގައި ބޮންގޮވުމަމީ ނިމުމެއް ނެތް ކަމަކެވެ. އެހެންކަމުން ސުލްތާނީ ފަދަ ސަންދޯއް ތައްޔާރުކުރާ މީހުންނަށް ހިންދެމިލާނެ ވަގުތެއް ގިނަ ފަހަރު އޮންނަނީ ނުލިބިފަ އެވެ.

"އަހަރެން އަބަދު ވެސް ހުންނަނީ ނުތަނަވަސްވެފައި. އެކަމަކު ވެސް އަހަރެން 24 ގަޑިއިރު މިފިހާރާގައި މިއިންނަނީ މީހުންނަށް ހިދުމަތް ދޭންވެގެން." ސުލްތާނީ ކިޔައިދިނެވެ.

އަފްޣާނިސްތާނުގެ ޝިއާ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއަކަށް ފަހު ސުލްތާނީއަށް ކުޑަކުދިންގެ ސަންދޯއްތަކެއް ވެސް ހަދަން ޖެހުނެވެ.

''އަހަރެއް އެދުވަހު އެކަނިވެސް ހަތް ސަންދޯއް ވިއްކިން. އެ ހުރިހާ ސަންދޯއްތަކަކީ ވެސް އެއް އާއިލާއެއްގެ މެމްބަރުންނަށް ތައްޔާރުކުރި ސަންދޯކެއް. އޭގައި ހިމެނޭ މަންމަ، ބައްޕަ، ދަރިން." އަސަރާއެކު ސުލްތާނީ ކިޔައިދިނެވެ.

ސަންދޯއް ވިއްކުމަށް އިޝްތިހާރު ކޮށްފައިވާ ބެނާއެއް--

ހަމަލާއެއްގައި ކުޑަކުއްޖަކު މަރުވެދާނެ ކަމަށް ބަލައި ސުލްތާނީ ތައްޔާރުކޮށްފައިވާ ކުދި ދެ ސަންދޯކެއް އޭނާގެ ފިހާރާގައި މިހާރު ވެސް އެބަ ހުއްޓެވެ.

"އަހަރެން މި މަސައްކަތާ ދޭތެރޭ ހިތްހަމައެއް ނުޖެހޭ. އެކަމަކު ވެސް އަހަރެން ދެން ވަކި ކީއްކުރާނީ؟." ސުލްތާނީ ކިޔައިދިނެވެ.

އެއްފަހަރު ކާކު ކަން ނޭނގޭ ވަރަށް ކުދިކުދި ވެފައިވާ ހަށިގަނޑެއް އޭނާ ކައިރިއަށް ގެނައި ދުވަސް މިހާރު ވެސް ސުލްތާނީ ހަނދާން އެބަހުއްޓެވެ.

"އޭނާގެ އާއިލާ މީހުންނަށް ވެސް ނޭނގުނު ކާކުކަން ވަކިކުރާކަށް. މިފަދަ ކަންތައްތަކާ މެދު ވިސްނާ ކޮންމެ ފަހަރަކު އަހަރެންނަށް ވަރަށް ބޮޑަށް އަސަރުކުރޭ." ސުލްތާނީ ކިޔައިދިނެވެ.

ސަންދޯއް ތައްޔާރުކުރާ އެހެން މީހެއްގެ ވާހަކައެކެވެ. މިއީ ސާމިއުﷲގެ ވާހަކަ އެވެ. ޔޫރަޕްގެ ޔުނވާސިޓީއެއްގައި ގާނޫނު ކިޔެވުމަށް ފަހު އަފްޣާނިސްތާނަށް އެނބުރި އައުމުން ލިބުނު ވަކި ހިތްހަމަޖެހުމެއް ނެތެވެ. އޭނާއަށް ވަޒީފާއެއް ނުލިބުނެވެ. ރަހުމަތްތެރިއެއްގެ ލަފަޔަށް ސަންދޯކުގެ ވިޔަފާރީގެ ތެރެއަށް އޭނާ ވަނީ އެހިސާބުންނެވެ.

"އަހަރެން ބޭނުމެއް ނޫން ބޮމުގެ ހަމަލާތަކުގައި މަރުވާ މީހުންނަށް ސަންދޯއް ވިއްކާކަށް. އެމީހުންގެ އާއިލާތައް ތިބެނީ ވަރަށް ނިކަމެތި ހާލެއްގައި. އެމީހުން އައިސް އަހަރެންނާ ޒުވާބުކޮށް ގަޔަށް އަތްލައި ހެދިޔަސް އަހަރެން އަޅައެއް ނުލަން. އަހަރެން ނުބުނާނަން އެއްވެސް އެއްޗެއްވެސް. އަހަރެންނަށް އިހުސާސް ކުރެވޭ އެމީހުންގެ ހާލަތު،" ސާމިއުﷲ ކިޔައިދިނެވެ.

ސާމިއުﷲ ބުނީ އޭނާ އާންމުކޮށް ހަފުތާ އަކު ދެތިން ސަންދޯއް ވިއްކާ ކަމަށެވެ. އަދި ބޮމުގެ ހަމަލާތައް އިތުރުވާ ނަމަ އޭނާގެ ވިޔަފާރި ރަނގަޅުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ސަންދޯކުގެ އަގު އާންމުކޮށް އުޅެނީ 15 ޑޮލަރާއި 60 ޑޮލަރާ ދެމެދެވެ. އެއް ސަހަރުން އަނެއް ސަހަރަށް ގެންދަން ޖެހޭ ސަންދޯކުގެ އަގު ބޮޑުވެ އެވެ.

ސަންދޯއް ތައްޔާރުކުރި ނަމަވެސް ގިނަ ފަހަރު ހަށިގަނޑުތައް ސަންދޯކަށް ލުމާ ކަންތައްތައްތަކުގައި ސާމިއުﷲ އެއް ނޫޅެ އެވެ. އެ ފަދަ ހަށިގަނޑުތައް ފެނުމުން އޭނާއަށް އުނދަގޫވެ އެވެ.

''އެއް ފަހަރަކު މީހަކު ކާރެއްގައި އައިސް އަހަރެންގެ ފިހާރައަށް އައި ވަރަށް ރުޅި އައިސްފައި. ރޮކެޓް ހަމަލާއެއްގައި އޭނާގެ ދަރިފުޅު މަރުވީ. އަހަރެން އެހިން އޭނާގެ ކައިރީގައި ކިހާ ވަރެއްގެ ސަންދޯކެއް ހޭ ހަދަންވީ. އޭނަ ބުނީ އަހަރެން ކައިރީގައި އޭނާގެ ދަރިފުޅު ބަލާފައި ސަންދޯއް ހަދާށޭ. އެއީ 13 އަހަރުގެ ކުއްޖެއް. ވަރަށް ދެރަވި ދުވަހެއް އެއީ." ސާމިއުﷲ ކިޔައިދިނެވެ.

އޮނަތިރީސް އަހަރުގެ ބަރިޔާލޭ ހާން އަކީ ވެސް ސަންދޯކުގެ ވިޔަފާރީގައި ހަރަކާތްތެރިވާ މީހެކެވެ. އޭނާ އެ މަސައްކަތް ކުރާތާ މިހާރު މީ ތިން ވަނަ އަހަރެވެ.

ކާބުލްގެ އެންމެ ކާރޫ ބާރު ބޮޑު މަގެއްގައި ވަރުގަދަ ބޮމެއް ގޮއްވާލި ދުވަސް މިހާރު ވެސް އޭނާ ހަނދާން އެބަ ހުއްޓެވެ. އެ ހާދިސާގައި 150 މީހުން މަރުވި އެވެ. އެ ދުވަހު އޭނާ 50 ސަންދޯއް ވިއްކަން ޖެހުނެވެ.

ކާބުލްގެ ޝީއީ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއަކަށް ފަހު މިސްކިތް ލެއިން ތަތްތެޅިފައި--

އެ ހާދިސާގައި އޭނާގެ ކައިރިއަށް ގެނައި ބައެއް ހަށިގަނޑުތައް ހުރީ މުޅިން ކުދިކުދިވެފަ އެވެ. އެއީ ކާކު ކަން ވެސް ނޭނގެ އެވެ. އެމީހުންގެ ހަށިގަނޑުތައް ހުރީ ފޮށިގަނޑުތަކަށް އަޅާފަ އެވެ. އެ ހާދިސާއަށް ފަހު ތިން ދުވަސް ވަންދެން ނުވެސް ކެވުނު ކަމަށް ހާން ބުންޏެވެ.

ހާން ބުނީ ސަންދޯކުގެ ވިޔަފާރިން އޭނާއަށް ރަނގަޅު އާމްދަނީ އެއް ލިބޭ ކަމަށާއި އެހެންނަމަވެސް އޭނާގެ ދަރިން އެ ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުން ނުވާ ކަމަށެވެ.

"އަހަރެން މި މަސަައްކަތް މި ކުރަނީ މަޖުބޫރުވެގެން. މި ގައުމު އަމާން ނަމަ މިހާ ވަރަކަށް ސަންދޯކެއް ބޭނުމެއް ނުވާނެ." ހާން ކިޔައިދިނެވެެ.

comment ކޮމެންޓް